ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 31 ވަނަ މެޗުގައި، ބްރެޒިލް އަދި ސްވިޒަލެންޑުގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.
މެޗުގެ 90 މިނެޓު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ކުޅުންވެސް ހަމަވެއްޖެ. ކަސެމީރޯ ޖަހައިދިން ހިތްގައިމު ލަނޑުން މެޗު ކާމިޔާބު ކޮށް ބްރެޒިލް އިން ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރު ކޮށްފި.
އިތުރު ވަގުތުގެ ހަތަރު މިނެޓުގައި ލީޑު ފުޅާކުރަން ބްރެޒިލަށް ރަނގަޅު ފުރުސަތެއް. ބްރެޒިލްގެ ހާފު ތެރެއިން މެދު ރޮނގާ ހަމައިން ތިއާގޯ ސިލްވާ ފޮނުވާލި ހިލޭ ޖެހުމެއް، ވިނީޝިއަސް ޖޫނިއަރ ރޮޑްރިގޯ އަށް ޖައްސާލިއިރު، މުޅިން ހުސްކޮށް ހުރެ ރޮޑްރިގޯ އަށް ބޯޅަ ފޮނުވާލަން ލިބުނު ނަމަވެސް، އޭނާ ލަސް ކުރުމުން އެ ބޯޅަ ގޯލަށް ފޮނުވާލެވިފައެއް ނުވޭ. ހުރަސް އެޅީ ސްވިސް ޓީމުގެ ޑިފެންޑަރުން.
މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓު ދައްކައިފި.
ބްރެޒިލް އިން ލަނޑު ޖަހައި ލީޑު ނަގައިފި. މިއީ ޓީމެއްގެ ގޮތުގައި ކުޅެ ތަނަވަސްކުރި ފުރުސަތަކުން ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ ކާމިޔާބު ކުރި ލަނޑެއް. ނަތީޖާ އަކީ 0-1. ބްރެޒިލް އަށް މި ލަނޑާއެކު ބްރެޒިލް އަށް މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ، ރައުންޑް އޮފް 16 ގެ ޖާގައެއް އެޓީމަށް ކަށަވަރުވާނެ.
75 ވަނަ މިނެޓު: ސްވިސް ޓީމުން ވެސް ދެ ބަދަލެއް ގެނެސްފި. ސޯ އާއި އެމްބޯލޯގެ ބަދަލުގައި ސެފެރޮވިޗާއި އައިބިޗާ ކުޅެން އަރުވައިފި.
އެޓޭކުތައް ވަރުގަދަ ކުރުމަށް ބްރެޒިލް އިން ދެ ބަދަލެއް ގެނެސްފި. ރަފީނާ އާއި ރިޗާލިސަންގެ ބަދަލުގައި އެންޓޮނީ އާއި ގެބްރިއެލް ޖިސޫސް ވަނީ ކުޅެން އަރުވާފަ.
އޭރިއާގެ އަރިމަތިން އޭރިއާ ލައިން ކައިރިން ބްރެޒިލްގެ ވިނީޝިއަސް އަށް ފައުލު ކޮށްފި. ނުރައްކާތެރި ހިސާބަކުން ބްރެޒިލް އަށް ހިލޭ ޖެހުމެއް.
ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ މިއީ އޮފްސައިޑު ލަނޑެއް ކަމަށް ނިންމައި، ލަނޑު ބަލައި ނުގަންނަން ނިންމާފަ.
ބްރެޒިލް އިން މެޗުގައި ލަނޑު ޖަހައި ލީޑު ނަގައިފި. 64 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިނީޝިއަސް ޖޫނިއަރ. މިއީ ކައުންޓާ އެޓޭކެއްގައި ބްރެޒިލް އިން ކާމިޔާބު ކުރި ލަނޑެއް.
58 ވަނަ މިނެޓު: ދެ ޓީމުންވެސް ބަދަލުތަކެއް ގެނެސްފި. ބްރެޒިލް އިން ފްރެޑްގެ ބަދަލުގައި ބްރޫނޯ ގިމަރޭޒް ކުޅެން އެރުވިއިރު ސްވިސް ޓީމުން ވަނީ ފެބިއަން ރެއިޑާ އާއި ރުބެން ވާގަސްގެ ބަދަލުގައި ރެނާޓޯ ސްޓެފަން އަދި އެޑިމިލްސަން ފެރްނާންޑޭޒް ވަނީ ކުޅެން އަރުވާފަ.
56 ވަނަ މިނެޓު: ބްރެޒިލް އަށް ރަނގަޅު ފުރުސަތެއް. އޭރިއާ ތެރެއަށް ވިނީޝީއަސް ޖޫނިއަރ ނަގައިދިން ބޯޅަ މިފަހަރު ވެސް ދިޔައީ ރިޗާލިސަން އަށް ލިބޭ ވަރަށް ވުރެ ބާރަށް.
51 ވަނަ މިނެޓުގައި ބްރެޒިލްގެ ފްރެޑް އަށްވެސް ރީނދޫ ކާޑެއް ދައްކައިފި. މިއީ ސްވިސް ޓީމުގެ ޖެބްރިލް ސޯ އަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ކާޑެއް.
މެޗުގައި ފުރަތަމަ ރީނދޫ ކާޑެއް ދައްކައިފި. 56 ވަނަ މިނެޓުގައި ރޮޑްރިގޯ އަށް ކުރި ފައުލަކާއި ގުޅިގެން ކާޑު ދެއްކީ ފެބިއަން އަށް.
ބްރެޒިލް އިން ދެވަނަ ހާފު ފެށީ ބަދަލަކާއި އެކު. ލޫކަސް ޕަކޭޓާގެ ބަދަލުގައި ކުޅެން އެރީ ރޮޑްރިގޯ.
ނަތީޖާ އަށް ބަދަލު ނައިސް މެޗުގެ ފުރަތަމަ ހާފު ނިމިއްޖެ. ލަނޑު ޖަހަން ބްރެޒިލް އަށް މި ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބިފައިވޭ.
30 ވަނަ މިނެޓު: ސްވިސް ޓީމުގެ ހާފުގެ މެދެއްހާ ހިސާބުން ރަފީނާ ފޮނުވާލި ބާރު ހަމަލާއެއް. ބޯޅަ ދިޔައީ ސީދާ ކީޕަރު ސޮމާ އާއި ދިމާލަށް.
27 ވަނަ މިނެޓު: ބްރެޒިލްގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރެއަށް ރަފީނިއާ ނަގައިދިން ހުރަސް މުޅިން ހުސްކޮށް ހުރެ ވިނީޝިއަސް ޖޫނިއަރ ފޮނުވާލި ހަމަލާއަށް ހުރަސް އެޅީ ސްވިޒަލެންޑުގެ ކީޕަރު ސޮމާ. ވިނީޝިއަސް އަށް ބޯޅަށް ފޮނުވާލެވުނީ ތަންކޮޅެއް މަޑުން.
19 ވަނަ މިނެޓު: ބްރެޒިލް އިން ރަނގަޅު އެޓޭކެއް. އޭރިއާ ތެރެއަށް ޕަކޭޓާ ހުރަސް ކޮށްދިން ބޯޅައަށް ރިޗާލިސަން އަރައި ހުރި ނަމަވެސް، ބޯޅަ ދިޔައީ އޭނާއަށް ލިބޭ ވަރަށް ވުރެ ތަންކޮޅެއް ދުރުން. ބޯޅަ ދިފާއުކޮށް ބޭރު ކޮށްލީ ސްވިޒަލެންޑުގެ ނިކޯ އެލްވެޑީ.
މެޗުގެ 18 ވަނަ މިނެޓާއި ހަމައަށް ދެ ޓީމުންވެސް ކުޅެނީ ހަމަހަމަ ކުޅުމެއް. ދެ ޓީމަށްވެސް 50 އިންސައްތަ ބޯލް ޕޮޒެޝަން ލިބޭ.
މިހާތަނަށް އައި އިރު ހަމަލާއެއް އުފެއްދިފައި ވަނީ ހަމައެކަނި ސްވިސް ޓީމަށް.
ސްވިޒަލެންޑުން ވެސް މި މެޗު ފެށީ ފުރަތަމަ 11 އަށް ބަދަލެއް ގެނެސްގެން. އެގޮތުން ޖެރްދާން ޝަގީރީގެ ބަދަލުގައި 20 އަހަރުގެ ފެބިއަން ރިއެޑާ އަށް ވަނީ ފުރުސަތު ދީފަ.
ފެބިއަން އަކީ 2006 ވަނަ އަހަރަށްފަހު ވޯލްޑް ކަޕުގެ މެޗެއްގައި ސްވިޒަލެންޑުގެ ޖާޒީގައި ކުޅޭން އެރި އެންމެ ހަގު ކުޅުންތެރިޔާ. 2006 ވަނަ އަހަރު ޔޫކްރެއިން އާއި ދެކޮޅަށް ސްވިޒަލެންޑް ކުޅުނު މެޗުގައި އުމުރުން 19 އަހަރާއި 159 ދުވަހުގެ ޖޯހާން ވަނީ ވޯލްޑް ކަޕުގައި ކުޅެފަ.
ބްރެޒިލް އިން މި މެޗު ފެށީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ނޭމާ އާއި ނުލައި. ނޭމާއަށް މި މެޗުގައި ނުކުޅެވުނީ ސާބިއާ އާއި ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި އޭނާގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާ އަކާއި ގުޅިގެން. ނޭމާއަށް ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކުޅޭ އެއްވެސް މެޗެއްގައި ނުކުޅެވޭނެ.
މެޗުގައި ބްރެޒިލް އިން ވަނީ ކުޅޭ ފޯމެޝަނަށްވެސް ބަދަލު ގެނެސްފައި. ސާބިއާއާ ދެކޮޅަށް ބްރެޒިލް ކުޅުނީ 1-2-3-4 ފޯމެޝަނަށް. މި މެޗުގައި ބްރެޒިލް ކުޅެނީ 3-3-4 ފޯމެޝަނަށް.
ނޭމާގެ ބަދަލުގައި ފުރަތަމަ 11 އިން ފުރުސަތު ދިނީ ފްރެޑް އަށް. ފްރެޑް އަކީ މިޑްފީލްޑަރެއް.
މީގެއިތުރުން އަނިޔާގައި ހުރި ޑެނީލޯގެ ބަދަލުގައި ބްރެޒިލް އިން ވަނީ އެޑާ މިލިޓާއޯ އަށް ފުރުސަތު ދީފަ.
މެޗު ފަށައިގެން 30 ސިކުންތުގެ ތެރޭގައި ސްވިޒަލެންޑުން ބްރެޒިލްގެ ކުޅުންތެރިއަކަށް ފައުލު ކޮށްފި.
ސްވިޒަލެންޑް އަދި ބްރެޒިލް ބައްދަލު ކުރާ މެޗުގައި ދެ ޓީމުން ބޭނުންކުރާނެ ފުރަތަމަ 11.