ވަޓްސްއެޕުން އިންޑިއާގައި ދެ މިލިއަނަށް ވުރެ ގިނަ އެކައުންޓް މަނާކޮށްފި

ވަޓްސްއެޕްގެ ގަވާއިދުތަކާއި އާންމު އުސޫލާ ޚިލާފުވެގެން މިދިޔަ އޮކްޓޯބަރު މަހު އިންޑިއާގައި ދެ މިލިއަނަށް ވުރެ ގިނަ އެކައުންޓް އެ ޕްލެޓްފޯމުން މަނާކޮށްފިއެވެ.

މެޓާގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ވަޓްސްއެޕުން ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިންގާ ތަފާތު ޖަރީމާތައް ހުއްޓުވުމުގެ މަޤްޞަދުގައި އިސްލާހު ކުރަމުން އަންނަ އާ އައިޓީ ގަވައިދާ އެއްގޮތަށް، އޮކްޓޯބަރު މަހު އިންޑިއާގައި ގިނަ އަދަދެއްގެ ވަގު އެކައުންޓް މަނާކޮށްފައިވާ ކަމަށެވެ.

ވަޓްސްއެޕްއިން ބުނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 2،324،000 ވަޓްސްއެޕް އެކައުންޓް މަނާކޮށްފައިވާއިރު، އޭގެ ތެރެއިން 811،000 އެކައުންޓް މަނާކޮށްފައި ވަނީ އެއްވެސް ބަޔަކު ރިޕޯޓު ނުކުރަނީސް، ވަޓްސްއެޕްއިން އަމިއްލައަށް ބެލިބެލުމަށް ފަހު ކަމަށެވެ.

އިންޑިއާގައި 400 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ވަޓްސްއެޕްއަށް އޮކްޓޯބަރު މަހު އެގައުމުން 701 ޝަކުވާގެ ރިޕޯޓް ލިބިފައިވާއިރު، އޭގެ ތެރެއިން 34 ރިޕޯޓަކާ ގުޅިގެން ފިޔަވަޅު އަޅައިފައިވާ ކަމަށް އެ ޕްލެޓްފޯމްގެ ތަފާސްހިސާބުން ދައްކައެވެ.

އިންޑިއާގެ އިސްލާހުކޮށްފައިވާ އައިޓީ ގަވައިދު 2021ގެ ދަށުން، ފަސް މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން، އެ ގަވާއިދަށް އަމަލުކުރާ މިންވަރާ ބެހޭ ރިޕޯޓު މަހުންމަހަށް ޝާއިއު ކުރަން ޖެހެއެވެ.

އެ އިސްލާހުގެ ދަށުން، ގަވާއިދާ ޚިލާފު އަދި އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު ކޮންޓެންޓް އަޕްލޯޑް ކުރުން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަކީ ޝޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ.

އެކައުންޓް މަނާ ކޮށްފިނަމަ ކަންތައް ކުރަންވީ ގޮތް

ވަޓްސްއެޕުން ބައެއް ފަހަރު އެއްވެސް އިންޒާރެއް ނުދީވެސް އެކައުންޓެއް ބޭނުންނުކުރެވޭ ގޮތް ހަދައިފާނެއެވެ. އެގޮތުގެ މަތިން އެކައުންޓެއް މަނާކޮށްފިނަމަ ވަޓްސްއެޕަށް ވަނުމަށް މަސައްކަތް ކުރާއިރު މެސެޖެއް އަރާނެއެވެ. އެ މެސެޖުގައި އޮންނާނީ އެ ފޯނު ނަންބަރުން ވަޓްސްއެޕް ބޭނުންކުރުން މަނާ ކަމަށާއި އެހީއެއް ބޭނުންނަމަ ވަޓްސްއެޕް ސަޕޯޓާ ވާހަކަ ދެއްކުމަށެވެ. އެގޮތުން ޖެހޭނީ ވަޓްސްއެޕް ސަޕޯޓަށް މެއިލްއެއް ކުރާށެވެ.

comment ކޮމެންޓް