ސްކާލެޓް ޖޮހެންސަން ފުރަތަމަ ފަހަރަށް ޝޯއަކުން!

ހޮލީވުޑްގެ އެންމެ މަގުބޫލު އާޓިސްޓުންގެ ތެރޭގައި ހިމެނޭ އެކްޓްރެސް ސްކާލެޓް ޖޯހެންސަން ފުރަތަމަ ފަހަރަށް ޓީވީ ޝޯއަކުން ފެނުމަަށް ތައްޔާރުވެއްޖެއެވެ.

ހޮލީވުޑްގެ ބޮޑެތި ބަޖެޓު ފްރެންޗައިޒްތަކުން ވެސް ފެނިގެން ގޮސްފައިވާ ސްކާލެގެ ފިލްމުތައް ގިނަ ބައެއްގެ މެދުގައި މަގުބޫލެވެ. ސްކާލެޓް އަކީ އޭނާގެ އެކްޓިން ކެރިއަރު ފިލްމުތަކުން ފަށައި އަދި ފިލްމީ ދާއިރާއިން ނިކުމެފައި ނުވާ އެކްޓްރެސް އެކެވެ.

ނަމަވެސް މިހާރު އޭނާ ތައްޔާރު ވަމުން އަންނަނީ ފުރަތަމަ ފަހަރަށް ޓީވީ ޝޯއަކުން ޑެބިއޫ ކުރުމަށެވެ. އޭނާގެ ޝޯ ފެނިގެންދާނީ ސްޓްރީމިން ސާވިސް އެމޭޒަން ޕްރައިމް އިންނެވެ. އަދި އެ ޝޯއަށް ކިޔާ ނަމަކީ "ޖަސްޓް ކޯޒް" އެވެ.

ޖަސްޓް ކޯޒް އަކީ ސްކާލެޓް އަށް ބޮޑު ރޯލެކެވެ. އެއީ 1992 ވަަނަ އަހަރުގައި ނެރުނު ވާހަކައަކަށް ބިނާކޮށް އުފައްދާ ލިމިޓެޑް ޝޯއަކަށް ވުމެވެ. މި ވާހަކައަށް ބިނާކޮށް 1995 ވަނަ އަހަރު ވަނީ ފިލްމެއް ނެރެފައެވެ. މި ފިލްމުގައި ތުއްތު ކުއްޖެއްގެ ރޯލުން ސްކާލެޓް ވަނީ ފެނިގެން ގޮސްފައެވެ. މިއީ ސްކާލެޓްގެ ފުރަތަމަ ބޮޑު ރޯލުވެސް މެއެވެ.

ޝޯގެ ލީޑް ރޯލުން އޭނާ ފެނުމަށް ހަމަޖެހިފައިވާއިރު އެ ޝޯގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ސްކާލެޓް މަސައްކަތް ކުރާނެއެވެ.

މި ފިލްމު ދައްކަން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި ޝޯގެ ޝޫޓިން ފަށާ ދުވަހެއް ވެސް ފައިނަލް ވެފައެއް ނުވެއެވެ.

ސްކާލެޓް ވަނީ ހޮލީވުޑްގައި ވަރަށް ވަރުގަދަ ކެރިއަރެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބޮޑެތި ބަޖެޓުގެ ގިނަ ފިލްމުތައް ކުޅެފައިވާއިރު އިންޑީ ގިނަ ފިލްމުތަކެއް ވެސް އޭނާ ވަނީ ކުޅެފައެވެ. އެގޮތުން އޭނާގެ މަސައްކަތައް ވަނީ ޓޯނީ އެވޯޑެއް ލިބި އޮސްކާގެ އެކްޓްރެސްގެ އެވޯޑަށް ނޯމިނޭޓްވެސް ވެފައެވެ.

comment ކޮމެންޓް