އުފާވެރިކަން ބޭނުންވާ ނަމަ ކަސްރަތު ކުރޭ!

ކަސްރަތު ކުރުމަކީ އިންސާނާގެ ހަށިގަނޑަށް ފައިދާވެ މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެކެވެ. ބަލިތަކުން ދުރުކޮށްދިނުމަށް ކަސްރަތު އެހީތެރިވެދޭއިރު ކަސްރަތަކީ މީހާގެ މޫޑު ރަނގަޅުކޮށް އުފާވެރިކަން ވެސް ގެނެސްދޭ ކަމެއް ކަން އެނގޭ ހެއްޔެވެ؟

ކަސްރަތު ކުރުމަކީ މީހާގެ މޫޑު ރަނގަޅުކޮށް އުފާވެރިކަން ގެނެސްދިނުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އެހީތެރިވެދޭ ކަމެއްކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ.

އެމެރިކާގެ އިންޑިއާނާ ޔުނިވާސިޓީގެ ޕަބްލިކް ހެލްތު ސްކޫލުން ކުރިއަށް ގެންދިޔަ ދިރާސާއަކުން އެނގުނު ގޮތުގައި ކަސްރަތަކީ ޖިސްމާނީ ގޮތުން ފައިދާ ލިބުމުގެ އިތުރުން ނަފްސާނީ ގޮތުން ވެސް ފައިދާ ލިބޭ ކަމެކެވެ.

އިންޓަގްރެޓިވް މެޑިސިން ފިޒީޝިއަނެއް ކަމަށްވާ ޑރ. އައިރީނާ ތޮދޮރޯވް ބުނާގޮތުގައި ކަސްރަތުގެ ސަބަބުން މީހާގެ ޑިޕްރެޝަނަށް ވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.

"ކަސްރަތު ކުރުމުން މީހާގެ ޑިޕްރެޝަންގެ ހާލަތު އެބަ ރަނގަޅުވޭ. އޭގެއިތުރުން ކޮލެސްޓްރޯލް ޕްރޮފައިލް ރަނގަޅުވުމާއި ލޭގެ ޕްރެޝަރު ވެސް ދަށް ކޮށްދިނުމަށް ކަސްރަތު އެހީތެރިކަން ފޯރުކޮށްދޭ،" އައިރީނާ ފާހަގަކުރިއެވެ.

އިންޑިއާނާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށް ޖެކް ރެގްލިން އަކީ މި ދިރާސާ ހެދުމުގައި މަސައްކަތްކޮށްފައިވާ ސައިންޓިސްޓެކެވެ. އޭނާ ފާހަގަކުރާގޮތުގައި ކަސްރަތު ކުރާއިރު އިންސާނާގެ ހަށިގަނޑުން އެކި ކަހަލަ ހޯމޯން އުފައްދައެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ހޯމޯން އަކީ އެންޑޯކެނިބިނޮއިޑްސްއެވެ. މިއީ އިންސާނާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދީ މޫޑު ރަނގަޅު ކޮށްދޭ ހޯމޯން އެއް ކަމަށް ރެގްލިން ފާހަގަކުރެއެވެ.

އޭނާ ފާހަގަކުރާ ގޮތުގައި ކަސްރަތު ކުރާ މިންވަރު އިތުރު ކުރާ ވަރަކަށް އެ ހޯމޯން އުފެދޭ މިންވަރު ވެސް އިތުރުވާނެއެވެ. އެހެންވީމާ އާންމުކޮށް، މެދުކެނޑުމެއް ނެތި ކަސްރަތު ކުރާ މީހުން، ކަސްރަތު ނުކުރާ މީހުންނަށް ވުރެ އުފާވެރި ދިރިއުޅުމެއް އުޅޭނެ ކަމަށް ރެގްލިން އިޝާރާތްކުރިއެވެ.

comment ކޮމެންޓް