ސްވިޒަލޭންޑް ބަލިކޮށް ގަދަފަދަ ބްރެޒިލް ދެވަނަ ބުރަށް

ގޯލު ޖެހުމަށްފަހު ބްރެޒިލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ----

ފީފާ ވޯލްޑްކަޕްގައި ސްވިޒަލޭންޑް ބަލިކޮށް ބްރެޒިލްއިން މިފަހަރުގެ މުބާރާތުގެ ވެސް ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

މިއީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައިވެސް އޮތް ބްރެޒިލް އިން މުބާރާތުގެ ފުރަތަމަ ބުރު ގިރާކުރި 19 ވަނަ ފަހަރެވެ. ބްރެޒިިލް އަށް ގްރޫޕް ސްޓޭޖާއި ހަމައިން ވަކިވާން ޖެހުނީ ހަމައެކަނި ފުރަތަމަ ތިން މުބާރާތުގައެވެ. އެންމެފަހުން ބްރެޒިލް ގްރޫޕް ސްޓޭޖާއި ހަމައިން ވަކިވާން ޖެހުނީ 1966 ވަނަ އަހަރުއެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގެ ރައުންޑް އޮފް 16 އިން ބްރެޒިލް ޖާގަ ކަށަވަރު ކުރި މެޗު ބްރެޒިލް އިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބްރެޒިލްގެ ކުޅުންތެރިން ގިނަ ހަމަލާތަކެއް އުފައްދާފައި ވެއެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ބްރެޒިލްއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ސްވިޒަލޭންޑް އޭރިއާ ބޭރުން ރަފީނިއާ ނެގި ހުރަހަށް ހުސްކޮށް އަރައި ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާ ދިފާއުކުރީ ސްވިޒަލޭންޑުގެ ކީޕަރު ޔަން ސޮމާއެވެ.

މެޗުގެ ދެވަނަ ހާފުގައި ސްވިޒަލޭންޑުގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. އެގޮތުން ސްވިޒަލޭންޑުގެ ފަބިއަން ރިއެޑާ ބްރެޒިލް އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާ ދިފާއު ކުރީ ބްރެޒިލްގެ ޑިފެންޑަރު އެލެކްސް ސާންޑްރޯ އެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ބްރެޒިލްއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ރޮޑްރިގޯގެ ޕާހަކުން ކަސެމީރޯ ޖެހި ރީތި ގޯލެކެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ބްރެޒިލްގެ ރޮޑްރިގޯއަށް ވެސް ވަނީ ގޮލެއް ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ގަބްރިއާލް ޖީސުސްގެ އެހީއާއެކު އޭނާ ޖައްސާލި ބޯޅަ ހުސިޔާރުކަމާއެކު ދިފާއުކުރީ ސޮމާއެވެ.

މި ނަތީޖާއާއެކު ބްރެޒިލް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ގްރޫޕް އެފްގެ ހުރިހާ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، އެ ގްރޫޕްގެ އެއްވަނަ ބްރެޒިލްއަށް ލިބެނީ ހަ ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި ސްވިޒަލޭންޑް އޮތީ ތިން ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ކެމެރޫން އަދި ފުލުގައި އޮތް ސާބިއާއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

comment ކޮމެންޓް