ވަޓްސްއެޕްއިން މިހާރު ފޮޓޯއާއި ވީޑިއޯ ފޯވާޑް ކުރުމުގެ ކުރިން ކެޕްޝަން ލިޔެވޭނެ

ވަޓްސްއެޕްއިން މިހާރު ފޮޓޯއާއި ވީޑިއޯ ފޯވާޑް ކުރުމުގެ ކުރިން ކެޕްޝަން ލިޔެވޭނެ -- ފޮޓޯ/ ގެޓީ

ވަޓްސްއެޕްގައި ދައްކާ ވާހަކައެއްގެ ތެރެއިން އެހެން މީހަކަށް ނުވަތަ ގުރޫޕަކަށް ފޮޓޯ އާއި ވީޑިއޯ ފޯވާޑް ކުރާ އިރު، ކެޕްޝަންއެއް ލިޔުމަށް ފަހު ފޯވާޑްކުރެވޭ ގޮތް އެ ކުންފުނިން ހަދައިފިއެވެ.

ވަޓްސްއެޕްއިން އެންމެ ފުރަތަމަ ކުޑަ ދުވަސްކޮޅަކަށް އެ ފީޗާ ޓެސްޓު ކުރުމަށް ފަހު، މިހާރުމިވަނީ ވަޓްސްއެޕް ބޭނުންކުރާ އެންމެންނަށް ވެސް އެ ފީޗާ ތައާރަފުކުރަން ފަށައިފައެވެ. އެގޮތުން އައިއޯސް އާއި އެންޑްރޮއިޑް ބޭނުން ކުރާ މީހުންނަށް ވެސް އެ ފީޗާ ލިބޭނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީގެ ކުރިން ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ފޯވާޑް ކުރުމުގެ ކުރިން ކެޕްޝަން ލިޔަން ބޭނުންވެއްޖެނަމަ ޖެހެނީ ފޮޓޯ ފޮނުވުމަށް ފަހު ޓެކްސްޓް މެސެޖެއްގެ ގޮތުގައި ކެޕްޝަން ވަކިން ފޮނުވާށެވެ. އެހެންނޫނީ އެކަން ކުރެވޭ އަނެއް ގޮތަކީ މީހެއްގެ ފޮޓޯ ކޮޕީ ކުރުމަށް ފަހު ނުވަތަ ފޯނަށް ސޭވް ކުރުމަށް ފަހު، ކެޕްޝަން ހިމަނައިގެން ފޮނުވުމެވެ.

ފޯވާޑް ކުރުމުގެ ކުރިން ފޮޓޯއަކަށް ނުވަތަ ވީޑިއޯއަކަށް ކެޕްޝަން އިތުރު ކުރާނެ ގޮތް

މީހަކު ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ފޮނުވުމުން އެ ފޮޓޯއަށް ކުޑަ ވަގުތު ކޮޅަކަށް ފިއްތައިގެން ހުރުމުން، "ފޯވާޑް" ކުރަން ފުރުސަތުދޭ މެނޫއެއް ފެންނާނެއެވެ. އަދި ފޯވާޑްއަށް ފިތާލުމަށް ފަހު، ފޮޓޯ ނުވަތަ ވީޑިއޯ ފޮނުވަން ބޭނުންވާ މީހެއް ޚިޔާރު ކުރެވޭނެއެވެ.

އެއަށް ފަހު، ފޮޓޯގެ ކެޕްޝަން ޖަހާނެބައި ހަމަ އެ ސްކްރީނުގެ ތަންކޮޅެއް ތިރިން ފެންނާނެއެވެ. ކެޕްޝަން ޖެހުމަށް ފަހު، ކެޕްޝަން ފޮހެލަން ބޭނުން ނަމަ ސްކްރީނުގެ ކަނާތް ފަރާތުގައި ހުންނަ "އެކްސް އައިކަން"އަށް ފިތާލަންވީއެވެ.

ނަމަވެސް ކެޕްޝަންއާއެކު ފޮޓޯ ނުވަތަ ވީޑިއޯ ފޮނުވުމަށް ފަހުގައި ކެޕްޝަންއަށް އިތުރު ބަދަލެއް ނުގެނެވޭނެއެވެ.

comment ކޮމެންޓް