މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ދައުވަތަކަށް ނޯޑިކް ސަރަޙައްދުގެ މަޝްހޫރު ޕަބްލިކޭޝަންތައް ތަމްސީލުކުރާ މީޑިއާ ޓީމެެއް ރާއްޖެ އައިސްފިއެވެ.
ނޯޑިކް ސަރަހައްދަކީ އުތުރު ޔޫރަޕްގެ ގައުމުތައް ހިމެނޭ ސަރަހައްދެވެ. އެ ގައުމުތަކުގެ ތެރޭގައި ފިންލޭންޑް، ޑެންމާކް، ސްވީޑެން ހިމެނެއެވެ.
މި ދަތުރުގައި ނޯޑިކް މާކެޓުގެ އެކި ސެގްމަންޓުތަކަށް ޚާއްސަ ޕަބްލިކޭޝަންތައް ކަމަށްވާ ސޮންޑަގް, ވެގަބޮންޑް ރެއިސެލިސްޓް، އަދި ޑަގްބްލެޑެނެސް ބިއުރޯގެ ނޫސްވެރިންނާއި ބްލޮގަރުން ބައިވެރިވާނެއެވެ.

ނޯޑިކް ސަރަޙައްދުގެ މަޝްހޫރު ޕަބްލިކޭޝަންތައް ތަމްސީލުކުރާ މީޑިއާ ޓީމު ރާއްޖޭގައި -- ފޮޓޯ: އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީން ބުނީ މި ދަތުރަކީ މި މަހު 25އިން ޑިސެމްބަރު އެކެއްގެ ނިޔަލަށް ކުރިއަށްދާ ދަތުރެއް ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ދަތުރުގެ މަގުސަދަކީ ރާއްޖޭގެ މަގުބޫލުކަން އެ މާކެޓުގައި އިތުރުކުރުމަށް ރާއްޖޭގެ ސަގާފަތާއި ރީތިކަމާއި، އެހެނިހެން ދާއިރާތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމެވެ.
އެގޮތުން ދަތުރުގައި ރާއްޖޭގެ ރިޒޯޓުތަކުން ލިބެންހުރި މަތީ ފެންވަރުގެ އެކޮމޮޑޭޝަންތަކާއި، ގެސްޓްރޮނޮމީ ނުވަަތަ ކެއިންބުއިމުގެ ހިދުމަތްތަކާއި ވޯޓާ ސްޕޯޓްސްގެ ތަޖުރިބާތައް ކުރަން ފުރުސަތު ދޭނެއެވެ.
މި ދަތުރުގައި ނޯޑިކް މީޑިއާ ޓީމު ތިބޭނީ ސަން ސިޔާމް އިރުވެލީގައާއި، ފެއާމައުންޓް މޯލްޑިވްސް ސިއްރު ފެންފުށީގެ އިތުރުން ލެ މެރީޑިއަން މޯލްޑިވްސް ރިޒޯޓް އެންޑް ސްޕާގައެވެ.
ނޯޑިކް ސަރަހައްދަކީ ވެސް ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރާ މާކެޓެކެވެ.

ނޯޑިކް ސަރަޙައްދުގެ މަޝްހޫރު ޕަބްލިކޭޝަންތައް ތަމްސީލުކުރާ މީޑިއާ ޓީމުގެ މެމްބަރެއް-- ފޮޓޯ: އެމްއެމްޕީއާރްސީ
އެގޮތުން މި އަހަރު ފެށިގެން މި މަހު 14ވަނަ ދުވަހުގެ ނިޔަލަށް މި މާކެޓުން ރާއްޖެއަށް ވަނީ 29,666 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އެމްއެމްޕީއާރުސީއިން ދަނީ ނޯޑިކް މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބްލިކްސެން ޓުއާސް އާ ގުޅިގެން ކުރިއަށްގެންދިޔަ ކެމްޕެއިނާއި ނޯޑިކް މާކެޓަށް އަމާޒުކޮށް ބޭއްވި ޓްރެވެލް ޓްރޭޑް ވެބިނާ އެމްއެމްޕީއާރްސީން ފާހަގަކުރެއެވެ.
އަދި ކުރިއަށް އޮތްތަނުގައި އިތުރު ހަރަކާތްތައް ވެސް ރާވާފައިވާކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.