ޕްރަބާސްގެ ފިލްމު ''ސަލާރް''އިން އެކްޓަރު ވިޖޭގެ ފެނިލުމެއް

ފިލްމު "ބާހޫބަލީ"އިން ވިދާލި އެކްޓަރު ޕްރަބާސްގެ ކުރިޔަށްއޮތް ފިލްމު "ސަލާރް"އިން ސައުތް އެކްޓަރު ވިޖޭ ދެވެރަކޮންޑާ ފެނުމުގެ ފުރުޞަތު ބޮޑުކަމަށް ފިލްމީ ރިޕޯޓުތައް ބުނެފިއެވެ.

ޑައިރެކްޓަރު ޕްރަޝާންތް ނީލްގެ ކެރިއަރުގެ އެންމެ ވަރުގަދަ އެއް ފިލްމު "ސަލާރް"އިން ވިޖޭ ފެނިގެންދާނީ ވަރަށް ޚާއްޞަ ފެނިލުމަކުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އެކްޓަރު ވިޖޭ ދެވެރަކޮންޑާ ފިލްމު "ސަލާރް"ގެ ފިލްމު ސެޓުގައި ޙަރަކާތްތެރިވާ ފޮޓޯތަކެއް ވެސް ވަނީ ލީކުވެފައެވެ. މި ފޮޓޯ މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުންނެވެ.

ފިލްމު "ސަލާރް"ގެ ޓީޒާވެސް ނެރެފައިވާއިރު މި ފިލްމުގެ ވާހަކަ ތިލަވާ ކޮންމެ ފަހަރަކު ވެސް އިތުރު އާ ޚަބަރުތަކެއް ފިލްމާ ގުޅިގެން ދެކެވެއެވެ. ރިޕޯޓުތައް ބުނާގޮތުން ވިޖޭ ފިލްމުގައި ފެނިގެންދާނީ ޕްރަބާސްގެ ކޮއްކޮގެ ރޯލްއިންނެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ސޯޝަލް މީޑިއާތަކުގައި ދައުރުވަމުން އަންނަނީ، ވިޖޭ އިޝްތިހާރެއް ކުޅެން ގޮސްފައިވާ ސެޓެއްގެ ފޮޓޯތަކެކެވެ.

ފިލްމު "ސަލާރް"އިން ވިޖޭ ފެންނާނެކަމަށް މީޑިއާތަކުން ތުހުމަތުކުރާއިރު ދާދިފަހުން ވިޖޭގެ ފުރަތަމަ ބޮލީވުޑް ފިލްމު "ލައިގާ"ވަނީ ރިލީޒްވެފައެވެ.

މިއަންނަ އަހަރުގެ ސެޕްޓެމްބަރު 28ގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ މިފިލްމަކީ، އެކްޝަން ތްރިލާއެކެވެ. ފިލްމު ރިލީޒްކުރުން މިއަހަރުގެ އޭޕްރިލް މަހަށް ޝެޑިއުލްކުރި ނަމަވެސް ކޮވިޑް-19އިގެ ބަލިމަޑުކަމާއިއެކު ފިލްމުގެ މަސައްކަތް ވަނީ މެދުކެނޑިފައެވެ.

ފިލްމުގައި އެކްޓަރު ޕްރަބާސް ފެނިގެން ދާނީ މީގެކުރިން އޭނާ ފެނިފައިނުވާ ފަދަ ވަރުގަދަ އެކްޝަން ސީންތަކަކާއެކުގައެވެ. މީގެކުރިން ޕްރަބާސް ފެނިފައިވާ އެކްޝަން ފިލްމުތަކަށްވުރެ މިފަހަރު "ސަލާރް"ގައި ފެންނަ ރޯލް ވަރަށް ތަފާތުވާނެ ކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ.

މި ފިލްމަކީ، ޕްރަޝާންތް ނީލްގެ ފުރަތަމަ ފިލްމު "އުގްރަމް"ގެ ރިމޭކެއްކަމަށް މީޑީއާތަކުން ބުނެފައިވަނިކޮށް ޕްރަޝާންތް ވަނީ އެ ޚަބަރު ދޮގުކޮށްފައެވެ. އަދި މި ފިލްމަކީ، އެކްޓަރު ޕްރަބާސްގެ ޝަޚުޞިއްޔަތާ ގުޅޭގޮތަށް ލިޔެފައިވާ އަސްލު ވާހަކައެއް ކަމަށް ޑައިރެކްޓަރު ޕްރަޝާންތް ވަނީ ބުނެފައެވެ. ޕްރަބާސްގެ އިތުރުން ފިލްމުގައި ދެން ފެނިގެން ދާނީ ސައުތް ސިނަމާގެ މަޤުބޫލު އެކްޓަރުން ކަމަށްވާ، ޕްރިތްވީ ރާޖް، ޖަގަޕާތީ ބާބޫ އަދި ބަތަލާ ޝްރުތީ ހަސަންއެވެ.

comment ކޮމެންޓް