ކޮލެސްޓްރޯލް ދަށް ކުރަން މާމުއި!

ހަކުރުގެ ބަދަލުގައި އެއްްޗެހީގައި ފޮނި ރަހަ ލައްވަން މާމުއި އަވަހަށް ބޭނުން ކުރަން ފަށަންވީއެވެ. މާމުޔަކީ މީހާއަށް ބޭނުންވާ ފޮނި ރަހަތައް ހެޔޮވަރު ކޮށްދިނުމުގެ އިތުރުން ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކޮށްދޭ އެއްޗެއް ކަން ދިރާސާއަކުން ހާމަވެއްޖެއެވެ.

ޔުނިވާސިޓީ އޮފް ޓޮރޮންޓޯގެ ސައިންޓިސްޓުންތަކެއް ކުރިއަށް ގެންދިޔަ ދިރާސާއަކުން ހާމަވާގޮތުން ހަކުރުގެ ބަދަލުގައި މާމުއި ބޭނުން ކުރުުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ފައިދާވެ އެކި ކަހަލަ ބަލި ތަކުން ދުރުހެލިވުމަށް އެހީތެރިވެދެއެވެ.

ޓޮރޮންޓޯ ޔުނިވާސިޓީގެ ރިސާޗަރުންގެ ދިރާސާއަށް ވަނީ 1،105 މީހެއްގެ މައުލޫމާތު ބޭނުންކޮށްފައެވެ. އެ މީހުންނަށް ހާއްސަ ޑައިޓުތަކެއް ދިނުމަށްފަހު ނަތީޖާ ބަލާފައިވާއިރު އެ މީހުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި މީހުންނެވެ.

އެ ދިރާސާއިން ހާމަވެގެން ދިޔައީ މާމުއި ބޭނުން ކުރުމުގެ ސަބަބުން އިންސާނާގެ ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށް ވެފައިވާ ކަމަށެވެ. އަދި މި ނަތީޖާއަކީ ހުސް ބަނޑާ ހުންނަ އިރު ފެންނަ ނަތީޖާއެއް ކަމަށްވެސް ސައިންސުވެރިން ބުނެއެވެ. މާމުއި ބޭނުން ކުރުމުގެ ސަބަބުން ކޮލެސްޓްރޯލް ވެސް ދަށް ވުމަށް މަގުފަހިވާ ކަމަށް ދިރާސާއިން ދައްކައެވެ.

މި ފައިދާ އެންމެ ބޮޑަށް ލިބެނީ ޕްރޮސެސް ކޮށްފައިވާ މާމުޔަށް ވުރެ ބޮޑަށް ރޯ މާމުއިންނެވެ. އެގޮތުން ރޯ މާމުޔަކީ ނިއުޓްރިއެންޓްސް އާއި ތަފާތު އެކި ޒާތުގެ އެންޓި އޮކްސިޑެންޓްތުތައް ހިމެނޭ އެއްޗެކެވެ.

އާދައިގެ ހަކުރަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗަކަށް ވާއިރު އޭގެ ބަދަލު މާމުއި ބޭނުން ކުރުމުން މި ލިބެނީ ފައިދާއެވެ.

comment ކޮމެންޓް