އުރީދޫ ފަން ރަންގެ ހޯސްޓް ޕާޓްނަރަކަށް އެޗްޑީސީ

ނޮވެމްބަރ 23، 2018: އުރީދޫ ކަލާ ރަންގެ ތެރެއިން: މިއަހަރުގެ ދުވުމުގައި 5000އަށް ވުރެ ގިނަ މީހުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫއިން ބާއްވާ ފަން ރަންގެ ހޯސްޓް ޕާޓްނަރަކަށް މިއަދު އެޗްޑީސީ ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން އުރީދޫއިން ބުނީ ފަން ރަން އަކީ، އުރީދޫ ކަލާ ރަންއަށް ބަދަލުތަކެއް ގެނެސްގެން ބާއްވާ ދުވުމެއް ކަމަށެވެ.

ކަލާ ރަންގައި ވެސް ހޯސްޓް ޕާޓްނަރުކަން އެޗްޑީސީން ކޮށްފައިވާކަން އުރީދޫއިން ފާހަގަކުރިއެވެ. އަދި މިފަދަ ހުރިހާ ކަމަކަށް އެޗްޑީސީގެ ފަރާތުން ދޭ އެއްބާރުލުން ފާހަކޮށް އެ ކުންފުނިން ވަނީ ޝުކުރުއަދާކޮށްފައެވެ.

ފަން ރަންގައި ބައިވެރިވުމަށް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެއެވެ. ފަން ރަންގައި ރެޖިސްޓާ ވުމުގެ ފަހު ވަގުތަކީ އަންނަ ބުދަ ދުވަހެވެ.

މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ ކުދިންނާއި މީހުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، އެ ސަރަހައްދެއްގައި ބަހައްޓާފައިވާ ސްޓޭޝަންތަކުގައި، ކުލަ ޖެހުމުގެ އިތުރުން ފެން ޖެހުން ފަދަ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި ވެސް ދުވެފައި ވެސް ރޭސް ނިންމި ދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ފަން ރަންއަށް "ސްޓޭންޑަޑް ކިޓް" އަކާއި "ފަން ކިޓް"އެއް އެ ކުންފުނިން ވިއްކައެވެ. ސްޓޭންޑަޑް ކިޓްގައި ހިމެނޭނީ ފަން ރަން ޓީޝާޓާއި އަތުގައި އަޅާ ބޭންޑެކެވެ. މި ކިޓުގެ އަގަކީ 100 ރުފިޔާއެވެ. އަދި 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން އަތުގައި އަޅާ ބޭންޑަކާއި، ފޮތި ދަބަހާއި އައިނު އަދި ބަންޑާނާ ހިމެނެއެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. އެ ދުވުމާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުންނާއި އުރީދޫގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެއެވެ.

comment ކޮމެންޓް