އެޗްޑީސީގެ ސްމާޓްކޮމް ފެއާގައި ކާބޯތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްޑީސީގެ ބިލްޑިން

އަންނަ ހުކުރު ދުވަހު އެޗްޑީސީއިން ކުރިއަށްގެންދާ ސްމާޓްކޮމް ފެއާގައި އަމިއްލަ ސްޓޯލެއް ހަދައިގެން ކާބޯތަކެތި ވިއްކަން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން އެޗްޑީސީއިން ބުނީ، ސްޓޯލު ބަހައްޓަން ޝައުގުވެރިވާ މީހުން އަންނަ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެކަމަށް އެދި ފޯމު ހުށަހަޅަން ޖެހޭނެކަމަށެވެ.

މި ފެއާ ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހު، ހަވީރު 4:00އިން 6:00އަށް އަދި ރޭގަނޑު 8:00އިން 10:00އަށެވެ.

މި ފެއާއަކީ ތަފާތު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާއި އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ފެއާއެކެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ، "ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން" ތައްޔާރު ކޮށްދިނުމަށް ބާއްވާ ފެއާއެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ސްމާޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރުމަށް އެޗްޑީސީއިން ކުރިއަށްގެންދާ ޕްރޮޖެކްޓް ކަމަށްވާ ސްމާޓްކޮމްގެ ދަށުން މީގެ ފަހުން ކޮންމެ އަހަރަކު ވެސް މި ފެއާ ބާއްވާނެ ކަމަށް އެޗްޑީސީއިން ބުންޏެވެ.

މީގެ އިތުރުން، ތަފާތު ސައިބާ ކުށްތައް އާންމުވެފައިވާ މިފަދަ ޒަމާނެއްގައި މުޖުތަމައު މިކަންކަމުން ސަލާމަތް ކުރުމަށް ހޭލުންތެރި ކުރުވުމަށް މި ފެއާއިން އެހީތެރި ވެދެވޭނެ ކަމަށް އެޗްޑީސީއިން ބުންޏެވެ. އަދި މި ފެއާގައި ސްމާޓް ސިޓީ ސޮލިއުޝަންތަކާ ބެހޭ މުހިންމު މައުލޫމާތާއި، އެހެނިހެން ޑިޖިޓަލް ޚިދުމަތްތަކާ ބެހޭ މައުލޫމާތާއި ސައިބާ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕްރެޒެންޓޭޝަންތައްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް