އަންނަ އަހަރު ފެށުމުގެ ކުރިން ޔާމީން މައްސަލައިގެ ހުކުމް އިއްވަނީ!

ރައީސް ޔާމީން: އާރަށު މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުުކުމް، މި އަހަރު ނިމުމުގެ ކުރިން ކުރުމަށް ވަނީ ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު ތިރީސް ދުވަސް ތެރޭގައި ހުކުމް ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި ރައީސް ޔާމީނަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

އަހަރެއްހާ ދުވަސް ފަހުން އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވަނީ ދެ ފަރާތުން ވެސް ޚުލާސާ ބަޔާން އިއްވުމަށްފަހުއެވެ.

"ދެން އޮންނާނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 137 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ މަޖިލިސް ބޭއްވުން. ޝަރީއަތުން މި މަޖިލިސް އެ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ބާއްވަން ތާވަލުކުރާނަން," މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 137 ވަނަ މާއްދާގެ ހ. ގައި ބުނާ ގޮތުން ޚުލާސާ ބަޔާން އިއްވުމަށްފަހު, އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ 30 ދުވަސް ތެރޭގައި އެ މައްސަލައެއްގެ ހުކުމް އިއްވަން ޖެހޭނެއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް