ނޭމާއަށް އަނިޔާ ކުރުން ހުއްޓާލަން ޖެހޭ: ބްރެޒިލްގެ ކޯޗު

ބްރެޒިލް އާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން ލިބުނު އަނިޔާއާ ގުޅިގެން ނޭމާ ދަނޑު މަތީގައި އިށީންދެގެން ---

ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ އަށް ޓާގެޓުކޮށް، އޭނާއަށް އަނިޔާއެއްދީ ކުޅުމުން އެކަހެރި ކުރުމުގެ ނިޔަތުގައި ބައެއް ކުޅުންތެރިން ފައުލު ކުރާ ކަމަށާއި، ގަސްތުގައި މިފަދަ ކަންކަން ކުރުން ހުއްޓާލަން ޖެހޭ ކަމަށް ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު، ޓިޓޭ ބުނެފިއެވެ.

ބްރެޒިލް އިން މިފަހަރުގެ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި، ސާބިއާ އާއި ދެކޮޅަށް ކުޅުނުއިރު، މި މެޗުގައި ނޭމާއަށް އެކަނި 9 ފައުލެއް ސާބިއާގެ ކުޅުންތެރިން ކޮށްފައިވެއެވެ. އޭގެ ތެރެއިން ގިނަ ފައުލު ތަކަކީ ސާބިއާގެ ނިކޮލާ މިލެންކިވިޗް ކުރި ފައުލުތަކެކެވެ.

އެ މެޗުގައި ނޭމާއަށް 9 ފައުލެއް ކޮށްފައި ވާއިރު، މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅުންތެރިއަކަށް އިދިކޮޅު ޓީމުގެ ކުޅުންތެރިން، އެއް މެޗެއްގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައުލު ކުރި އަދަދެވެ.

މި ފައުލު ތަކާއި ގުޅިގެން ނޭމާއަށް މެޗު ފުރިހަމަ ނުކުރެވުނު އިރު، ކުޅުން އިތުރަށް ކުރިއަށް ނުގެންދެވިގެން ނޭމާ ބަދަލު ކޮށްފައިވަނީ މެޗުގެ 80 ވަނަ މިނެޓުގައެވެ. ދަނޑުން ފޭބުމަށްފަހު ބެންޗުގައި ނޭމާ އިށީންދެގެން އިންއިރު އިނާ ފެންކަޅިވެ، ރޮވިފައެވެ.

އޭނާގެ ފައިގެ ކުޑަ ހުޅު ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އެ މަންޒަރު ދައްކައިދޭ ފޮޓޯތައް މީސްމީޑިއާގައި އާންމު ވެފައިވާއިރު، ފަހުން ނޭމާ ވެސް ވަނީ އޭނާގެ ފައިގެ ކުޑަހުޅު ދުޅަވެފައިވާ މަންޒަރު ދައްކައިދޭ ފޮޓޯތަކެއް މީސްމީޑިއާގައި އާންމު ކޮށްފައެވެ.

ބްރެޒިލް އާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން ---

ލިބުނު އަނިޔާ އާއި ގުޅިގެން ނޭމާއަށް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް އަށް ބާކީ އޮތް ދެ މެޗު ނުކުޅެވޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ. އެހެންނަމަވެސް ރައުންޑް އޮފް 16 އަށް ބްރެޒިލް ދަތުރުކޮށްފި ނަމަ، އެ ހިސާބުން ފަށައިގެން ނޭމާ މުބާރާތުގައި ކުޅޭނެ ކަމަށް ބްރެޒިލްގެ ކޯޗު ބުނެފައިވެއެވެ.

ބްރެޒިލް އިން ސްވިޒަލެންޑާއި ދެކޮޅަށް މިއަދު 21:00 ގައި ކުޅޭ މެޗާއި ގުޅޭގޮތުން މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓިޓޭ ބުނީ، ގަސްތުގައި ނޭމާއަށް އަނިޔާ ދިނުމުގެ ގޮތުން ބައެއް ޓީމުތަކުންނާއި ވަކިވަކި ކުޅުންތެރިން ފައުލު ކުރަމުންދާ ކަމަށެވެ.

އަދި ނޭމާގެ އިތުރުން އެހެން ބައެއް ކުޅުންތެރިންނަށްވެސް އަނިޔާ ދިނުމުގެ ނިޔަތުގައި ރާވައިގެން ފައުލުތައް ކުރާކަމުގެ ތުހުމަތު ޓިޓޭ ކޮށްފައިވެއެވެ.

އަދި މިއީ ހުއްޓާލަން ޖެހޭ ކަމެއް ކަމަށާއި، ފުޓުބޯޅަ އޭގެ އެންމެ ސާދާ ގޮތުގައި ބާއްވަން ބޭނުން ނަމަ، ކުޅުންތެރިންނަށް ކުރާ ފައުލުތަކާއި މެދު ސަމާލުވާން ޖެހޭ ކަމަށް ޓިޓޭ ބުނެފައިވެއެވެ.

ނޭމާ ފީފާ ވޯލްޑް ކަޕެއްގައި އެންމެ ފުރަތަމަ ކުޅެފައި ވަނީ 2014 ވަނަ އަހަރުއެވެ. އެ ފަހަރުގެ ވޯލްޑް ކަޕުން ފެށިގެން މިއަދާއި ހަމައަށް، ވޯލްޑް ކަޕުގެ މެޗުތަކުގައި އެކަނިވެސް ނޭމާއަށް 53 ފައުލެއް ކޮށްފައިވާކަމަށް ރިކޯޑުތަކުން ދައްކައެވެ. އެހެން އެއްވެސް ކުޅުންތެރިއަކަށް މި އަދަދަށް ފައުލު ކޮށްފައިވާކަމަކަށް ރިކޯޑު ކުރެވިފައެއް ނުވެއެވެ.

ނޭމާ އާއި ނުލައި މިރޭ ބްރެޒިލް އިން ސްވިޒަލެންޑާއި ދެކޮޅަށް ކުޅޭއިރު، މި މެޗު ކާމިޔާބު ކުރާ ޓީމަކަށް ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރުވާނެއެވެ. މިވަގުތު ބްރެޒިލް އާއި ސްވިޒަލެންޑުގެ އިތުރުން ސާބިއާ އަދި ކެމެރޫން ހިމެނޭ ގުރޫޕުގެ އެއްވަނައިގައި ބްރެޒިލް އޮތީ ތިން ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސްވިޒަލެންޑަށްވެސް ތިން ޕޮއިންޓު ލިބިފައިވާއިރު ބްރެޒިލް އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ތިންވަނައިގައި އަދި ހަތަރު ވަނައިގައި އޮތް ކެމަރޫން އާއި ސާބިއާ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

comment ކޮމެންޓް