ޖަޕާނުގެ ނީޑެކްއިން އިޓަލީގެ ޕަމާ 100 މިލިއަން ޑޮލަރަށް ގަންނަނީ

ނައިޑެކްގެ ފެކްޓަރީއެއް --

ކިޔޯޓޯ، ޖަޕާން (ނޮވެމްބަރު 30): މެޝިން ޓޫލްސް އުފައްދާ އިޓަލީގެ ކުންފުންޏެއް ކަމަށްވާ ޕަމާ ގަތުމަށް ޖަޕާނުގެ މޮޓޯ އުފައްދާ ކުންފުނި ނީޑެކްއިން 15 ބިލިއަން ޔެން (108 މިލިއަން ޑޮލަރު)ގެ އެއްބަސްވުމެއް ހަދައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރިކް މޮޓޯ އުފައްދާ ކުންފުނި ކަމަށްވާ ނީޑެކްއިން މައިގަނޑު ގޮތެއްގައި ކުރާ ވިޔަފާރިއަކީ ކޮމްޕިއުޓަރުތަކަށް ބޭނުންވާ ހާޑް ޑިސްކް ޑްރައިވް ވިއްކުމާއި، ގޭގައި ބޭނުންކުރާ ތަފާތު އާލަތްތަކަށް ބޭނުންވާ މޮޓަރާއި އިލެކްޓްރިކް އުޅަނދަށް މޮޓަރު ވިއްކުމެވެ. އެ ކުންފުނިން މިހާރު ބޭނުންވަނީ އެލެކްޓްރިކް ވެހިކަލް (އީވީ)ތަކަށް ވިއްކާ ބައިތަކުގެ ވިޔަފާރިއަށް ފަހު އެ ކުންފުންޏަށް އެންމެ ބޮޑު މަންފާއެއް ލިބޭ ދާއިރާއަކަށް މެޝިން ޓޫލްސްގެ ވިޔަފާރި ހެދުމެވެ.

ޕަމާ އަކީ އިޓަލީގެ އުތުރު ޕްރޮވިންސެއް ކަމަށްވާ ޓްރެންޓީނޯގައި 1926 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެއީ އަހަރަކު ގާތްގަނޑަކަށް 140 މިލިއަން ޑޮލަރުގެ އުފެއްދުންތައް ވިއްކާ އަމިއްލަ ކުންފުންޏެކެވެ.

ޕަމާއިން އުފައްދާ ތަކެތީގެ ތެރޭގައި ކެފުމާއި ތޮރުފުމަށް ބޭނުންކުރާ މެޝިނާއި ހެވީ މެޝިނަރީ ކުންފުނިތަކަށް ބޭނުންވާ އިތުރު އާލާތްތައް ހިމެނެއެވެ. ނީޑެކްގެ ވިސްނުން ހުރީ އެ ކުންފުނީގެ ހުރިހާ ހިއްސާއެއް ގަތް ނަމަވެސް، ކުންފުނީގެ މެނޭޖްމެންޓަށް އެއްވެސް ބަދަލެއް ނުގެނައުމަށެވެ.

ނީޑެކްއިން މެޝިން ޓޫލްގެ ވިޔަފާރިއަށް ނުކުތީ މިދިޔަ އަހަރުގެ އޮގަސްޓް މަހު މިޓްސުބިޝީ ހެވީ އިންޑަސްޓްރީޒް މެޝިން ޓޫލް ގަތުމަށް ފަހުގައެވެ. އެ ޔުނިޓް މިހާރު ރީބްރޭންޑްކޮށް، އެތަނުގެ ނަން ވަނީ ނީޑެކް މެޝިން ޓޫލްއަށް ބަދަލުކޮށްފައެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ނީޑެކްއިން ވަނީ ޖަޕާނުގެ މެޝިން ޓޫލް އުފައްދާ ކުންފުނި އޯކޭކޭ އެ ކުންފުނީގެ ސަބްސިޑަރީއަކަށް ހަދައި، އެތަނުގެ ނަން ނީޑެކް އޯކޭކޭއަށް ބަދަލުކޮށްފައެވެ. އެ ދެ ވިޔަފާރީގެ މުއާމަލާތުގެ އަގަކީ ގާތްގަނޑަކަށް 35 ބިލިއަން ޔެން ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ސިނާއީ ދާއިރާގައި ބޭނުންކުރާ ރޮބޮޓްތަކަށް ބޭނުންވާ ބައިތައް އުފައްދާ ނީޑެކް-ޝިމްޕޯ ހިމެނޭ ގޮތަށް، އެ ކުންފުނީގެ މެޝިން ޓޫލް ޑިވިޝަންއަށް މިއަހަރުގެ މާޗް މަހު ނިމުނު ފިސްކަލް އަހަރުގައި 100 ބިލިއަން ޔެން (735 މިލިއަން ޑޮލަރު) ލިބުނެވެ. ނީޑެކްގެ އަމާޒަކީ އިތުރު ކުންފުނިތައް ގަނެ، 2025 ވަނަ އަހަރު އަންނަންވާއިރު އެ އަދަދު 500 ބިލިއަން ޔެން (ތިން ބިލިއަން ޑޮލަރު)އަށް އެރުވުމެވެ.

ދުނިޔޭގެ މެޝިން ޓޫލް މާކެޓުގެ އަގު 10 ޓްރިލިއަން ޔެން (73 ބިލިއަން ޑޮލަރު)އަށް އަރައެވެ.

ޕާމާއަކީ ޔޫރަޕާއި އެމެރިކާއާއި ޗައިނާގެ ޑިސްޓްރިބިއުޓަރުންނާ މުއާމަލާތު ކުރާ ކުންފުންޏެއް ކަމުން، ނީޑެކްއިން އެ ކުންފުނި ގަތުމުން އެ ޚިދުމަތުގެ ފައިސާ ވެސް ލިބޭނެއެވެ.

ނީޑެކްގެ ޗެއާމަން އަދި ސީއީއޯ ޝިގެނޯބޫ ނަގަމޯރީ ކޮންމެ މަހަކު ވެސް ނީޑެކް މެޝިން ޓޫލް އަދި ނީޑެކް އޯކޭކޭ އަށް ޒިޔާރަތް ކުރެއެވެ. ނީޑެކްއިން އެ ދެ ކުންފުނި ގަތްތާ އަހަރެއް ވެސް ނުވަނީސް، އެ ދެ ކުންފުނީގެ ހިންގުމުގެ ގެއްލުން ވަނީ ފައިދާއަށް ބަދަލުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު