ފެނާއި ނަރުދަމާ ބިލުކުރާ އަގުތައް އެއްހަމަކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހަށް ނިންމަން އަންގަނީ

ގްރިޑުގެ މަސައްކަތުގައި ސްޓެލްކޯގެ ޓެކްނީޝަނުން -- ފޮޓޯ/ ސްޓެލްކޯ

ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް ބިލު ކުރަމުންދާ އަގުތަކުގައި ހުރި ތަފާތުކުރުންތައް އެއްހަމަ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމަން އެންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިލު ކުރުމުގެ އަގުތައް އެއްހަމަ ކުރުމުގެ މަސައްކަތް ކުރުމަށް އެންގުމަށް ނިންމާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 56 މެމްބަރުންގެ އިއްތިފާގުންނެވެ.

ސްޓެލްކޯއާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ރަށްރަށާއި މާލެ ސަރަޙައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި، އެކަން ހަމަހަމަކުރުމަށް ގޮވާލައި ގަރާރު ހުށަހެޅުއްވީ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާންއެވެ.

އެ މައްސަލަ ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީންނެވެ. ކޮމިޓީ ރިޕޯޓު މިއަދު މަޖިލީހުން ފާސްކޮށްފައިވާއިރު ކޮމިޓީން ވަނީ އެކި މޮޑެލްތަކާއި އެކި ޓެކްނޮލޮޖީގައި ކަރަންޓު އުފައްދަން ކުރަންޖެހޭ ޚަރަދު ތަފާތު ކަމަށް ބުނެފައެވެ.

އެ ތަފާތުތަކަށް ރިއާޔަތްކޮށް، ސީދާ ޓެރިފަށް ކުރާ އަސަރު ދެނެގަނެ، ކަރަންޓުގެ ޚިދުމަތް ހަމަހަމަގޮތެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ފުރިހަމަ ރިވިއުއެއް ހެދުމަށް ވެސް ފާސްކޮށްފައިވެއެވެ.

އޭގެ އިތުރުން މާލެއާއި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުގެ ޓެރިފް ރޭޓުތައް އެކި ގިންތިތަކަށް އެއް ހަމަ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އެންގުމަށް ވަނީ ނިންމާފައެވެ.

ކަރަންޓު ދިނުމަށް ބޭނުންކުރާ ސިސްޓަމްތަކުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް އެންގުމަށް ވެސް މިއަދު ފާސްކޮށްފައިވެއެވެ. އެގޮތުން ޑީސެލްގެ ޚަރަދު ކުޑަކޮށްގެންނާއި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުން ކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރު ކޮށް، ޓެރިފް ރޭޓުތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށް އަންގާފައިވެއެވެ.

އެ މައްސަލަ ދިރާސާ ކުރުމުގައި މާލެއާ އަޅާބަލާއިރު ރާއްޖޭގެ އެހެން ރަށްރަށުގައި ސަރުކާރުގެ އިމާރާތްތަކާއި ވިޔަފާރިތައް ވަރަށް މަދުކަން ފާހަގަވެފައިވާ ކަމަށް ކޮމިޓީން ބުންޏެވެ.

އެހެންކަމުން ގޭބިސީތަކަށް ނުއަގުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ވިއްކައިގެން ލިބޭ ގެއްލުން ދެކޮޅު ޖެއްސުމުގެ ފުރުސަތު ރަށްރަށުގައި ހަނި ކަމަށް ކޮމިޓީން ފާހަގަ ކުރެއެވެ. އަދި ވިޔަފާރިތަކުން ލިބޭ އާމްދަނީ މަދުވެއްޖެނަމަ، އެ ފުރުސަތު އިތުރަށް ހަނިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމިޓީން ބުނީ އަހަރުން އަހަރަށް ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާތީ ސޯލާ ނިޒާމުތައް ގާއިމްކުރަން ޖެހިފައިވާ ކަމަށެވެ. އެ މައްސަލަ ދިރާސާކުރުމުގައި ކޮމިޓީން ވަނީ އެންވަޔަރަމަންޓް މިިނިސްޓްރީއާއި، ފެނަކަ އަދި ސްޓެލްކޯގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކޮށްފައެވެ.

comment ކޮމެންޓް