މޮޅަށް ކުޅުނު ކޮރެއާ ބަލިކޮށް ގާނާ އުންމީދުގައި

ކުޑޫސް ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ ----

ފީފާ ވޯލްްޑްކަޕްގައި ދެކުނު ކޮރެއާ ބަލިކޮށް ގާނާ އިން ދެވަނަ ބުރުގެ އުންމީދު ހޯދައިފިއެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މި މެޗު ގާނާއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ދެކުނު ކޮރެއާއިން ވަނީ 20 ހަމަލާއެއް އުފައްދާފައެވެ. އަދި ގާނާއިން ވަނީ ހަތް ހަމަލާއެއް އުފައްދާފައެވެ.

މެޗުގެ 24 ވަނަ ގަނާއިން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ ގަނާގެ މުހައްމަދު ސަލިސޫ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ގާނާގެ މުހައްމަދު ކުޑޫސް ވަނީ ގޯލެއްޖަހައި ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ ޖޯޑަން އަޔޫ ނެގި ހުރަހަކުން ކުޑޫސް ބޮލުން ޖެހި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގައި ދެކުނު ކޮރެއާއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ލީ ކަންގް އިން ގެ ހުރަހަކުން ޗޯ ގޫ ސަންގް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ދެކުނު ކޮރެއާއިން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަައެވެ. އެ ގޯލަކީ ޖޭ ކިމް ނަގައިދިން ހުރަހަކުން އަނެއްކާވެސް ޗޯ ގޫ ސަންގް ބޮލުން ކާމިޔާބު ކޮށްދިން ގޯލެކެވެ.

މެޗުގެ 67 މިނެޓުގައި ގާނާއިން ދެވަނަ ފަހަރަށް މެޗުގެ ލީޑުނެގިއެވެ. އެ ގޯލަކީ ޑިއޯން މެންސާ އޭރިއާ ތެރެއަށް ހުރަސް ކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ކުޑޫސް ކާމިޔާބުކުރި ގޯލެކެވެ.

އެ ނަތީޖާއާއެކު ގާނާއިން ވަނީ ގްރޫޕް އެޗްގެ ދެވަނަ މަގާމަށް ޖެހިލާފައެވެ. ދެ މެޗު ކުޅެ ގާނާ ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ. އެ ގްރޫޕްގެ އެއްވަނައިގައި އޮތީ އެއް މެޗުން ތިން ޕޮއިންޓު ހޯދައިގެން ޕޯޗުގަލް އެވެ. ތާވަލުގެ ތިންވަނައިގައި އުރުގުއާއީ އޮތީ އެއް މެޗުން އެއް ޕޮއިންޓު ހޯދައިގެންނެވެ. އަދި ތާވަލުގެ ފުލުގައި އޮތް ދެކުނު ކޮރެއާ އަށް ދެ މެޗު ކުޅެގެން އެއް ޕޮއިންޓު ލިބިފައިވެއެވެ.

comment ކޮމެންޓް