އިނގިރޭސިވިލާތުގައި އިސްލާމް ދީން ފެތުރޭ މިންވަރު އިތުރުވެ ނަސާރާއިންގެ ނިސްބަތް ދަށްވަނީ

ލަންޑަން (30 ނޮވެމްބަރު 2022): އިނގިރޭސިވިލާތުގެ މުޖުތަމައުގައި އިސްލާމް ދީން ފެތުރޭ މިންވަރު އިތުރުވެ ނަސާރާ ދީން ގަބޫލުކުރާ މީހުންގެ އަދަދު ދަށަށްދާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ 2021 ވަނަ އަހަރު އިނގިރޭސިވިލާތުގައި ނެގި ޖެނެރަލް ސެންސަސް ޑޭޓާއިންނެވެ. މި ތަފާސްހިސާބުން ހާމަވެފައިވާގޮތުގައި އިނގިރޭސި ރައްޔިތުންގެ ތެރެއިން 50 އިންސައްތަ މީހުންވެސް މިހާރު ނަސާރާ ދީން ގަބޫލެއް ނުކުރެއެވެ.

ނަސާރާ ދީން ނުވަތަ ނަސްރާނިއްޔަތުގެ ނިސްބަތް އިނގިރޭސި ރައްޔިތުންގެ މެދުގައި 2011 ވަނަ އަހަރު 59 އިންސައްތައިގައި އޮތުމަށް ފަހު 2021 ވަނަ އަހަރު ވަނީ 46 އިންސައްތައަށް ދަށަށްގޮސްފައެވެ. އަދި އިސްލާމްދީން ގަބޫލުކުރާ މީހުންގެ ނިސްބަތް މި މުއްދަތުގައިވަނީ ހަތަރު އިންސައްތައިން 6.5 އިންސައްތައަށް އިތުރުވެފައެވެ.

އިނގިރޭސިވިލާތުގެ ފައްޅިއެއްގައި ނަސާރާއިންގެ މާސް އެއް ކުރިޔަށްދާއިރު މީހުން މަދުކަން ފާހަގަ ކުރެވޭ

މި މުއްދަތުގައި އިނގިރޭސި މުޖުތަމައުގައި މުސްލިމުންގެ ނިސްބަތް އިތުރުވެފައިވަނީ 44 އިންސައްތައިގެ ރޭޓެއްގައެވެ. މުސްލިމުންގެ އަދަދު އިތުރުވެފައި ވަނީ އިސްލާމްދީން ގަބޫލުކޮށް އިސްލާމްވާ މީހުންގެ އަދަދު ގިނަވުމުންނާއި އިނގިރޭސިވިލާތަށް ހިޖުރަކޮށް ރައްޔިތުކަން ހޯދާ މީހުންގެ ތެރޭގައިވެސް މުސްލިމުންގެ އަދަދު ގިނަވުމުގެ ސަބަބުންނެވެ.

ދެހާސް އެގާރަ ވަނަ އަހަރު އިނގިރޭސިވިލާތުގައި މުސްލިމުންގެ އަދަދަކީ 2.7 މިލިޔަނެވެ. ނަމަވެސް 2021ގައި މުސްލިމުންގެ އަދަދު ވަނީ ހަތަރު މިލިޔަނަށް އިތުރުވެފައެވެ. އެހެންކަމުން 10 އަހަރު ތެރޭގައި އިނގިރޭސި މުޖްތަމައަށް މިވަނީ 1.3 މިލިޔަން މުސްލިމުން އިތުރުވެފައެވެ. މި މުއްދަތުގައި ނަސާރާއިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ނަމަވެސް ދީން ގަބޫލުނުކުރާ މުލްހިދުން ނުވަތަ އެތީސްޓުންގެ ނިސްބަތްވަނީ 37 އިންސައްތައަށް އިތުރުވެފައެވެ.

އިނގިރޭސިވިލާތުގެ މުސްލިމުން : މިސްކިތް ފުރިގެން މަގުމަތީގައިވެސް ނަމާދުކުރަނީ

އިނގިރޭސިވިލާތުގެ އާބާދީގެ ތަފާސްހިސާބުން ނަސާރާއިންގެ ނިސްބަތް ވަރަށް ބޮޑަށް ދަށަށްދާކަން ހާމަވުމުން އެގައުމުގެ ނަސާރާ ބައެއް ފާދިރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިނގިރޭސިވިލާތުގެ ޔޯކްގެ ޗާޗް ނުވަތަ ފައްޅީގެ އިސް ފާދިރީ ސްޓެފެން ކޮޓްރެލް ވިދާޅުވިގޮތުގައި އނގިރޭސި މުޖްތަމައުގައި ނަސާރާއިން ބައިމަދު ބަޔަކަށް ވެދާނެކަމުގެ ބިރު މިހާރުވަނީ ހަގީގީ ބިރަކަށްވެފައެވެ.

މިއީ ނަސްރާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި އާންމުންގެ މެދުގައި ނަސްރާނިއްޔަތު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ކޮޓްރެލް ވިދާޅުވިއެވެ.

މީގެ އިތުރުން ދީނީ ކަންކަމުގައި މުސްލިމުން ފޯރީގައި އުޅޭކަމަށާއި ނަމާދުކުރުމާއި ރޯދަހިފުން ފަދަ އަޅުކަންތައް ކުރުމަށް މުސްލިމުން އިސްކަންދޭއިރު ނަސާރާއިންގެ މެދުގައި ދީނީ ރޫހު ވަރަށް ބޮޑަށް ކުޑަވެ، ފައްޅިތަކަށް ދާމީހުންގެ އަދަދު އަހަރުން އަހަރަށް މަދުވަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޚާއްސަކޮށް ނަސާރާ ޒުވާނުން ނަސްރާނިއްޔަތު ދޫކުރަމުން ގެންދާއިރު ނަސްރާނިއްޔަތު ގަބޫލުކުރާ މީހުންގެ އަދަދުވެސް މަދުވަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް