ޗައިނާގެ ކުރީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިން --

ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިން އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތައުޒިޔާގެ މެސެޖެއް މިއަދު ފޮނުއްވައިފިއެވެ.

ރައީސްގެ ތައުޒިޔާގެ މެސެޖުގައި، ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިން އަވަހާރަވުމާ ގުޅިގެން މުޅި ޗައިނާ ހިތާމަ ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ފޮނުއްވާފައިވެއެވެ.

ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިންއަކީ ދުރު ވިސްނުމާއެކު އެ ގައުމުގެ ރައްޔިތުންނަށް އިޖުތިމާއީ އަދި އިގުތިސާދީ ފުދުންތެރިކަން ހޯއްދަވައި ދެއްވުމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ވެސް ޗައިނާއަކީ ފާހަގަކޮށްލެވޭ ފަދަ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ހެދުމަަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ލީޑަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި، ހިތާމައިގެ މި ދަނޑިވަޅުގައި ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިންގެ އާއިލާއަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

އުމުރުފުޅުން 96 އަހަރުގައި ޖިއަން ޒިމިން މިއަދު އަވަހާރަވީ ލޭގެ ކެންސަރު ޖެހި، ގުނަވަންތައް ފެއިލްވުމުގެ ސަބަބުންނެވެ.

comment ކޮމެންޓް