ވަޓްސްއެޕް ބޭނުންކުރާ 487 މިލިއަން ފޯނު ނަންބަރު ލީކުކޮށްފި

ވަޓްސްއެޕް ބޭނުން ކުރާ އެތައް މިލިއަން މީހުންގެ ފޯނު ނަންބަރު އޮންލައިންކޮށް ލީކުކޮށްފައިވާ ކަމަށް ޚަބަރު ފެތުރިއްޖެއެވެ.

ސައިބާސެކިއުރިޓީއާ ގުޅުން ހުރި ޚަބަރުތައް ގެނެސްދޭ ސައިބާނިއުސްއިން ރިޕޯޓުކުރި ގޮތުގައި ވަޓްސްއެޕް ބޭނުން ކުރާ 487 މިލިއަން ފޯނު ނަންބަރު ވަގަށް ނަގައި، މަޝްހޫރު ހެކިން ކޮމިއުނިޓީ ފޯރަމެއްގައި ވަނީ ވިއްކަން ޖަހާފައެވެ.

ސައިބާނިއުސްގައިވާ ގޮތުން ލީކުކޮށްފައި ވަނީ 84 ގައުމެއްގައި ވަޓްސްއެޕް ބޭނުން ކުރާ މީހުންގެ މައުލޫމާތެވެ. އޭގެ ތެރޭގައި އެމެރިކާގެ 32 މިލިއަނަށްވުރެ ގިނަ ނަންބަރާއި އިނގިރޭސިވިލާތުގެ 11 މިލިއަން ނަންބަރާއި ރަޝިޔާގެ 10 މިލިއަނަށްވުރެ ގިނަ ފޯނު ނަންބަރު ހިމެނޭ ކަމަށް އެ ނޫހުގައިވެއެވެ.

މީގެ އިތުރުން މިސްރުގެ 45 މިލިއަން ނަންބަރާއި އިޓަލީގެ 35 މިލިއަން ނަންބަރާއި ސައުދީ އަރަބިއްޔާގެ 29 މިލިއަން ނަންބަރާއި ފްރާންސްގެ 20 މިލިއަން ނަންބަރާއި ތުރުކީގެ 20 މިލިއަން ނަންބަރާއި އިންޑިއާގެ ހަ މިލިއަން ނަންބަރު ވަގަށް ނަގާފައިވާ ކަމަށް، އެ މައުލޫމާތު ހެކް ކުރި ބަޔަކު ބުނާ ކަމަށް ސައިބާނިއުސްއިން ރިޕޯޓުކުރިއެވެ.

ހެކަރުންގެ ފޯރަމްގައި މިޑޭޓާތައް ވިއްކަން ހުރިއިރު، އެމެރިކާގެ ޑޭޓާސެޓް ވިއްކަމުން ދަނީ 7،000 ޑޮލަރަށެވެ. އަދި އިނގިރޭސިވިލާތުގެ ސެޓް 2500 ޑޮލަރަށް ވިއްކަން ހުރިއިރު ޖަރުމަނުގެ ސެޓް ހުރީ 2000 ޑޮލަރަށް ކަމަށް ސައިބާނޫހުގައިވެއެވެ.

އެ ނޫހަށް ލިބިފައިވާ ހެކަރުންގެ މައުލޫމާތުން، އެ ހުރިހާ ނަންބަރަކީ ވެސް މިހާރުވެސް ވަޓްސްއެޕް ބޭނުންކުރާ ނަންބަރުތައްކަން އެނގުނު ކަމަށް ސައިބާނިއުސްގައިވެއެވެ.

އެރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި، ހެކަރުން ވަގަށް ނަގާފައިވާ މައުލޫމާތު، އޮންލައިންކޮށް ކުރިއަށްގެންދާ ތަފާތު ކުށްތަކަށް ބޭނުން ކުރެވޭނެއެވެ.

ވަޓްސްއެޕް ބޭނުން ކުރާ މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަށްޓަކައި ތަފާތު ފީޗާތައް ތައާރަފުކޮށްފައިވެއެވެ. އެގޮތުން "އޮންލައިން ސްޓޭޓަސް" ފޮރުވުމާއި ޕްރޮފައިލް ފޮޓޯ ވަކި ބަޔަކަށް ނުފެންނަ ގޮތް ހެދުން ހިމެނެއެވެ.

comment ކޮމެންޓް