ކާ އެއްޗެހި ގެނައީ އަމިއްލަ ޚަރަދުގައި، ފައިސާ ދެއްކި ސްލިޕް އެބައޮތް: މަހާޒް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު --- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވިކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރުގެ މައްޗަށް ތުހުމަތުކޮށްފައި ވަނިކޮށް، އެ ފަރިއްކޮޅަށް ޚަރަދު ކުރެއްވީ އަމިއްލައަށް ކަމަށް މަހާޒު ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ, ސުޕްރީމް ކޯޓުން ބެލި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅާ، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ފަނޑިޔާރު މަހާޒު ޙަވާލުވެވަޑައިގެންފައިވާ ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވަނީ, ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުން ނިންމުމުން އޭނާގެ ފަރާތުން ފޮނުވި ފަރިއްކޮޅެއް ބައްލަވައިގެންފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

ނަމަވެސް މަހާޒު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެން ދާތީ ކޮންމެ ދުވަހަކުވެސް މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅަކު ތިން ފަނޑިޔާރުންނަށް، އަމިއްލަ ޚަރަދުގައި މެންދުރުގެ ފަރިއްކޮޅެއް ގެނެސްދެއްވާ ކަމަށެވެ. އެގޮތުން ނޮވެމްބަރު 30 ވަނަ ދުވަހުގެ ފަރިއްކޮޅު ގެނެސްދެއްވަން ހަމަޖެހުނީ މަހާޒު ކަމަށް އޭނާ ވިދާޅުވިއެވެ.

މަހާޒު އިތުރަށް ވިދާޅުވީ، އެއީ ރިސެސްގެ ކުރިން ހުރިހާ ފަނޑިޔާރުންނާ އެންމެ ފަހުން އެއް ތަނަކުން ދިމާވާނެ ފަހު މަސައްކަތު ދުވަސް ކަމަށް ވާތީ ހުރިހާ ފަނޑިޔާރުންނަށް އަމިއްލަ ޚަރަދުގައި މެންދުރުގެ ފަރިއްކޮޅު ގެނެސްދެއްވަން އޭނާ ނިންމެވި ކަމަށެވެ.

"ކެއި އިރު ކާތަކެތި ގެނައީ ކޮން ތަނަކުންކަން ވެސް ހުރިހާ ފަނޑިޔާރުންނަށް އެނގޭނެ. ހުރިހާ ފަނޑިޔާރުން ވެސް ކެއި. މީރު ވާހަކަ ވެސް ބުނި،" މަހާޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ޝަރީއަތުގެ އަޑުއެހުމެއް ބާއްވާ ދުވަހުގެ ކުރީރޭ، އެ ދުވަހުގެ ހުރިހާ ކަމެއް ނިންމާ ކަމަށާއި އެހެންކަމުން އެ ފަރިއްކޮޅު ދެއްވުމަކީ ވެސް ސިއްރުން ކުރެއްވި ކަމެއް ނޫން ކަމަށް މަހާޒު ވިދާޅުވިއެވެ.

"ކާ އެއްޗެހި ގެނައީ އަމިއްލައަށް ޚަރަދު ކޮށްފައި. ފައިސާ ދެއްކި ސްލިޕް ވެސް އެބަ އޮތް. ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެއް ވެސް ނޫން. އަދި ވަކި ޚާއްޞަ އެއްޗެއް ގެނައީއެއްވެސް ނޫން. އަމިއްލައަށް އޯޑަރު ދިނީމާ އޯޑަރު ދިން ތަނުން ގުޅާނީ އަޅުގަނޑަށް ވާތީވެ އިދާރި ކުއްޖަކަށް ކާ އެއްޗެހި ގެނެސްދޭނެ ފަރާތުގެ ނަންބަރު ދިނިން،" މަހާޒު ވިދާޅުވިއެވެ.

ޖޭއެސްސީއިން ވަނީ އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ނިންމާފައެވެ.

މަހާޒު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް އެދިވަޑައިގެންފައެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފައި ވަނިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒެވެ.

comment ކޮމެންޓް