119 ކިލޯ ޑްރަގު މައްސަލަ: އަރުޝަދުގެ ބޭބެ ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފި

ދައުވާ އުފުލައިފައިވާ އަހްމަދު މުޖާހިދު --

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯ ޑްރަގު މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އެކަކު ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

އެއީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކޮށްފައިވާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދުގެ ބޭބެ, އަޙްމަދު މުޖާހިދުއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ބުރުޒުމަގުން ޓެކްސީއެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި އަޅާފައިހުރި 28 ރަބަރު ޕެކެޓު ވަނީ ހޯދާފައެވެ. އަދި ސައިކަލެއްގެ މަޑި ދަށުން ވެސް ވަނީ ފަސް ޑްރަގު ޕެކެޓު އަތުލައި ގަނެފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން މުޖާހިދު ބަންދުކޮށްފައިވަނީ އެ މައްސަލައިގައެވެ. ނަމަވެސް މި މަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފައެވެ.

މުޖާހިދުގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގދ. ހޯޑެއްދޫ ގުލޭނޫރަންމާގޭ އަލީ ޒުބައިރާއި އެ ރަށު އިރުމަތީގޭ އަހުމަދު ސުނައިނުގެ މައްޗަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުުރުކުރީ މި އަހަރުގެ މާޗު މަހުގެ ނުވަވަނަ ދުވަހެވެ.

comment ކޮމެންޓް