އުރިދޫ މޯލްޑިވްސްއިން ޕާޕަލް ލޭނާ އެޕްލިކޭޝަނާއެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޕާޕަލް ލޭން އެޕްއަކީ ވިޔަފާރިތަކުން ހިންގާ ލޯޔަލްޓީ ޕްރޮގްރާމްތައް ފަދަ، ކަސްޓަމަރުންނަށް އިނާޔަތްތައްދޭ ޕްރޮގްރާމްތައް ފަށައި ކުރިއަށްގެންދިޔުމަށް ބޭނުންކުރާ އެޕެެކެވެ. މި އެޕު ވިޔަފާރިތަކުގެ އިތުރުން އާންމުންނަށް ވެސް ބޭނުން ކުރެވޭނެއެވެ.
އުރީދޫއިން ޕާޕަލް ލޭންއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އުރީދޫގެ ކްލަބް ޕްރިމިއާ މެމްބަރުންނަށް، ޕާޕަލްލޭންގައި ހިމެނޭ ތަންތަނަށް ގޮސް ޚާއްސަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޕާޓްނާޝިޕް ލޯންޗު ކުރުމަށް މިއަދު ސީހައުސް ރެސްޓޯރެންޓުގައި ބޭއްވި ހަފުލާގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސެއިން ނިޔާޒް ވިދާޅުވީ ޕާޕަލް ލޭން އެޕުގެ ސަބަބުން އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އިތުރު ކެފޭތަކާއި ރެސްޓޯރަންޓުތަކުން ޚިދުމަތް ދެވޭނެކަމަށެވެ.
"ޕާޕަލް ލޭން އަކީ ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތަކުން ވިޔަފާރި ކޮށްލުމުން ކަސްޓަމަރުންނަށް ރިވާޑް ދޭ ފުރަތަމަ ދިވެހި ޕްލެޓްފޯމް ކަމަށް ވުމުން އަޅުގަނޑުމެންގެ އުންމީދަކީ މި ޕްލެޓްފޯމް ވެސް އިތުރަށް ކުރިއަރާ ފުޅާވެގެން ދިޔުން. މި ޕާޓްނަޝިޕާއެކު ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ލިބިގެންދާ ހާއްސަ އޮފާތަކާއި އިނާޔަތްތައް އިތުރުކޮށް ޕާޓްނަރުންގެ ޕޯޓްފޯލިއޯ ފުޅާކުރުމަށް ޕާޕަލް ލޭންއާއެކު މަސައްކަތްކުރެވިގެންދާނެ،" ނިޔާޒް ވިދާޅުވިއެވެ.
މި ހަފުލާގައި ޕާޕަލް ލޭންގެ ކޯ-ފައުންޑާ ޖިނާން ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އުރީދޫއާއެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޕާޕަލް ލޭންގެ އުންމީދަކީ އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އެ އެޕްގެ ސަބަބުން ބޮޑު ފަސޭހައެއް ލިބުން ކަމަށެވެ.