އާ އަހަރު ފެށުމުގެ ކުރިން ތިލަމާލެ ބްރިޖުގެ ދާއިމީ ތަނބުތައް ޖެހުމުގެ މަސައްކަތް ފަށާނެކަމަށް ހައުސިން މިނިސްޓްރީއިން މިއަދު ބުނެފިއެވެ.
ބްރިޖުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު "ސަން"އާ ހިއްސާކުރައްވަމުން މިއަދު އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިހާރު މާލޭގައި އެއްގަމުގައި ޖަހާ ތަނބުތަކުގެ ޕައިލިންގެ މަސައްކަތް ނިންމައިފައިވާކަމަށެވެ.
"ކަނޑުގައި ޖަހާ ފުރަތަމަ ޓެސްޓު ޕައިލް ނިމި މިހާރު ދެވަނަ ޓެސްޓު ޕައިލްގެ މަސައްކަތްވަނީ ފަށައިފައި. ކަނޑުގައި ޖަހާ ދާއިމީ ތަނބުތަކުގެ މަސައްކަތް ފަށަން މިހާރު ތައްޔާރުވަމުން މި ދަނީ. މި މަހުގެ ތެރޭ އެ ކަން ފެށޭނެކަމަށް މި ބަލަނީ،" އޮފިޝަލް ވިދާޅުވިއެވެ.

ބްރިޖު މަސައްކަތް ރިވިއުކުރަން ޕްލޭނިން މިނިސްޓްރީއާއި އެފްކޯންސް އަދި އިންޑިއާ ހައިކޮމިޝަން ހިމެނޭ ޖޮއިންޓް ޕްރޮޖެކްޓް މޮނީޓަރިން ކޮމިޓީ ބައްދަލުވުން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ބްރިޖު މަސައްކަތް ރިވިއުކުރަން ޕްލޭނިން މިނިސްޓްރީއާއި އެފްކޯންސްއާއި އިންޑިއާ ހައިކޮމިޝަން ހިމެނޭ ޖޮއިންޓް ޕްރޮޖެކްޓް މޮނީޓަރިން ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވައިފައެވެ.
އެ ބައްދަލުވުމަށް ފަހު، ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވަނީ މާލޭގައި ހުންނަ ޕްރޮޖެކްޓު ސައިޓު ބަލައިލައިފައެވެ. އެގޮތުން މިހާރު ނިމިފައިވާ ލޭންޑް ޕައިލިން މަސައްކަތާއި ކަނޑުގައި ޖެހި ފުރަތަމަ ޓެސްޓު ޕައިލް ބެލިއެވެ. އަދި އެހެން މަސައްކަތްތައް ކުރިއަށްދާ ގޮތް ވެސްވަނީ އޮޅުން ފިލުވައިފައެވެ.
ސަރުކާރުން އެންމެ ފަހުން ވަނީ ތިލަމާލެ ބްރިޖުގެ، މާލެއާއި ވިލިމާލެ ގުޅައިލައި އަޅާ ބްރިޖު ކުރިއަށް އޮތް ޖޫން މަހަށް ނިންމާނެކަމަށް ބުނެފައެވެ.