ވޯނާ ބްރޮސްއިން ސުޕަމޭން ނުގެންނަން އުޅުނު

ޑީސީ އެކްސްޓެންޑެޑް ޔުނިވާސް (ޑީސީއީޔޫ)ގެ އެންމެ މަގުބޫލު ސުޕަހީރޯ "ސުޕަމޭން"ގެ ރޯލާއެކު ހެންރީ ކެވިލް އަލުން ގެނައުމަށް ވޯނާ ބްރޮސް އިން ބޭނުން ނުވި ކަމަށް އެކްޓަރު ޑްވޭން (ދަ ރޮކް) ޖޯންސަން ބުނެފިއެވެ.

ވޯނާބްރޮސްއިން ސުޕަމޭން އަލުން ފަށައި "މޭން އޮފް ސްޓީލް" އާއެކު އާ ސުޕަމޭން ފްރެންޗައިޒްއެއް ތައްޔާރުކުރީ މަގުބޫލު އެކްޓަރު ހެންރީ ކެވިލް އާއެކުގައެވެ. އެއަށްފަހު އޭނާ އެ ރޯލުން އެންމެ ފަހުން ފެނިފައިވަނީ ޒެކް ސްނައިޑާގެ "ޖަސްޓިސް ލީގް" ކަޓާގައި 2017 އަހަރުގައެވެ.

ނަމަވެސް އޮކްޓޯބަރު މަހުގައި އެޅުވި އާ ކޮމިކް ކެރެކްޓާ "ބްލެކް އެޑަމް" ފިލްމުން ވަނީ ސުޕަމޭންގެ ކެރެކްޓާ އަލުން ފެނިގެން ގޮސްފައެވެ. ބްލެކް އެޑަމްގެ ރޯލުން ފެނިގެން ގޮސްފައިވަނީ ދަ ރޮކްއެވެ.

ރޮކް ބުނިގޮތުގައި ބްލެކް އެޑަމް އިން ސުޕަމޭން ފެނިގެން ދިޔަ ނަމަވެސް ވޯނާ ބްރޮސް އިން ފުރަތަމަ އެގޮތަށް ބޭނުމެއް ނުވިއެވެ.

އަދި އެތައް ފަހަރެއްގެ މަތީން ކެވިލް އެ ރޯލަށް އަނބުރާ ގެނައުމަށް ރޮކް ވާހަކަ ދެއްކި ކަމަށް އޭނާ ބުންޏެވެ. ވޯނާ ބްރޮސް އިން އެކި ފަހަރުގެ މަތިން އެކަމަށް ދެކޮޅު ހެދި ނަމަވެސް ދަ ރޮކް އެކަމަށް އެއްބަހެއް ނުުވިއެވެ. އަދި ވޯނާ ބްރޮސްގެ އެގްޒެކިއުޓިވްގެ ޓީމުން އެއްބަސް ވަންދެއް އެކަމަށް އޭނާ ވާހަކަ ދެއްކިއެވެ.

އެންމެފަހުން ކެވިލް އެ ރޯލަށް ވަނީ ގެނެސްފައެވެ. އަދި ބްލެކް އެޑަމްގެ ޕޯސްޓް ކްރެޑިޓުން ކެވިލް ވަނީ ކުޑަ ހިނދުކޮޅަށް ފެނިގެން ގޮސްފައެވެ. މިކަމާ ގުޅޭގޮތުން ކެވިލް ބުނެފައިވަނީ އެ ފެނިލުމަކީ ކުރިއަށް އޮތް ބޮޑެތި ކަންތައްތަކުގެ ކުޑަ ޕްރިވިއުއެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ބޮޑެތި ރޯލުންތަކުން ސުޕަމޭން ފެނިގެންދާނެ ކަމަށް ކެވިލް އިޝާރާތްކުރިއެވެ.

comment ކޮމެންޓް