ވޯލްޑް ކަޕުން އެމެރިކާ ބޭރުކޮށްދޭން އީރާނުން ފީފާގައި އެދިއްޖެ

ސަން ގްރެފިކްސް

ދުނިޔޭގެ އެންމެ ހައިބަތު ބޮޑު ފުޓުބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕުގެ މިފަހަރުގެ އެޑިޝަނުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ) ބޭރު ކުރުމަށް، އީރާނުން ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް އަދި މި މުބާރާތް އިންތިޒާމު ކުރާ، ފީފާ ގައި އެދިއްޖެއެވެ.

ފުޓުބޯޅައިގައި މި ދެ ޓީމުގެ ދެމެދުގައި ވާދަވެރި ކަމެއް ނެތް ނަމަވެސް، މި ދެ ގައުމަކީ، ހާރިޖީ ގުޅުން ދެރަ، ބޮޑެތި މައްސަލަތަކެއް ދެ ގައުމުގެ ދެމެދުގައި އޮންނަ ދެ ގައުމެވެ.

ސަބަބަކީ އީރާންގެ ނިއުކްލިއާ ޕްރޮޮގްރާމާއި މެދު އެމެރިކާއިން ހުރި ކަންބޮޑުވުން ތަކާއި، އީރާނަށް އަތްގަދަ ކުރުމުގެ ފުރުސަތު އެމެރިކާ އަށް ނޯންނާތީވެ، އެކަމާއި މެދު އެމެރިކާއިން ހުރި ހިތްހަމަ ނުޖެހުން ތަކެވެ.

ފުޓުބޯޅައިގައި މި ދެ ޓީމު ކުރިމަތިލާފައި ވަނީ އެންމެ ދެ ފަހަރުއެވެ. އެންމެފުރަތަމަ މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނުނީ 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައެވެ. އެފަހަރު މި ދެ ޓީމު ހިމެނުނީ ގްރޫޕް އެފްގައެވެ. އެ މެޗު 1-2 އިން ކާމިޔާބު ކުރީ އީރާނެވެ.

އޭގެފަހުން މި ދެ ޓީމު ބައްދަލުކުރީ މީގެ 22 އަހަރު ކުރިން 2000 ވަނަ އަހަރު، ބައިނަލްއަގްވާމީ އެކުވެރި ކަމުގެ މެޗެއްގައެވެ. އެމެރިކާގެ ރޯސް ބައުލް ސްޓޭޑިއަމުގައި ކުޅުނު އެ މެޗު 1-1 އިން ވީ އެއްވަރެވެ.

ޚާރިޖީ އެތައް މައްސަލަތަކެއް މި ދެ ގައުމުގެ ދެމެދުގައި ވަނިކޮށް، މިފަހަރުގެ ވޯލްޑް ކަޕަށް ނެގި ގުރުގައި މި ދެ ޓީމު ލައްވާލީ އެއް ގުރޫޕެއްގައެވެ. އެއީ ގްރޫޕް ބީގައެވެ.

އީރާނުން ފީފާގައި މައްސަލަ ޖައްސާފައި ވަނީ، އެމެރިކާއިން މީސްމީޑިއާގެ މަންސަތަކުގައި ހިއްސާކުރި ގްރޫޕް ބީގެ ޕޮއިންޓު ތާވަލުގެ ފޮޓޯގައި، އީރާންގެ ދިދަ ހިމެނިއިރު، ދިދައަށް ބަދަލު ގެނެސްފައިވާތީއެވެ.

އެގޮތުން އެމެރިކާއިން ހިއްސާކުރި ފޮޓޯގައި އީރާންގެ ދިދައިގައި އެ ގައުމުގެ ދައުލަތުގެ ނިޝާނާއި، ދިދައިގައި ކުފިކް ބަހުން ލިޔެފައިވާ ތަކްބީރުގެ ލިޔުންތައް ވަނީ ފޮހެލާފައެވެ.

މިއީ، އީރާންގެ އިސްލާމީ ދައުލަތާއި ދެކޮޅަށް އެގައުމުގެ ބައެއް ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކަށް ހިތްވަރުދީ، އެމެރިކާ އިން އެއަށް ތާޢީދު ކުރާކަން ހާމަކުރުމުގެ ގޮތުން އެމެރިކާއިން ކުރި ކަމެކެވެ.

ސީއެންއެން އާއި ވާހަކަދައްކަމުން އެމެރިކާގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނީ، އީރާނުގައި އިންސާނީ އަސާސީ ހައްގުތަށް ނުލިބޭ ކަމަށް ބުނެ އެ ހައްގު ހޯދުމަށް މަސައްކަތްކުރާ އަންހެނުންނަށް ތާއީދު ކުރާކަން ހާމަ ކުރުމުގެ ގޮތުން އެމެރިކާއިން 24 ގަޑިއިރު ވަންދެން އީރާންގެ ދިދަ މިހެން ބައިންދަން ބޭނުންވާ ކަމަށެވެ.

އަދި 24 ގަޑިއިރަށްފަހު އީރާންގެ ދިދަ، އޭގެ އަސްލާއި އެއްގޮތަށް އެމެރިކާ އިން ހިއްސާ ކުރާ ފޮޓޯތަކުގައި ބޭނުން ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެމެރިކާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރަސްމީ ވެބްސައިޓުގައި އީރާންގެ ދިދަ އިންނާނީ ރަނގަޅަށް ކަމަށާއި މިއީ މީސްމީޑިއާ މެދުވެރިކޮށް އެމެރިކާއިން ކުރި ކެމްޕެއިނެއް ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އީރާނުގެ ދައުލަތުގެ މީޑިއާއިން އާދީއްތަ ދުވަހު ބުނީ، ގޮތުގައި އެ ގައުމުގެ ދިދައިގެ އަސްލު ގެއްލޭގޮތަށް އެމެރިކާގެ ރަސްމީ އިދާރާއަކުން ކަން ކޮށްފައިވާތީ، މިހާރުން މިހާރަށް އެމެރިކާ ވޯލްޑް ކަޕުން ވަކިކޮށް، 10 މެޗަށް ސަސްޕެންޑް ކުރުމަށް ގޮވާލާ ކަމަށެވެ.

އީރާނާއި އެމެރިކާ އާއި ދެމެދު ފުޓުބޯޅައިގެ ތެރޭގައިވެސް މިހާރު މައްސަލަތަކެއް އުފެދިފައިވާއިރު، އެ ދެ ޓީމުގެ ތެރެއިން، މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރު ކުރެވެން އޮތީވެސް، އެއް ޓީމު އަނެއް ޓީމާ ވާދަކޮށް ކުރި ލިބޭ ޓީމަކަށެވެ.

މިހާތަނަށް ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ވަނީ ދެ މެޗެއް ކުޅެފައެވެ. އެގޮތުން އީރާނުން ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން 2-6 އިން ބަލިވެފައިވާއިރު ދެވަނަ މެޗުގައި ވޭލްސް އަތުން 0-2 އިން ވަނީ މޮޅުވެފައެވެ. އެމެރިކާގެ ފުރަތަމަ މެޗުގައި ވޭލްސް އާއި ކުޅެ 1-1 އިން އެއްވަރުވެފައި ވާއިރު ދެވަނަ މެޗުގައި އިންގްލެންޑާއި ދެކޮޅަށް ކުޅެ 0-0 އިންވީ އެއްވަރެވެ.

މި ހަތަރު ޓީމު ހިމެނޭ ގްރޫޕުގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު، ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި އޮތީ އިންގްލެންޑެވެ. ދެވަނަގައި ތިން ޕޮއިންޓާއެކު އީރާން އޮތްއިރު ތިންވަނައިގައި ދެ ޕޮއިންޓާއެކު އޮތީ އެމެރިކާ އެވެ. އަދި ފުލުގައި އޮތް ވޭލްސް އަށް އެއް ޕޮއިންޓު ވަނީ ލިބިފައެވެ.

އެހެންކަމުން މި ގުރޫޕުން ރައުންޑް އޮފް 16 ގެ ޖާގަތައް ހޯދާ ޓީމުތައް ކަށަވަރުވާނީ މިމަހުގެ 30 ވަނަ ދުވަހުގެ 00:00 ގައި ކުޅޭ މެޗުތަކަށް ފަހުއެވެ. އެގޮތުން އީރާން އިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެމެރިކާ އާއި ދެކޮޅަށް ނުކުންނައިރު އިންގްލެންޑް ނުކުންނާނީ ވޭލްސް އާއި ދެކޮޅަށެވެ. އީރާން އަށް މެޗު އެއްވަރު ކޮށްލައިގެންވެސް އަދި މޮޅުވެގެންވެސް ރައުންޑް އޮފް 16 ގެ ޖާގައެއް ލިބޭއިރު، އެމެރިކާ އަށް އޮތް ހަމައެކަނި މަގަކީ މެޗުން މޮޅުވުމެވެ. މި ދެ މެޗުވެސް ފަށާނީ އަންގާރަ ދުވަހުގެރޭ ދަންވަރު 12 ޖަހާއިރުއެވެ.

comment ކޮމެންޓް