ޗައިނާގައި އިތުރުވެ ފުޅާވަމުންދާ މުޒާހަރާތަކުގެ ފަހަތުގައި އެމެރިކާގެ އަތެއްނެތި ނުދާނެ!

ކޮވިޑްއާ ދެކޮޅަށް ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް އެގައުމުގެ އާންމުން މަގުތަކަށް ނުކުމެ މުޒާހަރާތައް ފެށިތާ ހަފްތާއެއްހާ ދުވަސްވެފައިވާއިރު މުޒާހަރާތައްދަނީ އިތުރުވެ ފުޅާވަމުންނެވެ. މިއާއެކު ޗައިނާގައި ކޮވިޑް ޖެހޭ މީހުންގެ ޢަދަދުވެސް ރެކޯޑު މިންވަރަކަށް ދަނީ އިތުރުވަމުންނެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނާ ހަވާލާދީ އެގައުމުގެ މިޑިއާ ބުނާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 40 ހާހަށްވުރެ އިތުރުވެފައެވެ. މިއީ ކޮވިޑްގެ ކޭސްތައް ރެކޯޑު މިންވަރަކަށް ޗައިނާގައި އިތުރުވި ފަސްވަނަ ދުވަހެވެ. ޗައިނާގައި ކޮވިޑްގެ ކޭސްތައް އެންމެ ގިނައިން ފެންނަނީ ގުއަންގްޒޫއާއި ޗޮންގްކިންގް އިންނެވެ. މީގެއިތުރުން ވެރިރަށް ބެއިޖިންގް އާއި ޗައިނާގެ ވިޔަފާރީގެ މަރުކަޒުކަމަށްވާ ޝެންގްހާއި އިން ފެންނަ ކޮވިޑް ކޭސްތައްވެސް ހައްތާ ދަނީ އިތުރުވަމުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ޗައިނާގައި އަދިވެސް ގެންގުޅެނީ އެންމެ ކުރީގައި ގެންގުޅުނު ފުރަބަންދުގެ ހަރުކަށި އުސޫލެވެ. ކޮވިޑްގެ އެންމެ ކޭހެއް ފެނުމުންވެސް އެކޭސް ނިސްބަތްވާ މުޅި ސިޓީ ނުވަތަ ޓައުން އެއްކޮށް ބަންދުކޮށް މީހުން ގެއިންބޭރަށް ނުކުތުން މަނާކުރުމުގެ ހަރުކަށި އުސޫލެވެ. މިއަށް ކިޔަނީ "ޒީރޯ ކޮވިޑް" ގެ އުސޫލު ނުވަތަ ސިޔާސަތެވެ.

މިއުސޫލު ބިނާވެފައިވަނީ ޕޮޒިޓިވް ކޭސް ނިސްބަތްވާ ސިޓީ ނޫނީ ސަރަހައްދުގެ ހުރިހާ ރައްޔިތުން ކޮވިޑަށް ޓެސްޓު ކުރުމާއެކު އެސިޓީ ނުވަތަ ސަރަހައްދު އެއްކޮށް ފުރަބަންދުކުރުމުގެ މައްޗަށެވެ. ފުރަބަންދުގެ ހާލަތު ނިމުމަކަށް ގެންނަނީ ބަންދުކުރި ސަރަހައްދުގައި ކޮވިޑްޖެހިފައިވާ އެންމެން އެބަލިން ފަސޭހަވުމުންނެވެ.

ޗައިނާއަކީ މުޒާހަރާކުރުމުގެ ހައްގު ނޯންނަ ގައުމަކަށްވިޔަސް "ޒީރޯ ކޮވިޑް" ގެ އުސޫލާ ދެކޮޅަށް އެގައުމުގެ ރައްޔިތުން މަގުތަކަށްނުކުމެވަނީ މުޒާހަރާކޮށް ސަރުކާރާ ދެކޮޅަށް އަޑު އުފުލަންފަށާފައެވެ. އަނެއްކޮޅުން މި މުޒާހަރާތަކުގައި ޗައިނާގެ ވެރިކަމުން ކޮމިޔުނިސްޓް ޕާޓީ ދުރުވުމަށާއި ރައީސް ޝީޖިންޕިންގެ އިސްތިއުފާއަށްވެސް ބައެއް ފަރާތްތަކުން ގެންދަނީ ގޮވާލަމުންނެވެ. އެހެންކަމުން މި މުޒާހަރާތަކަށް ނުކުންނަ ބައެއް ފަރާތްތަކަކީ ސިޔާސީ އެޖެންޑާއެއްގެ ދަށުން ނުކުންނަ ބައެއްކަމަށްވެސް ވަނީ ބެލެވެންފަށާފައެވެ.މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ ތެރޭގައި ބައެއް ޔުނިވަސިޓީތަކުގެ ދަރިވަރުންވެސް ހިމެނެއެވެ.

ޗައިނާއަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިޔަށްދާ އިގްތިސާދެވެ. 2027 ވަނަ އަހަރު ނޫނީ ލަސްވެގެން 2028 ވަނަ އަހަރު އެމެރިކާގެ އިގްތިސާދު ފަހަތަށް ޖައްސާލައި ދުނިޔޭގެ އެއްވަނަ އިގްތިސާދުގެ ގެ މަގާމު ޗައިނާ ހޯދާނެކަމަށް ލަފާކުރުންތަކުން ދައްކައެވެ. މިއާއެކު ޗައިނާ ގެންދަނީ އެގައުމުގެ އަސްކަރީ ބާރުވެސް ވަރަށްބޮޑަށް ވަރުގަދަކުރަމުންނެވެ.

މިއީ އެމެރިކާއަށް ކުރިމަތިވާ ކަންބޮޑުވުމެއްކަމުން އެމެރިކާވަނީ ބައިނަލްއަގްވާމީ ޖިއޮޕޮލިޓިކަލް މަސްރަހުގައި އެގައުމަށް ކުރިމަތިވާ އެންމެބޮޑު ގޮންޖެހުމަކީ ޗައިނާކަމަށް ފާޅުގައި ބުނެފައެވެ. އެހެންކަމުން ޗައިނާގެ އެތެރޭގެ މަސްރަހު ގޯސްކޮށްލައިގެން ނަމަވެސް ޗައިނާގެ އިގްތިސާދީ އަދި އަސްކަރީ ކުރިއެރުވުމަށް ލޮޅުން އަރުވާލުމަށް އެމެރިކާ ގެންދަނީ ކުރެވެންއޮތްހާ ކަމެއް ކުރަމުންނެވެ. މީގެތެރޭގައި ތައިވާންގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް ތެދުވާނެކަމަށް އެމެރިކާ ބުނާބުނުން ހިމެނެއެވެ.

އެމެރިކާގެ މިސުލޫކަށް ބަލާއިރު ޗައިނާގައި ކުރިޔަށްދާ ކޮވިޑް އާ އިދިކޮޅު މުޒާހަރާތަކުގެ ތެރެއަށް އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ) ގެ އެޖެންޓުން އިންފިލްޓްރޭޓްވެގެން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ޗައިނާގެ ބައެއްގެ ބޮލަށް ވަދެގެން ޗައިނާގެ އެތެރެގަޑުބަޑުކުރުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް މުހައްލިލުން ދެކެއެވެ.

ހުޅަނގުގެ ޑިމޮކްރަސީ ޗައިނާއަށް ގެންނަން އުޅެފިނަމަ ޗައިނާ ގެ އެތެރެ ގަޑުބަޑުވާނެއެވެ. ޗައިނާގެ އިގްތިސާދީ ކުރިއެރުމާއި ތަރައްގީ ވަރަށް ބޮޑަށް މަޑުޖެހި ގިނަ ބަޔަކު ފަގީރުވެގެންދާނެކަން ގާތްގަނޑަކަށް ޔަގީނެވެ. ޗައިނާގައި ދުވަހެއް ދުވަހަކަށް ފަގީރުކަން ކުޑަކުރަމުން ގެންދާއިރު އެމެރިކާފަދަ ހުޅަނގުގެ ޑިމޮކްރަސީ ތަކުގައި ދަނީ ފަގީރުން އިތުރުވެ މުއްސަނދިން އިތުރަށް މުއްސަދިވަމުންނެވެ.

މުޒާހަރާތަކާ ގުޅިގެން ޗައިނާގެ އިގްތިސާދީ ދުވެލި މަޑުޖެހިއްޖެނަމަ އެކަމުގެ ގެއްލުން މުޅި ދުނިޔެ ތަހައްމަލު ކުރަންޖެހޭނެއެވެ. އެއީ އެމެރިކާއާއި ޔޫރަޕް ހިމެނޭގޮތަށް މުޅި ދުނިޔެއަށް ބޭނުންވާ ކޮންޒިއުމާ ގުޑްސް ދުވަހުން ދުވަހަށް ބޭނުންވާ އާންމު ތަކެތި އުފައްދާ މައިގަނޑު ގައުމަކީ ޗައިނާކަމަށްވާތީއެވެ. ޗައިނާގެ އުފެއްދުންތައް ދަށަށްދާނަމަ ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވުމުގެ އިތުރުން ތަކެތި ނުލިބުމުގެ މައްސަލަވެސް ކުރިމަތިވާނެއެވެ.

ޗައިނާގެ އެތެރެ ގަޑުބަޑުކޮށްލަން އެމެރިކާ ބޭނުންވާ ގިނަ ސަބަބުތަކެއްވެއެވެ. މީގެތެރޭގައި ރަޝިއާއަށް ނުސީދާގޮތެއްގައި ޗައިނާ އެހީވާ މައްސަލަ ހިމެނެއެވެ. ނުސީދާ ގޮތެއްގައި އެހީވަނީ އެމެރިކާއާއި ޔޫރަޕުން ރަޝިއާ ދެކޮޅަށްއަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވުމަށް ޗައިނާ ދެކޮޅު ހެދުމާއި ރަޝިއާގެ ތެލާއި ގޭސް ގަންނަ މިންވަރު ޗައިނާ އިން ދެގުނަ އިތުރުކޮށްގެންނެވެ. އަދި ރަޝިއާއަށް ބޭނުންވާ އަސްކަރީ ނޫން ހުރިހާ ތަކެއްޗެއް ޗައިނާ އެގައުމަށް ފޯރުކޮށްދީގެންނެވެ.

ނަތީޖާއަކީ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާގެ އިގްތިސާދަށް މާބޮޑު ނޭދެވޭ އަސަރެއް ނުކުރުމެވެ. ރަޝިއާ އިގްތިސާދީ ގޮތުން އިނދަޖައްސާލުމުގައި އެމެރިކާއާއި ޔޫރަޕް ނާކާމިޔާބުވުމެވެ. މިއީ ޗައިނާގެ ސަބަބުން ވާކަމެއްކަމަށްވާތީ މިކަމާ ގުޅިގެން ޗައިނާއަށް އަދަބުދޭން އެމެރިކާ ވަރަށްބޮޑަށް ބޭނުންވުމެވެ.

ޔުކްރެއިން ހަނގުރާމައަށް ބަލާއިރު ޔުކްރެއިންގެ ފަހަތުގައި އޮންނަނީ އެމެރިކާއާއި އެމެރިކާ ކޮންޓްރޯލްކުރާ ޔޫރަޕެވެ. މިހަނގުރާމައިގާ ރަޝިއާ ބަލިވެއްޖެނަމަ ނުވަތަ ހަނގުރާމައިގެ ސަބަބުން ރަޝިއާ އިގްތިސާދީ ގޮތުން އިދަޖެހިއްޖެނަމަ ދެން އެމެރިކާ ދިމާކުރާނީ ޗައިނާއާކަން ޗައިނާ އަށް ވަރަށް ރަނގަނޅަށް އެނގެއެވެ.

އެހެންކަމުން ޔުކްރެއިން ހަނގުރާމައިގާ ރަޝިއާ ބަލިވުމުގެ ފުރުސަތު ޗައިނާއަކުން ނުދޭނެއެވެ. ނަމަވެސް ޗައިނާގެ މުޒާހަރާތަކާ ގުޅިގެން ޗައިނާގެ އެތެރެގަޑުބަޑުކޮށްލެވިއްޖެނަމަ ހާލަތު ބަދަލުވެދާނެކަމަށް އެމެރިކާ އުންމީދުކުރެއެވެ. ޗައިނާގެ މުޒާހަރާތަކުގެ ފަހަތުގައި އެމެރިކާ ވާނެކަމަށް ބެލެވެނީ މިސަބަބުތަކާ ގުޅިގެންނެވެ.

ޗައިނާގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށްޓަކައި އެމެރިކާއާއި ޔޫރަޕް ފަހަތުގައި އޮވެގެން 1989 ވަނަ އަހަރު ޗައިނާ ބަޔަކު ގެންނަން މަސައްކަތްކުރި އިންގިލާބު ޗައިނާއިން ފެއިލްކޮށްލީ ބާރުގެ ބޭނުންކޮށްގެންނެވެ. ލޭއޮހޮރުވާލައިގެންނެވެ.

ނަމަވެސް ސިޔާސީ މަގްސަދުތަކެއްގައި 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ޗައިނާގެ ސަރަހައްދެއް ކަމަށްވާ ހޮންގްކޮންގް ގައި ޗައިނާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ކުރި ދިގުލީ މުޒާހަރާތަކާއި ހިންގި ސިޔާސީ ގަޑުބަޑުތައް ޗައިނާއިން ހުއްޓުވީ ބާރުގެ ބޭނުން ކޮށްގެނެއް ނޫނެވެ. އެކަކުވެސް މަރުވެގެނެއް ނޫނެވެ.

އެ މުޒާހަރާތަކާއި ގަޑުބަޑުތައް ޗައިނާއިން ހުއްޓުވީ އެކަމުގެ ފަހަތުގައިވާ އެޖެންޓުންތައް ވަރަށް ވިސްނުންތެރިކަމާއެކު ހައްޔަރުކޮށްގެންނެވެ. ހޮންގްކޮންގެ ގަޑުބަޑުތަކުގެ ފަހަތުގައި އޮތްކަމަށް ޗައިނާއިން ތުހުމަތުކުރި ދެގައުމަކީ އިނގިރޭސިވިލާތާއި އެމެރިކާއެވެ. ހޮންގްކޮންގެ ގަޑުބަޑުތައް ބާރުގެ ބޭނުންނުކޮށް ޗައިނާއިން ހުއްޓުވުމުން އެމެރިކާއާއި އިނގިރޭސިވިލާތަށް ސިހުމާއި މާޔޫސްކަން ލިބުނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް