އަންނަ މަހު ބާއްވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު މިއަދު އާންމުކޮށްފިއެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓު ލެވޭނީ އެ މިނިސްޓްރީން ކުރިން ކުރި އިއުލާނުގައިވާ ގޮތުގެ މަތިން އިންތިޚާބުގައި ވޯޓުލުމަށް ރެޖިސްޓްރީ ކުރި ފަރާތްތަކަށް ކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތަކާއި ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީޑިއާ ކައުންސިލަށް މީޑިއާތަކުން ވާދަކުރާ ކެންޑިޑޭޓުން
- އަޙުމަދު އާޒިފު - ސަން އޮންލައިން
- މުޙައްމަދު އަފްޒަލް - ދީނުގެ މަގު
- މޫސާ ރަޝީދު - މިހާރު އޮންލައިން
- މުޙައްމަދު ސިމާއު - ވަން އޮންލައިން
- ޝިމްލާ އަޙުމަދު - އޭއޯ ނިއުސް
- މުޙައްމަދު އަފްރާހު - ތިލަދުން
- ޢަލީ ނިޝާން - އާފަތިސް އޮންލައިން
- ޙުސައިން ޝަރީފް - ވަގުތު އޮންލައިން
- އަޙުމަދު މުސްތަފާ - ޕަބްލިކް ސާވިސް މީޑިއާ
- މުޙައްމަދު ފަޟްލޫން - ސަންގު ޓީވީ
މި އިންތިޚާބުގައި މީޑިއާތަކުގެ ކެންޑިޑޭޓުންގެ އިތުރުން އަމިއްލަގޮތުން ވެސް 12 ކެންޑިޑޭޓަކު ވާދަކުރާނެއެވެ.
މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ ޖުމުލަ 15 މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ އާންމު މެމްބަރުންގެ ތެރެއިން އިންތިޚާބުކުރާ ހަތް މެމްބަރުންނާއި މީޑިއާ ތަމްސީލުކުރާ އަށް މެމްބަރުންނެވެ.
މީޑިއާ ކައުންސިލްގައި މިހާރު ތިބި 15 މެމްބަރުންގެ ތެރެއިން 13 މެމްބަރުންގެ ދައުރު އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.