އިންޑިއާއިން ރާއްޖެއަށް އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

އިންޑިޔާއިން ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ އެހީފޯރުކޮށްދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން: --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް, އިންޑިއާއިން ރާއްޖެއަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދީފިއެވެ.

މި ފައިސާ ހަވާލުކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި ވަނީ ހަފުލާއެއް ބާއްވާފައެވެ.

ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ފައިސާއަކީ ކޮވިޑްގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށްޓަކައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެދިލެއްވުމުގެ މަތިން އިންޑިޔާއިން ދިން އެހީއެކެވެ.

އެ ފައިސާއަށް ރައީސް އެދިލެއްވީ މިއަހަރުގެ އޮގަސްޓް މަހު، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

އިންޑިއާއިން އެ 100 މިލިއަން ޑޮލަރު ދެނީ އެސްބީއައިއަށް ދޫކުރާ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ފައިސާއަށް އިންޑިއާގެ ސަރުކާރުން އެސްބީއައިއަށް ސޮވެރިން ގެރެންޓީ ދީފައިވާ ކަމަށެވެ.

އެ ފައިސާގެ ރަމްޒީ ލިޔުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ދިނުމުގެ ހަފްލާގައި މިނިސްޓަރު ޝާހިދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ ހަފުލާގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ބޭރުގެ ގައުމުތަކާއެކު ރާއްޖެއިން ގުޅުން ވަރުގަދަކޮށް ހޯދަމުންދާ ކާމިޔާބީތަކަކީ އެކަހެރިވެގެން ހޯދުނު އެއްޗެއް ނޫން ކަމަށާއި، އެއީ ދޭދޭޭ ގައުމުތަކާ ވެސް އޮންނަ އިތުބާރާއި ގުޅުން ދަމަހައްޓައިގެން ހޯދުނު ކާމިޔާބީއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރު ދިނުމަކީ އެހެން ގައުމުތަކުން ރާއްޖެއަށް ކުރާ އިތުބާރު ވަރަށް ބޮޑަށް ފެންނަ ކަމެއް ކަމަށެވެ. އެހެންކަމުން އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތަކަށް ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ފުރިހަމައަށް ބަލައިގަނެފައިވާކަން، ރާއްޖެއަށް ލިބެމުންދާ އެހީތަކުން އެނގޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެ ސިޔާސަތުގެ ސަބަބުން (ރާއްޖެއަށް ލިބެމުންދާ އެހީތަކުން ހެކިކޮށްދެނީ) ބައިނަލްއަގުވާމީ މަޝްރަހުގައި ގައުމުތަކުގެ އިޙްތިރާމާއި ގަދަރު ދިވެހި ރާއްޖެއަށް ލިބިފައިވާ މިންވަރު: މިނިސްޓަރު ޝާހިދު

ޝާހިދު އިތުރަށް ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ދުނިޔޭގެ އެހެން ގައުމުތަކަށް އޮތް ލާމަސީލު މިސާލެއް ކަމަށެވެ.

އެ ހަފުލާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ވިދާޅުވީ އިންޑިޔާއިން ރާއްޖެއަށް ދިން އެހީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މަޑުމަޑުން ކުރިއަރަމުން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން އެ ހަފުލާގައި މިނިސްޓަރު އަމީރުވެސް ވާހަކަފުޅު ދައްކަވައި، ރާއްޖޭގެ އިގްތިސާދަށް އިންޑިއާއިން ވެދެމުންދާ އެހީތައް ފާހަގަކުރެއްވިއެވެ. އެގޮތުން އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނާއި، ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް އެޅުމަށް އިންޑިއާއިން ވެދެމުންދާ އެހީތަކާއި ލ. ގަމުގެ ކެންސާ ހޮސްޕިޓަލް އެޅުމަށް އިންޑިއާއިން ވަމުންދާ އެހީ އަމީރު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އިގްތިސާދީ ގޮތުން ރާއްޖެ މިހާރު ކުރިއަރަމުންދާ ކަމަށެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށްޓަކައި ރާއްޖެއިން މިދަނީ އަވަސް ގޮތެއްގައި އިގްތިސާދު ކުރިއެރުވުމުގެ މަސައްކަތް ކުރަމުން. އެގޮތުން މިއަންނަ އަހަރަށް ފިނޭންސް މިނިސްޓްރީއިން މަޖިލީހަށް ހުށަހެޅި ބަޖެޓު ފާސްވެފައިވާ ކަން ފާހަގަ ކުރަން: މިނިސްޓާ އަމީރު

އަންނަ އަހަރަށް ލަފާކޮށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެއެވެ.

comment ކޮމެންޓް