މިދުވަސްވަރު ޖައްވު ނުސާފުކަން ފާހަގަވޭތަ؟

މާލޭގެ ޖައްވު ނުސާފު ވެފައި / ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ހެނދުނުގެ ވަގުތަކީ ދުވަސް ފެށުމުގެ ކުރީން ކަސްރަތު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ބޭރަށް ނުކުމެ އުޅޭ ވަގުތެވެ. އިރު އަރައިގެން އަންނަ ވަގުތު ކަސްރަތު ކުރާ މީހުން ކޮންމެ ދުވަހަކުހެން ވެސް ފެނެއެވެ. އެގޮތަށް ދާ މީހުންނަށް މޫސުން ރަނގަޅު ދުވަސް ދުވަހު ހުޅުލެއާއި މާލެ ކައިރި ރިސޯޓުތަކާއި ފުނަދޫ ފެންނާނެއެވެ.

ނަމަވެސް އެހެން ދުވަސްތަކާ ޚިލާފަށް މިދުވަސްވަރު ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވަނީ ޖައްވުގެ ނުސާފު ކަމަށެވެ. ކައިރި ރަށްތައް ފެންނަ ވަރަށް ވުރެ ޖައްވު ނުސާފުވެފައިވާތީއެވެ.

މާލެ ކައިރި އޮންނަ ތިލަފުށިން ކުނި އެންދި ދުވަސްވަރު ދޭތެރެއަކުން މާލެތެރޭގެ ވައި ނުސާފުވާ ވާހަކަ އަޑުއެހި ނަމަވެސް މިހާރު ފެންނަނީ ކުނި އެންދުމުން އަރާ ދުމަށް ވުރެ ތަފާތު ދުމެކެވެ.

މިދުވަސްވަރު ޖައްވު ނުސާފުކޮށް ފެންނަނީ ކީއްވެ؟

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި މި ދުވަސްވަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޖައްވު ނުސާފުވުން އެކަށީގެންވެއެވެ. މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދެއްވި ގޮތުގައި އެއީ ދެމޫސުން ބެދޭ ހިސާބު ވަރަށް އާންމު ކަމެކެވެ.

މާލޭގެ ޖައްވު ނުސާފު ވެފައި / ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

އެގޮތުން މިދުވަސްވަރަކީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ ދުވަސްވަރެއް ކަމުން، އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު ރާއްޖެއާ ހަމައަށް ހިރަފުހާއި ދުން ފޯރަން މެދުވެރިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެކަމުގެ ސަބަބުން، ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ. އާންމު ގޮތެއްގައި މިކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. އެއީ އިންޑިއާއަށް ވެސް ދިމާވެފައި މައްސަލައެއް ކަމަށްވާ "ހޭޒް" ފެތުރުމެވެ.

"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒް އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.

މީގެއިތުރުން، އިރު އަރާ ވަގުތާއި އިރުއޮއްސޭ ވަގުތު އާދަޔާ ޚިލާފަށް އުޑުމަތި ނުވަތަ އިރުގެ ކުލަ ރަތް ވުމަކީވެސް ހޭޒްގެ ސަބަބުން ދިމާވާ ކަމެކެވެ. މިދުވަސްވަރު އިރު އަރާ، އޮއްސޭ މަންޒަރު ރީތި ދުވަސްވަރެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އެކަމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

މިއަދު އިރުއޮއްސުނު މަންޒަރު / ސަން ފޮޓޯ

ހޭޒްގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު

ހޭޒްއާ ބެހޭ ގޮތުން ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން މީގެ ކުރިން އާންމުކޮށްފައިވާ އިލްތިމާސެއްގައިވާ ގޮތުން، ސިއްހަތު ރަނގަޅު މީހުން ހޭޒް ތެރެއަށް ނުކުމެ އުޅުމުން ލޮލާއި ނޭފަތާއި ކަރުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ހާލަތްތަކުގައި މިކަން އަމިއްލައަށް ރަނގަޅުވެއެވެ.

ނަމަވެސް ނޭވާ ހިއްލުމާއި ހާޓް ފެއިލްވުން ފަދަ ބަލިތައް ޖެހިފައިވާ މީހުންގެ ހިތާއި ފުއްޕާމެއަށް ހޭޒްގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި އޭގެ އަލާމާތްތައް ފެންނަން އެއް ދުވަހާއި ތިން ދުވަހާ ދެމެދުގެ މުއްދަތެއް ނަގާފާނެ ކަމަށް އެ މިނިސްޓްރީގެ އިލްތިމާސުގައިވެއެވެ.

އެހެންކަމުން ބޭރަށް ނުކުމެ އުޅޭއިރު ނޭވާ ލުމަށް އުދަނގޫވާނަމަ މާސްކެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅަކަށް ނުކުމެ އުޅުމުން މިކަމުގެ ސަބަބުން ސިއްހަތަށް ނުރައްކާވުމަކީ ނާދިރު ކަމެކެވެ.

comment ކޮމެންޓް