ދާއިރާގައި ޒުވާނުން އިތުރުކުރަން ކަމެއްނުކޮށް، ބިދޭސީންނަށް ހުއްދަ ދިނުން ބަލައިނުގަނެވޭ: މަސްވެރިން

ދިވެހި މަސްވެރިިން މަސް ބޭނުމުގައި --

މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ޝައުގުވެރިކުރުވުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތްނުކޮށް ބިދޭސީންނަށް މަސްވެރިކަންކުރުމުގެ ހުއްދަ ދިނުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް މަސްވެރިން ބުނެފިއެވެ.

އިއްޔެ ފިޝަރީޒް މިނިސްޓްރީން ވަނީ ކަނޑު މަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވައިދަށް އިސްލާހު ގެނެސް، ބިދޭސީން މަސްވެރިކަން ކުރުން ހުއްދަކޮށްފައެވެ. މިކަމާ ގުޅިގެން "ސަން"އާ ވާހަކަދެއްކި ބައެއް މަސްވެރިން ވަނީ ގަަވައިދަށް ގެނައި އިސްލާހާ ގުޅޭގޮތުން އެ މީހުން ދެކޭ ގޮތް ކިޔައިދީފައެވެ.

މަސްވެރިން މަސް ބާނަނީ --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

މަސްވެރި އަތޮޅެއްކަމަށްވާ ތ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި ޒުވާނުން މަސްވެރިކަމުގެ ސިނާއަތުގައި މަދުވުމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އަދި ބިދޭސީން ހިމަނަން މަޖުބޫރުވި މައިގަނޑު ސަބަބަކީ އެއީކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަމަ ގިނަ މީހުންނަށް މަޖުބޫރުވީ. ހަމަ ގިނަ ރަށްރަށުގައި މިހާރު ބިދޭސީން އުޅޭ މަސް ބާނަން ދޯނި ފަހަރުގައި މަސައްކަތްކުރާ. އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް މިއީ. އަތޮޅު ފެންވަރުގައި ވެސް އަޅުގަނޑުމެން ދިރާސާކުރަން އެބަ ކިހިނެތްތޯ ޒުވާނުން މިކަމަށް ޝައުގުވެރިކުރުވޭނީ،" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ބާނާ މަހަށް ހަމަ އަގު ނުލިބި، މަސައްކަތާ އެއްވަރު އުޖޫރައެއް ނުލިބުމާއި ދާއިރާގައި ކުރިއަށްދާން ދަތިތައް ހުރުމަކީ ޒުވާނުން ދާއިރާއަށް ނުކުންނަން ފަސްޖެހޭ ސަބަބުތައް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށްރަށުގައި ގިނަ ސިޔާސީ ވަޒީފާތައް އުފެއްދުމަކީ ޒުވާނުން މަސްވެރިކަމާ ދުރަށްދާ ސަބަބެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޒުވާން މަސްވެރިޔާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާއެކު -- ފޮޓޯ/ ޒުވާން މަސްވެރިޔާ

މީގެ އިތުރުން، "ޒުވާން މަސްވެރިޔާ" ހަސަން ސާޖިން ވެސް ވަނީ އެ އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ މިއަދު "ސަން"އަށް ބުނީ މީގެ ކުރިން ޒުވާނުންނަކީ އެ ދާއިރާއަށް ވަންނަ ހިތުން އުޅުނު ބަޔެއް ކަމަށާއި އެއީ ކުރިން ޑިމާންޑު އޮތް ދާއިރާއެއްކަމަށެވެ.

އޭނާ ބުނި ގޮތުގައި މަސްވެރިކަމަށް ޒުވާނުންގެ ޝައުގު އިތުރުކުރުމަށް އެއްވެސް ސަރުކާރަކުން މަސައްކަތެއް ނުކުރެއެވެ.

"އެކަމު ފަހުން ފަހުން އައިސް، މިހާރު މި ވާ ގޮތަކީ އެއްކަލަ ޒުވާނާ މަސްވެރިކަމަށް ގެންދަން އޮޑިވެރި މީހާގެ ޒިންމާއެއް އެބައޮތޭ. ސަރުކާރުގެ ވެސް ޒިންމާއެއް އެބައޮތޭ. އެ މީހުން އެ ޒިންމާ އަދާކޮށްފަތާ ބިދޭސީންނަށް އެ ފުރުސަތު ދޭން ޖެހޭނީ. މިހާރު އެއްކަލަ ޒުވާނާގެ ވެލިއު އެބަ ގެއްލޭ،" ސާޖިން ބުންޏެވެ.

https://www.sun.mv/171156

މަސްވެރިކަމާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން އުޅަނދުގެ ސައިޒާއެކު އަދަދު އިތުރުވާއިރު އެންމެ ބޮޑު ދޯންޏެއްގައި ވެސް އެންމެ ގިނަވެގެން އަށް ބިދޭސީންނަށް މަސްވެރިކަން ކުރަން އުޅެވޭނެއެވެ. އެއިން ކޮންމެ މީހަކަށް ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް މުސާރަ ވެސް ދޭން ޖެހެއެވެ.

comment ކޮމެންޓް