48 ދަޅު ބަނގުރަލާއެކު ފޭސްދެއަކުން ބިދޭސީއަކު ހައްޔަރު ކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން އަތުލައިގެން ބަނގުރާ ދަޅުތައް --- ފޮޓޯ/ ފުލުހުން

ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެ ދެވަނަ ފިޔަވަހިން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވަނީ 30 އަަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލެ ޕޮލިހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން ބަނގުރާ ފެނުމާ ގުޅިގެން ކަމަށެވެ.

އެގޮތުން، ހުޅުމާލެ ފޭސް ދޭއް ނިރޮޅުމަގު ބުރިޖު ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ހުޅުމާލެ ދެވަނަ ފިޔަވަހި ޕެޓްރޯލް ކުރަމުންދިޔައިރު، ސައިކަލެއްގައި ދިޔަ ދެ މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު އެ ސައިކަލުގެ މަޑިދަށުން ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި އެއީ ކީއްވެ ކަމެއް ފުލުހުން ނުބުނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ދަނީ އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް