ކެމަރޫން އިން ސާބިއާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ކެމަރޫންއިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ ---

ފީފާ ވޯލްޑް ކަޕްގައި ކެމެރޫންއިން ސާބިއާ މޮޅުވިޔަ ނުދީ ހިފަހައްޓައިފައިވެ.

އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މެޗުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ސާބިއާއިން ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. ސާބިއާގެ އެލެކްސެންޑާ މިޓްރޮވިޗް ކެމެރޫންގެ އޭރިއާ ތެރެއަށް ވެދެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ކެމެރޫންއިން ވަނީ ގޯލެއްޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ ޗާލްސް ކަސްޓެލެޓޯ ބޮލުން ކާމިޔާބުކުރި ގޯލެކެވެ.

އެ ގޯލާއެކު ސާބިއާއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް ކުރި މަސައްކަތުން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ހަމަވުމުން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރޭގައި ވަނީ ދެ ލަނޑު ޖަހައިފައެވެ. ފުރަތަމަ ގޯލަކީ ޑޫސަން ޓެޑިޗް ތަނަވަސްކުރި ފުރުސަތަކުން ސްޓްރަހިންޖާ ޕަވްލޮވިޗް ޖެހި ގޯލެކެވެ.

އޭގެ ދެ މިނެޓުފަހުން ސާބިއާއިން އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑުނެގިއެވެ. އޭރިއާ ބޭރުން މިލަންކޮވިޗް ސެވިޗް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ސާބިއާއިން ވަނީ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ސާބިއާއިން ވަނީ މެޗުގެ ތިން ވަނަ ގޯލު ޖަހާފައެވެ. އެ ގޯލަކީ ޒިކޮވިޗް ތަނަވަސްކުރި ފުރުސަތަކުން މިޓްރޮވިޗް ކާމިޔާބުކުރި ގޯލެކެވެ.

އެ ގޯލާއެކު ކެމަރޫންއިން ވަނީ އެ ޓީމު ކުރިއަށް ޖެހިގެން ކުޅެން ފަށައިފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ކެމެރޫންގެ ވިންސެންޓް އަބޫބަކުރު ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ގޯލަކީ ކަސްޓެލެޓޯ ތަނަވަސްކުރި ފުރުސަތަކުން އޭނާ ޖެހި ގޯލެކެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ކެމެރޫންގެ ވިންސެންޓް އަބޫބަކުރު ތަނަވަސް ކޮށްދިން ފުރުސަތެއްގައި މުޅިން ހުސްކޮށް ހުރެ ޗުޕޯ މޮޓީންގް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކެމަރޫނުން ވަނީ މެޗުގެ ނަތިޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ ނަތީޖާ ނިކުތްގޮތުން ގްރޫޕް ޖީގެ ކޮންމެ ޓީމަކަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ. އެ ގްރޫޕްގެ އެއްވަނައިގައި ބްރެޒިލް އޮތީ އެއް މެޗު ކުޅެ ތިން ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައިި އޮތް ސްވިޒަލޭންޑަށް ވެސް އެއް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ކެމަރޫނަށް ދެ މެޗު ކުޅެ ޕޮއިންޓެއް ލިބިފައިވާއިރު ތާވަލުގެ ފުލުގައި އޮތް ސާބިއާއަށްވެސް ލިބުނީ ދެ މެޗުން އެއް ޕޮއިންޓެވެ.

comment ކޮމެންޓް