މާލޭގައި ހުރި ގަރާޖުތައް ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރަން ހުޅުމާލެއިން ބިން ދެނީ

މާލޭގެ ގަރާޖެއް ކުރިމަޓީގައި އުޅަނދުތަކެއް ޕާކު ކޮށްފައި -- ސަން ފައިލް ފޮޓޯ

މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ސަރުކާރާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ގަރާޖު ހިންގުމަށް ހުޅުމާލެއިން ބިން ދޭން އެޗްޑީސީއިން ނިންމައިފިއެވެ.

އެޗްޑީސީއިން ނިންމާފައި ވަނީ، މާލޭގައި މިހާރު ހިންގާ ގަރާޖުތަކުގެ ތެރެއިން 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓޫގެ ބިން ދޫކުރުމަށެވެ. އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 1300 އަކަފޫޓުގެ ބިމެކެވެ.

މީގެ އިތުރުން، ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް ދެ ފަންގި ފިލާއަށް އިމާރާތްކުރެވޭގޮތަށް އެޗްޑީސީއިން ވަނީ ނިންމާފައެވެ.

މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގާ ގަރާޖުތަކެވެ. މި ގަރާޖުތަކުގައި ވެލްޑިން ކުރުން ފަދަ ކަންކަންކޮށް، ތަފާތު ކެމިކަލްތައް ބޭނުންކުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަން މެދުވެރިވެއެވެ.

އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަން ކުރުމަކީ ނުރައްކާތެރި ކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވާނީ މިކަމަށް ލިބޭނެ ބޮޑު ހައްލަކަށް ކަމަށް އެޗްޑީސީއިން ބުންޏެވެ. މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، އެޗްޑީސީއާއި ސަރުކާރާ ގުޅިގެން ނިންމި ނިންމުމެއްކަމަށް ވެސް އެޗްޑީސީއިން ބުންޏެވެ.

ދާދި ފަހުން ވެސް މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހުރި ގަރާޖެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހަދިސާގައި 10 ބިދޭސީން މަރުވިއެވެ.

comment ކޮމެންޓް