ފަނޑިޔާރު މަހާޒްގެ ސުލޫކީ މައްސަލައެއް, ތުހުމަތަކީ ޔާމީން ދެއްވި ފަރިއްކޮޅެއް!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު: އޭނާގެ ސްލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ވަނީ ނިންމާފައި -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތުން ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވިކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލެއް ބަލަން ފަށައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ, ސުޕްރީމް ކޯޓުން ބެލި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅު، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޙަވާލުވެވަޑައިގެންފައިވާ ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ހުށަހެޅި އެ މައްސަލަ ބަލަން ފެންނަ ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ވަނީ ނިންމާފައެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މަހާޒު އަލީ ޒާހިރުއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވަނީ, ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުން ނިންމުމުން އޭނާގެ ފަރާތުން ފޮނުވި ފަރިއްކޮޅެއް ބައްލަވައިގެންފައިވާތީ އެ މައްސަލައެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ހައި ކޯޓުން ތާއިދުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.

comment ކޮމެންޓް