އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަކީ މިނިވަން މުއަސަސާއެއް ކަމަށާއި އެ ކޮމިޝަނަށް ހުށަހަޅައިފައިވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައިގައި އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށް އޭސީސީން ބުނެފިއެވެ.
އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި މިނިސްޓަރު ނަހުލާ އާއި އެމިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު މާލީ ތަނަވަސްކަން ހޯދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި މީގެކުރިން ހުންނެވި ބޭފުޅަކު ވަނީ އޭސީސީއަށް މައްސަލައަށް ހުށަހަޅައިފައެވެ.
އޭސީސީއަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ބުނެފައިވަނީ އެ އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގެ ނާޖާއިޒް ފައިދާ ނަގައިގެން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އޭސީސީން އެ މައްސަލަ ތަހުގީގު ކުރަން ބޭނުން ވިޔަސް އެ ފުރުސަތު ސަރުކާރުން ނުދޭނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މި ސަރުކާރަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރަމުންދާ ސަރުކާރެއް ކަމަށާއި، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް މިނިސްޓަރު ނަހުލާއާމެދު ފިޔަވަޅު އަޅަން ކެރިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުރޭގެ މި ވާހަކައާ ބެހޭ ގޮތުން އޭސީސީއާ ސުވާލުކުރުމުން އެ ކޮމިޝަނުގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ މިއަދު "ސަން"އަށް ވިދާޅުވީ އޭސީސީ އަކީ މިނިވަން މުއައްސަސާއެއް ކަމަށާއި އެއްވެސް މައްސަލައެއްގައި އެ ކޮމިޝަނަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.
"އެއްވެސް މައްސަލައެއްގައި އެއްވެސް ބައެއްގެ ނުފޫޒެއް ކޮމިޝަނަކަށް ނުފޯރާނެ. ދެން އެހެންވީމަ ނަހުލާގެ މައްސަލައެއްގައި ވެސް ނުފޯރާނެ،" އޭނާ ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ ކޮންމެ މައްސަލައެއް ވެސް އޭސީސީއަށް ހުށަހެޅުމުން ކުރިއަށް ގެންދާ މަރުހަލާތަކުގެ ތެރެއިން ނަހުލާގެ މައްސަލަ ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި މިހާރު އެ މައްސަލަ ވަނީ އޭސީސީގައި ރެޖިސްޓްރީ ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީ ކުރި ކަމުގެ ތުހުމަތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ވެސް ވަނީ ދާދިފަހުން ސަސްޕެންޑް ކޮށްފައެވެ. އަދި ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ފިޔަވަޅު އަޅައިދިނުމަށް އެދި މިނިސްޓަރު ނަހްލާ ވަނީ ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވައިފައެވެ.