މިސްކިތްތަކުގެ އާބާތުރަ ފިލުވަން ފަައިސާ ނުދޭތީ ސިޓީ ކައުންސިލުން ޓެލެތޯނެއް ބާއްވަނީ

މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ކުރުމަށް ކައުންސިލަށް ފައިސާ ނުދޭ ކަމަށް ބުނެ، އެ މަސައްކަތަށް ފައިސާ ހޯދަން މާލޭ ސިޓީ ކައުންސިލުން ޓެލެތޯނެއް ބާއްވަން ނިންމައިފިއެވެ.

މި ޓެލެތޯން ބާއްވާނެ ތާރީޚެއްގެ ގޮތުގައި މި ވަގުތު ކަނޑައަޅައިފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ.

މިސްކިތްތައް މަރާމާތުކޮށް، ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާއެކެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލުން މި ސަރަހައްދުގައި ހުރި 42 މިސްކިތެއް ބަލަހައްޓައެވެ.

އެކަމަށް ބޭނުންވާ ބަޖެޓު ދެނީ އިސްލާމިކް މިނިސްޓްރީންނެވެ.

އެހެންނަމަވެސް މިސްކިތްތަކުގެ މަރާމާތަށް ލިބޭ ފައިސާގެ އަދަދު މަދުވުމަކީ މާލޭ ސިޓީ ކައުންސިލްގެ ޝަކުވާއެކެވެ.

އަދި މިހާރު މިސްކިތްތަކުގެ އާބާތުރަ ފިލުވަން ފައިސާ ނުދޭތާ ފަސް މަސް ވެއްޖެކަމަށް ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒް "ސަން"އަށް މިއަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފައިސާ ނުދޭތާ ވެއްޖެ ފަސް މަސް. މިދިޔަ އަހަރު ދިނީ އެއް މިލިއަން ރުފިޔާ. މުޅި މި އަހަރު ދިނީ އެންމެ ތިން މިލިއަން ރުފިޔާ،" އޭނާ ވިދާޅުވިއެވެ.

ކައުންސިލަރު އާދަމް ރަމީޒް -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ރަމީޒް ވިދާޅުވީ މިސްކިތު ފަންޑު ނުވަތަ ވަގުފު ފަންޑުގެ ނަމުގައި ފަންޑެއް ހުންނަ ކަމަށެވެ. އެ ފަންޑަކީ މާފަންނު މަދަރުސާއާ ޖެހިގެން ހުންނަ ވަގުފު އިމާރާތުން ލިބޭ ފައިސާ ޖަމާކުރާ ފަންޑެކެވެ.

އެ ފަންޑަށް ވެސް އަހަރަކު ނުވަ މިލިއަން ރުފިޔާ ޖަމާވާކަަމަށް ރަމީޒްް ވިދާޅުވިއެވެ. އެ ފަންޑުން ވެސް އެއްވެސް ފައިސާއެއް ސިޓީ ކައުންސިލަށް ނުދޭކަމަށް ރަމީޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ދެނީ މަސައްކަތުގައި އުޅޭ މީހުންނަށް މުސާރަ ދޭ ފައިސާ އެކަނި ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީން ބުނަނީ މަސައްކަތް ކުރުމަށްފަހު ބިލު ހުށަހަޅަންކަމަށާއި މަސައްކަތަށް ދާ ޚަރަދު ދެނީ އޭގެ ފަހުން ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެންގެ އަތުގައި ނެތް ފައިސާއަކުން ކިހިނެތްތޯ ޚަރަދުކުރާނީ. ސަރުކާރުން ލާރިއެއް ނުދޭ، އެހެންވެ އަޅުގަނޑުމެން މި ޓެލެތޯން ވެސް މި ބާއްވަނީ،" ރަމީޒް ވިދާޅުވިއެވެ.

ރަމީޒް ވިދާޅުވީ މިކަމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ވަަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުންގެ އެހީތެރިކަމަށް އެދެން ޖެހުނީ ސަރުކާރުން މިސްކިތްތަކުގެ މަރާމާތަށް އިހުމާލުވުމުންކަމަށް ވިދާޅުވިއެވެ.

މިސްކިތްތަކުގެ މަރާމާތަށް ކައުންސިލުން އަންނަނީ އިސްކަން ދެމުންނެވެ.

އެގޮތުން ސިޓީ ކައުންސިލުން ވަނީ މިސްކިތްތައް ބެލެހެއްޓުމަށް ޓަކައި 24 ގަޑިއިރު މިސްކިތްތައް މޮނިޓާ ކުރާ ގޮތަށް ސީސީޓީވީ ވެސް ހަރުކޮށްފައެވެ. އެ މަޝްރޫގެ ދަށުން މާލެއާއި ވިލިމާލޭގެ ޖުމްލަ 39 މިސްކިތުގައި ވަނީ ސީސީޓީވީ ހަރުކޮށްފައެވެ.

comment ކޮމެންޓް