އެމެރިކާގެ މަޝްހޫރު އެކްޓަރު ހިޔޫ ޖެކްމަން ސޮއިކޮށްފައިވާ ތޮތްޕަކަށް 100،000 އެމެރިކާ ޑޮލަރު (1.54 މިލިއަން ރުފިޔާ) ޑޮނޭޓްކޮށްފިއެވެ.
ޗެރިޓީއަކަށް ދިނުމަށް ޖެކްމަން ސޮއިކުރި ތޮތްޕަށް އެހާ ބޮޑު އަދަދަކުން ފައިސާ ޑޮނޭޓްކޮށްފައިވަނީ އެމެރިކާގެ މަޝްހޫރު އެކްޓްރެސް ނިކޯލް ކިޑްމަންއެވެ. ނިިކޯލް އެހާ ބޮޑު އަދަދަކުން ފައިސާ ޑޮނޭޓްކުރުމުން ގިނަ ބައެއްްގެ ތަރުހީބު ވަނީ އޭނާ އަށް ލިބިފައެވެ.
އޭނާ ޑޮނޭޓްކޮށްފައިވަނީ ބްރޯޑްވޭ ކެއާ / އިކުއިޓީ ފައިޓްސް އެއިޑްސް ޖަމިއްޔާއަށް އެހީވުމަށެވެ. މި ޖަމިއްޔާއަކީ އެއިޑްސް އާ ގުޅިގެން ދިމާވާ ދަތިތަކުގައި އެހީތެރިވުމަށް ފަންޑު ހޯދައިދިނުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ.
ނިކޯލް އެ ޑޮނޭޝަން ދިނުމާ ގުޅޭގޮތުން ޖެކްމަން ވަނީ އޭނާގެ އިހުސާސްތައް ހިއްސާ ކޮށްފައެވެ. އެގޮތުން ޖެކްމަން ބުނީ އޭނާ ވަނީ ކިޑްމަން އާއެކު 30 ވަރަކަށް އަހަރު މަސައްކަތް ކޮށްފައި ކަމަށެވެ. އަދި އޭނާގެ ފަރާތުން އެހާބޮޑު އެހީއެއް ލިބޭނެ ކަމަކީ އެއްވެސް ވަރަކަށް ހައިރާން ވާ ކަމެއް ނޫން ކަމަށް ޖެކްމަން ބުންޏެވެ. ކިޑްމަން އަކީ އެންމެ މީހުންނަށް އެހީތެރިވާ މީހުންގެ ތެރޭގައި ހިިމެނޭ އެކަކު ކަމުގައި ޖެކްމަން ބުންޏެވެ. އަދި ކިޑްމަންގެ އެހީއަށް ޖެކްމަން ވަނީ ޝުކުރު އަދާކޮށްފައެވެ.
ފިލްމު އިންޑަސްޓްރީގައި އެތައް އަހަރެއް ވަންދެއް މަސައްކަތް ކޮށްފައިވާ ކިޑްމަން އަކީ ހޮލީވުޑްގެ އޭލިސްޓު ތަރިއެކެވެ. އޭނާގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދާދިފަހުން ވަނީ އެމެރިކަން ފިލްމު އިންސްޓިޓިއުޓުން އޭނާއަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ވެސް ދީފައެވެ.