ކޮރެއާއާއި ރާއްޖޭގެ ގުޅުމަށް 55 އަހަރު ފާހަގަކުރަން ޚާއްސަ ހަރަކާތްތަކެއް

ހަރަކާތްތައް އިފްތިތާހުކުރަން ރޭ ބޭއްވި ހަފްލާގެ ތެރެއިން --

ކޮރެއާއާއި ރާއްޖޭއިން ސިޔާސީ ގުޅުން ގާއިމްކުރިތާ 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ރޭ ފަށައިފިއެވެ.

މިއަދުގެ ނިޔަލަށް އޮންނަ މި ހަރަކާތްތައް ރޭ އިފްތިތާހުކޮށްދެއްވީ ރޭގެ ހަފުލާގެ ޝަރަފުވެރި މެހެމާނު ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފެވެ.

އިފްތިތާހުކުރުމުގެ ހަފުލާގައި ކޮރެއާއިން ރާއްޖެއާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންޖިންޖޯއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.

އަދި މާލޭގައި ހުންނަ ގިނަ ގައުމުތަކެއްގެ އެމްބަސީތަކުގެ އޮފިޝަލުންނާއި ފޮރިން މިނިސްޓްރީގެ ވެރިން ވެސް ބައިވެރިވިއެވެ.

ހަރަކާތްތައް އިފްތިތާހުކުރަން ރޭ ބޭއްވި ހަފްލާގެ ތެރެއިން --

ރޭ ހަރަކާތްތައް އިފްތިތާހުކުރުމުގެ ގޮތުން ވާހަަކަދައްކަވަމުން މަހުލޫފު ވިދާޅުވީ އެ ކަމަކީ ދިވެހީންނަށް ކޮރެއާގެ ސަގާފީ ބައެއް ކަންކަން ބަލައިލުމަށް ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށެވެ. އަދި ދެ ގައުމުގެ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރަން ލިބޭނެ ފުރުސަތަކަށް ވާނެކަމަށް ވެސް ވިދާޅުވިއެވެ.

"ފާއިތުވި 50 އަހަރު ތެރޭ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އެ ކަން އުފަލާއެކު ފާހަގަކުރަން. އަޅުގަނޑުމެން ކޮރެއާ ބަލައިގަންނަނީ ދުނިޔޭގެ 11ވަނަ އަަށް އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި އެކަންޏެއް ނޫން. ޑިމަކުރަސީ ފުރިހަަމަ އަދި ސަގާފާތް ދެމެހެއްޓުމުގެ ފުރިހަމަ ނަމޫނާއެއްގެ ގޮތުގައި، އަދި ކޭ ޕޮޕާއި، ބީޓީއެސް، އަދި މޮޅު ޓީވީ ސީރީޒްތަކުގެ އަސްލުގެ ގޮތުގައި،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ދެ ގައުމުގެ ގުޅުން އަބަދުވެސް ބިނާވެފައިވަނީ އިހްތިރާމްގެ މައްޗަށް ކަމަށެވެ.

ރޭގެ ހަފްލާގައި ނަޝީދު ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން މުނިފޫހި ފިލުވުމުގެ ކަންކަން ރާއްޖޭގައި އޮތް ހާލަތު ކިޔައިދެއްވަމުން ނަޝީދުވަނީ ރާއްޖޭގައި ސިނެމާތައް މަދުކަމަށް ވިދާޅުވެފައެވެ.

ރޭގެ ހަފްލާގައި ނަޝީދު ވާހަކަދައްކަވަނީ --

"އެމްބެސެޑަރު، ވަރަށް ހިތާމައާއެކު ފާހަގަކުރަންޖެހެނީ މިއީ ކަން މިތާ ހުރި ހަމައެކަނި ސިނެމާއަކީ، ފިލްމުތައް ރާއްޖޭގައި އަޅުވަން. އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ މިފަދަ ތަންތަން. ކޮރެއާއަކީ މެހެމާންދާރީ ރަނގަޅު ގައުމެއް. އެ ކަންވަނީ އަޅުގަނޑަށް ދެ ފަހަރެއްގެ މަތިން އެ ގައުމަށް ކުރި ދަތުރުގައި ތަޖުރިބާ ކުރެވިފައި،" ނަޝީދު ވިދާޅުވިއެވެ.

މި ހަރަކާތަކީ ފޮރިން މިނިސްޓްރީއާއި، ކޮރެއާ އެމްބަސީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ހަރަކާތް އޮންނާނީ ހުޅުމާލޭ ޝްވެކް ސިނެމާގައެވެ.

ޓައެކްވޮންޑޯ ހަރަކާތުގެ ތެރެއިން --

ރޭ ވަނީ ކޮރެއާގެ މާޝަލް އާޓްގެ ވައްތަރެއްކަމަށްވާ ޓައެކްވޮންޑޯގެ ހަރަކާތްތައް ދައްކައިލައިފައެވެ. ހަމައެއާއެކު ކޮރެއާ ފިލްމެއް ވެސް އަޅުވައިފައެވެ.

މިރޭ ވެސް އާ ފިލްމެއް އަަޅުވާނެއެވެ. އަދި ޓައެކްވޮންޑޯގެ ހަރަކާތްތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް