މެކްސިކޯގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެެރިއެއްގެ ޖާޒީއަށް އިޚްތިރާމް ކުޑަކުރި ކަމަށް ބުނެ، އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް އިންޒާރު ދިން މެކްސިކޯއަށް ނިސްބަތްވާ ބޮކްސިންގް ޗެމްޕިއަން ކަނޭލޯ އަލްވަރޭޒް މަޢާފަށް އެދިއްޖެއެވެ.
މީސްމީޑިއާގައި ދައުރުވި ވީޑިއޯ އަކުން ފެންނަ ގޮތުގައި، އާޖެންޓީނާ އާއި މެކްސިކޯ ބައްދަލުކުރި މެޗުގައި ހޯދި ކާމިޔާބީ އަށްފަހު، ޗޭންޖިންގް ރޫމުގައި އާޖެންޓީނާގެ ކުޅުންތެރިން އުފާ ފާޅު ކުރަމުން ދިޔައިރު، މެކްސިކޯ ކުޅުންތެރިއެއްގެ ޖާޒީ ބިންމަތީގައި އޮތެވެ.
މި ވީޑިއޯގެ ސްކްރީންޝޮޓް ތަކެއް ވަކިން ނަގައިގެން މީސްމީޑިއާގައި ދައުރު ކޮށްފައިވާއިރު، އެ ފޮޓޯތަކުގެ ކެޕްޝަންގައި ބުނެފައި ވަނީ، އުފާ ފާޅުކުރުމުގެ ތެރެއިން މެސީ މެކްސިކޯގެ ޖާޒީ އަކަށް ފައިން އެރި ކަމަށާއި، އޭގައި ކޮޅުފައިން ވެސް ޖެހި ކަމަށެވެ. އަދި ނަގާފައިވާ ސްކްރީންޝޮޓުތަކުން އެ މަންޒަރު ސިފަވެއެވެ. ކަނޭލޯ އަލްވަރޭޒް އަށްވެސް މި ސްކްރީންޝޮޓްތަކުން ސިފަވީ އެހެންނެވެ.
އެހެންނަމަވެސް އެ ވީޑިއޯ ބަލައިފި މީހަކަށް، އެއީ ހަގީގަތެއް ނޫންކަން ހާމަވާނެއެވެ.
އަލްވަރޭޒް ވަނީ އޭނާގެ ގައުމުގެ ގައުމީ ޓީމުގެ ޖާޒީ އަށާއި، އެ ޖާޒީގައި އިން ގައުމީ ދިދަ އަށް މެސީ އިހާނާތްތެރިކޮށް ހިތި ކަމަށް ބުނެ އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ.
ކަނޭލޯ ބުނީ، އޭނާ އާޖެންޓީނާ އަށާއި އެގައުމުގެ ރައްޔިތުންނަށް އިހްތިރާމް ކުރާ ފަދައިން މެސީ ވެސް މެކްސިކޯ އަށާއި މެކްސިކޯ ރައްޔިތުންނަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
މެސީ އަށް އިންޒާރު ދެމުން ކުރިން ކަނޭލޯ އަލްވަރޭޒް ބުނީ، މެސީއަށް އެންމެ ރަނގަޅު ގޮތަކީ އޭނާއާ ދިމާ ނުވޭތޯ ދުޢާ ކުރުން ކަމަށެވެ.
އެހެންނަމަވެސް ކަނޭލޯ މިވަނީ އޭނާއަށް ދެއްކުނު ވާހަކަތަކާ މެދު ހިތާމަކުރާކަން ހާމަކޮށް، އެކަމަށް މަޢާފަށް އެދިފައެވެ.
މެސީ އާއި އާޖެންޓީނާގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދި ކަނޭލޯ ބުނީ، ފާއިތުވީ ދުވަސްތަކުގައި، ގައުމަށް އޮތް ލޯތްބާއި، ފުޓުބޯޅައިގެ ސަބަބުން އެރި ފޯރިއެއްގެ ސަބަބުން، މެސީއާއި އާޖެންޓީނާގެ ރައްޔިތުންނަށް އިޚްތިރާމް ކުޑަކޮށް ބަސްބުނެވުނު ކަމަށާއި، އެކަމަށްޓަކައި، މެސީގެ ކިބައިން ވެސް އަދި އާޖެންޓީނާގެ އެންމެހާ ރައްޔިތުންގެ ކިބައިން ވެސް މަޢާފަށް އެދޭ ކަމަށެވެ.
އަދި ދުނިޔޭގައި އުޅޭއިރު ކޮންމެ ދުވަހަކު ވެސް އައު ކަމެއް ކޮންމެ މީހަކަށް ވެސް ދަސްވާ ބީދައިން، މިއަދު މިއީ އޭނާއަށް ވެސް އެފަދަ އައު ކަމެއް ދަސްވި ދުވަހެއް ކަމަށް ކަނޭލޯ ބުނެފައިވެއެވެ.
މެސީ އަށް އިންޒާރުދީ މީސްމީޑިއާގައި ކަނޭލޯ ކުރި ޕޯސްޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައި ވެއެވެ.