އީރާން ބަލިކޮށް އެމެރިކާ ދެވަނަ ބުރަށް

އެމެރިކާ އާއި އީރާން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް 2022 ގައި ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން މޮޅުވެ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ) އިން އީރާން ފަހަތަށް ޖައްސާ މުބާރާތުގެ ރައުންޑް އޮފް 16 އަށް ދަތުރު ކޮށްފިއެވެ.

މިއީ އެމެރިކާ އިން މުބާރާތުގެ ރައުންޑް އޮފް 16 އަށް ދަތުރު ކުރި ހަވަނަ ފަހަރެވެ.

މެޗާއި ކުރިމަތިލިއިރު އީރާނަށް މި މެޗު އެއްވަރު ކޮށްލައިގެން ވެސް ރައުންޑް އޮފް 16 އަށް ދަތުރު ކުރުމުގެ ފުރުސަތު އޮތެވެ. އީރާނަށް މިހާތަނަށް ފީފާ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވަނަ ބުރަށް ދަތުރު ކުރެވިފައެއް ނުވެއެވެ.

ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރުމަށް، ގަދަ ހިފުމުގައި މި ދެ ޓީމު ގަތަރުގެ އަލް ތައުމާމާ ސްޓޭޑިއަމުގައި ކުޅުނު މެޗު އެމެރިކާ އިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، ގިނަވަގުތު ބޯޅަ ހިފަހައްޓައި، ގިނަ ހަމަލާތަކެއް އުފެއްދީ އެމެރިކާގެ ޓީމުންނެވެ.

މެޗު ފެށުނީއްސުރެ އެޓޭކިންގް ގޭމެއް ކުޅެމުންދިޔަ އެމެރިކާ އިން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ. 38 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ. މިއީ އޭރިއާ ތެރެއަށް ސާޖީނިއޯ ޑެސްޓް ހުރަސް ކޮށްދިން ބޯޅައެއް ގޯލަށް ވައްދާލައިގެން ޕުލިސިޗް ކާމިޔާބު ކުރި ލަނޑެކެވެ.

މެޗުގައި އެމެރިކާ ޓީމުން ކާމިޔާބު ކުރި ލަނޑު --

ގޯލު ޖަހަން އުޅުމުގެ ތެރޭގައި އީރާނުގެ ކީޕަރު ބެއިރަންވާންޑުގެ ކަކުލުން ޕުލިސިޗްގެ ބަނޑާއި ދިމާލުގައި ޖެހި ޕުލިސިޗް އަށް ވަނީ އަނިޔާވެފައެވެ. ފުރަތަމަ ހާފު ނިމެންދެން ޕުލިސިޗް ކުޅުނު ނަމަވެސް އެމެރިކާ އިން ދެވަނަ ހާފު ފެށީ ޕުލިސިޗްގެ ބަދަލުގައި ބްރެންޑެން އާރޯސަން ކުޅެން އަރުވައިގެންނެވެ.

ޕުލިސިޗް އަށް އަނިޔާވެފައި --

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެމެރިކާއިން ދެވަނަ ފަހަރަށް ލަނޑެއް ޖެހިއެވެ. އެހެންނަމަވެސް މި ލަނޑު ޖެހި ޓިމޮތީ ވެއާ އަށް ބޯޅަ ލިބުނު އިރު އޭނާ އޮފްސައިޑު މަގާމެއްގައި ހުރުމުން ރެފްރީ މިއީ ލަނޑެއް ކަމަށް ބަލައިގެންފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު އީރާނަށް އެމެރިކާގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއްވެސް އުފެއްދިފައި ނުވާއިރު، މިއީ މުބާރާތުގެ ތާރީޚުގައި ވެސް އެޓީމުން ހަމަލާއެއް އުފެއްދުމަކާއި ނުލައި މެޗެއްގެ ފުރަތަމަ ހާފު ނިންމާލި ފުރަތަމަ ފަހަރެވެ.

ދެވަނަ ހާފު ފަށައިގެން އީރާނުން އެޓޭކުތައް ވަރުގަދަކޮށް ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސް ކޮށްފައިވެއެވެ. އެހެންނަމަވެސް މާގިނަ ހަމަލާތަކެއް ދެ ޓީމުން ކުރެ ޓީމަކަށް މިހާފުގައި ފޮނުވާލެވިފައެއް ނުވެއެވެ.

އެހެންނަމަވެސް އީރާނުގެ ހަމަލާތައް ފެނިގެންދިޔައީ ނުރައްކާތެރި ކޮށެވެ. ހާއްސަކޮށް މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި އާއި އިތުރު ވަގުތުގެ ގޮތުގައި ދެއްކި 9 މިނެޓުގެ ތެރޭގައި އީރާނުން ނުރައްކާ ކޮށްފައިވެއެވެ. އެމެރިކާއިން ދެވަނަ ހާފު ނިންމާލީ އޮން ޓާގެޓަށް އެންމެ ހަމަލާއެއްވެސް ފޮނުވާ ނުލެވިއެވެ. އީރާނުން އޮން ޓާގެޓް އެއް ހަމަލާ ފޮނުވާލާފައި ވެއެވެ.

އިތުރު ވަގުތުގެ ފަހު މިނެޓުގެ ތެރޭގައި އީރާނުން ވަނީ ޕެނަލްޓީ އަކަށްވެސް އެޕީލް ކޮށްފައެވެ. އެހެންނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީ ނުދޭށެވެ.

މެޗުން މޮޅުވެ އެމެރިކާއިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދިއިރު އެޓީމުން ދެވަނަ ބުރުގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ އެއްވަނަ ނެދަލެންޑްސް އާއި ދެކޮޅަށެވެ. އެ މެޗު ކުޅޭނީ މި ފެށޭ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުގެ 20:00 ގައެވެ.

އެމެރިކާ އާއި އީރާން ހިމެނޭ ގުރޫޕުގެ އެއްވަނަ ހޯދީ އިނގިރޭސިވިލާތެވެ. ފުލުގައި އޮތީ ވޭލްސް އެވެ. ދެވަނަ ޓީމުގެ ގޮތުގައި އެމެރިކާ ރައުންޑް އޮފް 16 އަށް ދަތުރު ކުރިއިރު ތިންވަނަ ލިބުނީ އީރާނަށެވެ.

comment ކޮމެންޓް