ކާނުގަނޑަށް ފައިވަދެ މިފަހަރު އަނިޔާވީ 82 އަހަރުގެ ފިރިހެނަކަށް

ކާނުގަނޑަށް ފައިވަދެ އުމުރުން 82 އަހަރުގެ މީހެއްގެ ފައި ހަލާކުވެފަ -- ފޮޓޯ/ ޑރ. ރަފިއްޔާ، ޓްވިޓާ

މާލޭގެ މަގެއްގައި ހަލާކުވެފައި އޮތް ކާނުގަނޑަކަށް ފައިވަދެ، 82 އަހަރުގެ ފިރިހެނަކަށް އަނިޔާވެއްޖެއެވެ.

އެ ހާދިސާ ހިނގިކަން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސާ ޑރ. އައިޝަތު ރަފިއްޔާއެވެ. އެގޮތުން ރަފިއްޔާ ވަނީ އެ މައްސަލަ ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެންނަވާފައެވެ.

ރަފިއްޔާ ކުރެއްވި ޓުވީޓެއްގައިވާ ގޮތުން އެ ހާދިސާ ހިނގީ އެމީހާ މިސްކިތުން ފައިބައިގެން ދިޔަ މަގުމަތީގައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ހާދިސާގައި އެމީހާގެ ފައިތިލައާއި ފުންނާބު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ރަފިއްޔާ ވަނީ އެއީ އެފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ނޫން ކަމަށާއި މިދިޔަ މަހުގެ 13ގައާއި މިމަހުގެ އެކެއްގައި ވެސް މިފަދަ ދެ ހާދިސާ ހިނގާފައިވާކަން ފާހަގަކުރެއްވިއެވެ.

މާލޭގެ މަގުމަތި ބެލެހެއްޓުމަކީ މާލޭ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. މިކަމާ ގުޅިގެން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގި ސަރަހައްދުގެ ކާނުގަނޑު ހަލާކުވެގެން މިމަހު ވެސް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކާނުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަލާކުވަނީ ހެވީ ވެހިކަލް ދުއްވާތީ ކަމަށެވެ. ނަމަވެސް މަގުމަތީގައި ހިނގާ މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރަން ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްގެ އޮފިޝަލް ވަނީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މިއަދާ ހަމައަށް ސިޓީ ކައުންސިލުން ބަދަލުކޮށްފައިވާ ކާނުތަކުގެ ތަފާސްހިސާބު "ސަން"އާ ހިއްސާކޮށްފައެވެ. އެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް ޖުމުލަ 80 މަގެއްގެ 160 ކާނުގަނޑު ބަދަލުކޮށްފައިވެއެވެ. އަދި މި އަހަރު މިހާތަނަށް 199 މަގުގެ 380 ކާނުގަނޑު ބަދަލުކޮށްފައިވެއެވެ.

https://sun.mv/169242

މިދިޔަ މަހުގެ 13ގައި ހީނާމާގެ ކައިރިން ހަލާކުވެފައި އޮތް ކާނުގަނޑަކަށް ފައި ވަދެ، އަނިޔާވީ ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ. އެ ހާދިސާގައި ކުއްޖާގެ ފައިގެ ކަށިމަތި ވަރަށް ބޮޑަށް ފަޅައިގެން ދިޔުމުން، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނެވެ.

comment ކޮމެންޓް