ޅ. އަތޮޅު ހޮސްޕިޓަލުގައި ވަސީލަތް ނެތިގެން ބަންދުކުރާ ހިސާބަށް ގޮސްފި: ޝިޔާމް

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް --- ފޮޓޯ/ މަޖިލިސް

ޅ. ނައިފަރުގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގައި ވަސީލަތް ނެތި އެތަން ބަންދުކުރާ ހާލަތަށް ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

އެއަތޮޅު ހޮސްޕިޓަލްގައި ހުންނަ ހަމައެކަނި އޮޕަރޭޝަން ޑޮކްޓަރު މި ފަހުން ވަނީ ފިލައިފައެވެ. އޭގެ ސަބަބުން އޮޕަރޭޝަންތައް ކުރުން ވަނީ މެދުކެނޑިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ސަރުކާރުން ރައްޔިތުން އަތުން ޓެކްސް ނަގައިގެން ކުރާ ކަންތައްތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. ޅ. އަތޮޅު ހޮސްޕިޓަލުގައި ވަސީލަތް ނެތި އަތޮޅު ހޮސްޕިޓަލަކުން ފޯރުކޮށްދޭން ޖެހޭ ފެންވަރުގެ ޚިދުމަތް އެތަނުން ރައްޔިތުންނަށް ނުލިބޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން، ހޮސްޕިޓަލުގައި ހުރި ހޭނައްތާ މެޝިން ހަލާކުވެފައި ހުންނަތާ ހަ މަސް ދުވަސް ވެފައިވާ ކަމަށާއި، ހޮސްޕިޓަލަށް ފޮނުވާ ޑޮކްޓަރުން ފިލައިގެން އެހެން ރަށްރަށަށް ދަނީ ހޮސްޕިޓަލުގައި އެކަށީގެންވާ ވަސީލަތް ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މުލިއްސެއް ޖަހައިގެން މުލިހި ފަޅާލަން ވެސް ޅ. އަތޮޅު ހޮސްޕިޓަލުން އެޚިދުމަތް ނުދެވޭތީ މިޖެހެނީ މާލެ އަންނަން. ދެން ޓެކްސް ނަގައިގެން މިކުރާ ކަންތައްތަކާ ދޭތެރޭ ދިވެހި ރައްޔިތުން އެބަ ސުވާލު އުފައްދާ އިއްޒަތްތެރި ރައީސް. ށ، ނ، ރ، ބ، އަދި ކ އަތޮޅުންވެސް މީހުން ޅ. އަތޮލު ހޮސްޕިޓަލަށް ޚިދުމަތް ހޯދަން ދޭ. އެހެންނަމަވެސް މިއަދު ކިހިނެއްތޯ. ޅ އަތޮޅު ހޮސްޕިޓަލް އެހުންނަ ނައިފަރު މީހާވެސް މިޖެހެނީ މާލެ އަންނަން. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

މެމްބަރު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައީ ޅ އަތޮޅު ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ވައުދުވެގެން ކަމަށެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ފާއިތުވީ ހަތަރު އަހަރު ތެރޭ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުމަށް އިތުރު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ސީ އެމްބިއުލަންސްގެ ޚިދުމަތް ޅ. އަތޮޅު ހޮސްޕިޓަލަށް ނުލިބޭތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާކަން މެމްބަރު ފާހަގަކުރެއްވިއެވެ. އަދި، އެ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ނުކޮށް އެ އަތޮޅު ހިންނަވަރުގައި 200 މިލިއަން ރުފިޔާގެ ހޮސްޕިޓަލެއް ގާއިމް ކުރާތީ ޝިޔާމް ވަނީ އެކަމާ ސުވާލު އުފައްދަވައިފައެވެ.

ރައީސް ޞާލިޙް ނިސްބަތްވާ އަތޮޅުގެ ވާހަކަ މި ދައްކަނީ. ރައީސް ޞާލިހް މާ ރަނގަޅުވާނެ ވަޑައިގެން ޅ. އަތޮޅު ހޮސްޕިޓަލުގައި ތަޅު އެޅުއްވިއްޔާ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

މެމްބަރު ޝިޔާމް ވިދާޅުވީ ޅ. އަތޮޅު ހޮސްޕިޓަލުގެ ހާލަތާއި ރައްޔިތުންގެ ހުރި ކަންބޮޑުވުން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށެވެ.

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރި ހަމައެކަނި އޮޕަރޭޝަން ޑޮކްޓަރު ފިލައިގެން ގޮސްފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު ރަށުގެ ރައްޔިތުންނާއި އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ގިނަ އަދަދެއްގެ މީހުން އަންނަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް