އީރާންގައި ހިތާމަވެރި މަންޒަރެއް، އަމިއްލަ ޓީމު ބަލިވުމުން މަގުތަކުގައި އުފާ ފާޅުކުރަނީ

މެޗު ބަލަން ދަނޑަށް ވަދެތިބި އީރާންގެ ސަޕޯޓަރުންތަކެއް --ފޮޓޯ/ގެޓީ އިމޭޖަސް

މި އަހަރުގެ ސެޕްޓެމްބަރު މަހުން ފަށައިގެން އީރާންގައި ދާޚިލީ މައްސަލަތަކެއް ކުރިމަތިވެ، މުޒާހަރާތަކެއް އަންނަނީ ކުރަމުންނެވެ.

މުޒާހަރާ ތަކުގެ ބައިވެރިން އަންނަނީ އެގައުމުގައި އޮތް އިސްލާމީ ދައުލަތާއި ދެކޮޅުކަން ހާމަ ކުރަމުންނެވެ. އެ ދައުލަތަކީ އަންހެނުންގެ ހައްގުތަކަށް އިހްތިރާމް ނުކުރާ، އެ ހައްގުތަށް ހަނިކުރަން މަސައްކަަތް ކުރާ ބައެއް ކަމަށް ބުނެއެވެ.

ހުޅަނގުގެ "މޮޑާން" ދިރިއުޅުން ނޫޅެވޭ ކަމަށް ބުނެ، އެކަންކަން އީރާނުގައި އާންމު ކުރުމުގެ ބޭނުމުގައެވެ. އީރާންގެ ސަރުކާރުން ބުނާ ގޮތުގައި މިއީ، މިކަމުގެ ފަހަތުގައި އެމެރިކާ އޮވެގެން ހިންގާ ޖަރީމާއެކެވެ.

ފުޓުބޯޅަ ފާހަގަ ކުރެވެނީ ގައުމުތަކުގައި އޮންނަ ދާހިލީ ބައިބައިވުންތައް ނައްތާލައި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމް ކޮށްދޭ ވަސީލަތެއްގެ ގޮތުގައެވެ.

2014 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ގައުމީ ޓީމުން ކުޅުނު މެޗެއްގެ ކުރިން، ކުރީގެ ރައީސް މައުމޫން އާއި ރައީސް ނަޝީދު، "ސެލްފީ"އެއް ނަންގަވަނީ ---

ރާއްޖޭގައި ވެސް މި މަންޒަރު ފެނިފައިވެއެވެ. ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކަކުން މަންދޫބުން ވާދަކުރާ އިންތިޚާބާއި ގުޅިގެން، މުޅި ގައުމު ބައިބައިވެ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރެއްގައި، ސަރަހައްދީ ފުޓުބޯޅަ މުބާރާތް ރާއްޖެ އާއި ލަންކާގައި ބޭއްވުން ވެގެންދިޔައީ މުޅި ދީބު އެއްބައިވަންތަ ކުރުވި ކަމަކަށެވެ. ސިޔާސީ ވާދަވެރިން ހަތިޔާރު ބަހައްޓައި، ގައުމިއްޔަތާއި ދިވެހި ދީބު ކުރިއަށް ނެރެ ގައުމަށް ލިބުނު ކާމިޔާބީ ފާހަގަކޮށް، އެކަމުގެ އުފާ ލިބިގަތް މަންޒަރެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ދިވެހި ޓީމުގެ ކުޅުންތެރިން ތަށްޓާއި އެކު -- ފޮޓޯ/މޯލްޑިވްސް ސޮކާ

"އަހަރުމެންގެ ފަހަރޭ މިއީ، ބުނި ފުރަތަމަ ފަހަރު" ގައި "ރަން މެޑަލް ކަރަށް މަހައި، ތަށި ދެއަތު ކޮޅަށް އެރޭ ދިވެހިން އުފުލާލި" ދުވަސްވީ، ދިވެހިންގެ އެއްބައިވަންތަކަން ހަމަ ހަގީގަތުގައި ވެސް އޭގެ އެންމެ ސާދާ ގޮތުގައި ފެނުނު ދުވަހަކަށެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ދިވެހި ޓީމަށް މަރުހަބާ ކިޔުމަށް ޖުމްހޫރީ މައިދާނަށް ގިނަ އަދަދެއްގެ ދިވެހިން އެއްވެފައި --

އެއީ ސައުތު އޭޝިއާ ސަރަހައްދުގެ 8 ގައުމުގެ މެދުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. ދައްކަން މިއުޅެނީ ހަ ކޮންފެޑެރޭޝަނަކުން 206 ގައުމެއް ވާދަކޮށްގެން، 31 ޓީމަކަށް ފުރުސަތު ލިބުނު ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖާއި ހަމައިން، އީރާން ވަކިވުމާއި ގުޅިގެން އެ ގައުމުގެ ރައްޔިތުން އުފާ ފާޅުކުރި ވާހަކައެވެ. ހޯސްޓު ކަންޓްރީގެ ގޮތުގައި ގަތަރަށް އޮޓޮމެޓިކް ޖާގައެއް ލިބުނު މި މުބާރާތަށް އީރާން ކޮލިފައި ވުމަކީ ހަމަ ގައިމުވެސް ކުޑަ ޝަރަފެއް ނޫނެވެ.

އީރާނުގެ ތެހެރާންގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، ގައުމީ ޓީމަށް ލިބުނު ނާކާމިޔާބީ ފާހަގަކުރަނީ. މި މުޒާހަރާ ތަކުގެ ތެރެއިން ބައެއް އުޅަނދުތަކާއި، މީހުންގެ މުދަލާއި ތަންތަނަށް ގެއްލުން ދެމުންދޭ -- ފޮޓޯ/އަލް އަރަބިއްޔާ

މިފަހަރުގެ މުބާރާތުގެ ރައުންޑް އޮފް 16 އަށް އީރާން ދަތުރު ކުރުމުގެ ފުރުސަތު ބޮޑު ނަމަވެސް، ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަތުން ލިބުނު ނާކާމިޔާބީ އަކީ، ވޯލްޑް ކަޕެއްގެ ރައުންޑް އޮފް 16 އަށް، ފުރަތަމަ ފަހަރަށް އީރާން ކޮލިފައި ވުމަށް އެޅުނު ހިޔަންޏެވެ.

ގިނަ ބަޔަކު ހީކުރީ މިއީ، "މުޅި" އީރާނަށް ބޮޑު މާޔޫސް ކަމެއް ގެނުވާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް ފެނުނީ އެ މަންޒަރެއް ނޫނެވެ.

ވޯލްޑް ކަޕުގައި އީރާން ޓީމުން ކުޅުނު މެޗެއްގެ ތެރެއިން އެ ގައުމުގެ ރައްޔިތުންތަކެއް ދަނޑުގައި --

ފެނުނީ މަގުތަކަށް ނުކުމެ، އަމިއްލަ ގައުމުގެ ނާކާމިޔާބީ އަކީ، ލިބުނު ބޮޑު އުފަލެއްގެ ގޮތުގައި ދެކި އުފާ ފާޅުކުރި މަންޒަރެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ ތަކުން ފެންނަ ގޮތުގައި، އީރާނުގެ ވެރިރަށް ތެހެރާނުގައި އަދި އެހެން ބައެއް ސިޓީ ތަކުގެ މަގުތަކަށް ގިނަ ބަޔަކު ނުކުމެ، މިއުޒިކާއި ކާރުތަކުގެ ބަރުގޮނުގެ އަޑުން، މިއީ ކާމިޔާބީއެއްގެ ގޮތުގައި ދަނީ ފާހަގަ ކުރަމުންނެވެ.

އީރާނުގައި ކުރަމުންދާ މުޒާހަރާތަކަށް ލިބުނު ބޮޑު ކުރިއެރުމަކާއި ނަޞްރެއްގެ ގޮތުގައެވެ.

މުޒާހަރާ ތަކުގައި ބައިވެރިވާ ފަރާތްތަކާއި އެ މުޒާހަރާތައް އިންތިޒާމް ކުރާ ފަރާތްތަކުން، އެ ގައުމުގެ ގައުމީ ޓީމަށް ސަޕޯޓު ނުކުރަނީ، އެއީ އީރާނުގެ އިސްލާމީ ދައުލަތް ރަމްޒު ކޮށްދޭ ކަމެއް ކަމުގައި ދެކޭތީއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އީރާންގެ ފުޓުބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން ވެސް، އެގައުމުގައި ކުރިއަށްދާ މުޒާހަރާތަކަށް ތާއީދު ކުރާ ކަމާއި، ސަރުކާރާއި ދެކޮޅުކަން ހާމަކޮށްފައިވާ ކަމެވެ. އެގޮތުން އީރާނުން އިނގިރޭސިވިލާތާއި ދެކޮޅަށް ކުޅެ 2-6 އިން ބަލިވި މެޗުގައި އެޓީމުގެ އެއްވެސް ކުޅުންތެރިއަކު ގައުމީ ސަލާމް ކިޔާފައެއް ނުވެއެވެ. މުޒާހަރާގެ ބައިވެރިންނާއި އެކުގައި ތިބިކަން ހާމަ ކޮށްދިނުމުގެ ގޮތުން ކަމުގައި ބުނެއެވެ.

އެހެންނަމަވެސް ދެވަނަ މެޗުގައި ވޭލްސް އާއި ދެކޮޅަށް ކުޅެ 0-2 އިން މޮޅުވި މެޗު ފެށިއިރު، އެޓީމުގެ ކުޅުންތެރިން ގައުމީ ސަލާމް ކިޔާފައި ވެއެވެ. އަދި ފަހު މެޗުގައި އެމެރިކާ އާއި ދެކޮޅަށް ކުޅުނު އިރުވެސް އީރާންގެ ކުޅުންތެރިން ގައުމީ ސަލާމް ކިޔާފައި ވެއެވެ.

މުޒާހަރާގެ ބައިވެރިން މިކަން ސިފަ ކޮށްފައި ވަނީ، ގައުމީ ޓީމުގެ ކުޅުންތެރިން، މުޒާހަރާގެ ބައިވެރިންނަށް ޤައްދާރުވުން ކަމުގައެވެ.

ކޮންމެ އަކަސް އީރާން އަށް ފުޓުބޯޅައިގައި ލިބުނު ނާކާމިޔާބީ މިވީ، އީރާނުގެ ބައެއް ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީ އަކަށެވެ.

އީރާން ޓީމް އެމެރިކާ އަތުން ބަލިވުމާއި ގުޅިގެން މާޔޫސްވެފައި އިން އެ ޓީމުގެ ސަޕޯޓަރެއް -- ފޮޓޯ/ގެޓީ އިމޭޖަސް

އެހެންނަމަވެސް މެޗު ބެލުމަށް ދަނޑަށް ވަން އީރާނުގެ ގިނަ ސަޕޯޓަރުންނާއި، ދަނޑުން ބޭރުގައި އަދި އަމިއްލަ ގައުމުގައި ތިބެގެން މެޗު ބެލި ސަޕޯޓަރުންގެ ތެރޭގައި ވެސް، އީރާން ޓީމަށް ލިބުނު ނާކާމިޔާބީއާ މެދު މާޔޫސްވެ ދެރަވާ ގިނަ ސަޕޯޓަރުންތަކެއް ތިބިކަން ފާހަގަ ކޮށްލެވެއެވެ.

comment ކޮމެންޓް