ރޮނާލްޑޯ، ސައުދީގެ އަލް ނަސްރުގެ ހުށަހެޅުން ގަބޫލުކުރަން އުޅޭކަމުގެ އިޝާރާތެއް!

ކްރިސްޓިއާނޯ ރޮނާލްޑޯ --- ފޮޓޯ/ގެޓީ އިމޭޖަސް

ސައުދީ އަރަބިއްޔާގެ އަލް ނަސްރް ނަމަކަށް ކިޔާ ކުލަބަކުން، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ އެކުލަބަށް ގެނައުމަށް ހުށަހެޅި ހުށަހެޅުމާއި މެދު ރޮނާލްޑޯ ވިސްނަމުންދާ ކަމަށާއި، އޭނާ އެކުލަބަށް ގުޅުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ދުނިޔޭގެ ބޮޑެތި ގިނަ މީޑިއާ ތަކަކުން މި ޚަބަރު ރިޕޯޓު ކުރާއިރު، އެ ހުރިހާ މީޑިއާ ތަކަކުންވެސް މި ވާހަކަ ގެނެސްދީފައި ވަނީ ސްޕެއިންގެ "މާކާ" އާއި ހަވާލާދީއެވެ.

މާކާ އިން ރިޕޯޓު ކުރާ ގޮތުގައި، ރޮނާލްޑޯ އަންނަނީ އޭނާގެ ކެރިއަރު ކުރިއަށް ގެންދާނެ ގޮތަކާއި މެދު، އާއިލާ އާއި އެޖެންޓާއެކު މަޝްވަރާ ކޮށް، ކާމިޔާބު ކަމާއެކު ކެރިއަރު ނިންމާލެވޭނެ ފިޔަވަޅުތައް އަޅަމުންނެވެ.

މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ހުށަހަޅާފައިވާ އަލް ނަސްރުގެ ހުށަހެޅުމާއި މެދު ރޮނާލްޑޯ ވަރަށް ބޮޑަށް ވިސްނަމުންދާ ކަމަށާއި، އެ ކޮންޓްރެކްޓަށް އެއްބަސްވެ، ރަސްމީ ކޮށް ކުލަބުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ރޮނާލްޑޯ ސޮއިކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އަލް ނަސްރުން ހުށަހަޅާފައިވާ ކޮންޓްރެކްޓަކީ ދެ ސީޒަނާއި ބައިގެ މުއްދަތަކަށް ދިގު ދެމިގެންދާނެ ކޮންޓްރެކްޓެކެވެ. އޭގެ ދަށުން ރޮނާލްޑޯ އަށް ސީޒަނަކު 200 މިލިއަން ޔޫރޯ ލިބޭނެ ކަމަށް ވެއެވެ.

އުމުރުން 37 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗަސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، މި މަހުގެ މެދު ތެރޭގައި ދެ ފަރާތުން އެއްބަސްވެގެން، އެ ކޮންޓްރެކްޓު ވަނީ ބާތިލް ކޮށްފައެވެ.

ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލު ކޮށްފައިވާއިރު، މި އަހަރު ފެށުނީއްސުރެ އެ ދެ ފަރާތުގެ ދެމެދުގައި އައީ މައްސަލަތައް ފުނި ޖެހެމުންނެވެ.

އެގޮތުން ޔުނައިޓެޑަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމާއި ގުޅިގެން ރޮނާލްޑޯ އެ ކުލަބު ދޫކޮށްލަން މި އަހަރުގެ ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި މަސައްކަތް ކުރި ކަމުގެ އަޑުތައް ފެތުރުނު އިރި މިއީ މި މައްސަލަތަކުގެ ފެށުން ކަމަށް ބެލެވެއެވެ.

އަދި އޭގެފަހުން ޔުނައިޓެޑުގެ ކޯޗު ކަމާއި އެރިކް ޓެން ހާގް ހަވާލުވި ހިސާބުން، މި މައްސަލަތައް އިތުރަށް ބޮޑުވާން ފެށިއެވެ.

މި މައްސަލަތަކުގެ ހުޅު ފަޅައިގެން ދިޔައީ، ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައި ވަނިކޮށް ޕިއާސް މޯގަންގެ ''90 މިނެޓްސް'' ޕްރޮގްރާމަށް ދިން އިންޓަވިއު އާއި ގުޅިގެންނެވެ.

މި އިންޓަވިއުގައި ރޮނާލްޑޯ ވަނީ އޭނާއަށް ޔުނައިޓެޑުން ''ބޭވަފާތެރި'' ވެފައިވާ ކަމަށާއި، ޓީމުގެ ކޯޗު އެރިކް ޓެން ހާގަށް އިހްތިރާމް ނުކުރާ ކަމަށް ބުނެފައެވެ.

ޔުނައިޓެޑަށް ފަހު، ޔޫރަޕު ފުޓުބޯޅަ ދޫކޮށްލަން ރޮނާލްޑޯ ނިންމާފައިވާ ކަމަށް، އޭނާއާއި ގާތް ފަރާތްތަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. އަދި ރޮނާލްޑޯ ދެން ބޭނުން ވަނީ ފުޓުބޯޅަ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދުމުގެ ބަދަލުގައި، މުސްތަގްބަލް އުޖާލާ ކުރުމުގެ ގޮތުން މާލީ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެހެންނަމަވެސް މިއިން އެއްވެސް ވާހަކަ އަކީ އަދި މިހާތަނަށް ރޮނާލްޑޯ ވެސް އަދި އޭނާގެ އެޖެންޓުވެސް ޔަގީން ކޮށްދީފައިވާ ވާހަކަތަކެއް ނޫނެއެވެ. ރޮނާލްޑޯ އަކީ އޭނާގެ ޓްރާންސްފާއާ ގުޅޭގޮތުން އަބަދުވެސް ތަފާތު ގިނަ ވާހަކަތަކެއް މީޑިއާގައި ދައުރުވާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް