މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމާލައިފި، ނިމުނީ 57 އިންސައްތަ މަސައްކަތް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ އަދި ފަހު ދައުރު ނިންމާލައިފިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ފަށާފައިވަނީ މޭ މަހުގައެވެ. އަދި ތިން ވަނަ ދައުރު ފަށާފައިވަނީ އޮގަސްޓް މަހުގެތެރޭގައެވެ.

މި ދައުރުގައި 43 ޖަލްސާ ބޭއްވިއިރު މި ދައުރުގައި ނިންމާލެވިފައިވަނީ ހުށަހެޅުނު މަސައްކަތުގެ 54.7 އިންސައްތަ ކަމަށް މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން، ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފް ވިދާޅުވިއެވެ. އަދި މަސައްކަތުގެ 45.3 އިންސައްތަ މަސައްކަތް ނުނިމޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި 20 ކަމަކަށް ވޯޓަށް އަހާފައިވެއެވެ. މި ދައުރުގައި ފާސްކުރި މުހިންމު ކަންތައްތަކުގެ ތެރޭގައި އަންނަ އަހަރުގެ ބަޖެޓާއި މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ހިމެނެއެވެ. އަދި ޓެކްސް ބޮޑު ކުރުމުގެ ބިލާއި ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ހިމެނެއެވެ.

މި އަހަރުގެ ފަހު ދައުރުގައި ކުރި މަސައްކަތަށް ބަލާއިރު ޖުމްލަ 42 ބިލުގެ މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ކުރީ ދައުރުގެ 29 ބިލާއި، މި ދައުރުގައި ހުށަހެޅި 13 ބިލު ހިމެނެއެވެ. އޭގެ ތެރެއިން 25 ބިލުގެ މަސައްކަތް މަޖިލީހުން ނިންމާފައިވާއިރު 17 ބިލުގެ މަސައްކަތް އަދި ނުނިމެއެވެ.

މަޖިލީހުން 13 ގަރާރެއްގެ މަސައްކަތްކޮށް، ހަ ގަރާރެއްގެ މަސައްކަތް ނިންމާފައިވާއިރު ސަރުކާރުން ހުށަހެޅި 10 މައްސަލައެއްގެ މަސައްކަތް ވަނީ ކޮށްފައެވެ. އޭގެ އިތުރުން ރިޔާސަތުން ހުށަހެޅި ހަ މައްސަލައިގެ ތެރެއިން ހަތަރު މަސައްކަތް ވަނީ ނިންމާފައެވެ.

ދައުރު ނިންމާލާފައިވާއިރު ވަޒީރުންނާ 89 ސުވާލުކޮށް، 43 ސުވާލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް