ނަޝީދުގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ޝަރީފްގެ އަތުން 10 މިލިއަން ހޯދަން ދައުވާކޮށްފި

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ ކިބައިން ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯދުމަށް ރައީސް ނަޝީދު ދައުވާ ކޮށްފިއެވެ.

ރައީސް ނަޝީދު ތަމްސީލް ކުރައްވާ ލޯ ފާމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމަނިކުފާނު ގަތުލު އާންމެއް ހިންގަން އުޅުއްވި ކަމަށް ބުނެ މެމްބަރު ޝަރީފް މިމަހުގެ 25 ވަނަ ދުވަހު ކުރެއްވި ޓްވީޓާ ގުޅިގެން އޭނާގެ ކިބައިން އަބުރާބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދީ، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް މިއަދު ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.

މެމްބަރު ޝަރީފް ކުރެއްވި ޓްވިޓުގައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓައިލުމަށް 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫންގެ އިސްތަށިފުޅުގައި އަޅުވަން ރައީސް ނަޝީދު ރޭއްވެވި ކަމަށާއި، އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓްރީ ގްރޫޕުން ގަރާރެއް ފާސްކުރި ކަމަށެވެ. އަދި، ރާވާފައި އޮތީ އެކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށްވެސް ޓްވީޓުގައިވެއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިފައިވަނީ އެޓްވީޓުގެ ސަބަބުން އެމަނިކުފާނަށް ލިބިފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

comment ކޮމެންޓް