ސްޕެއިނާއި ޖަރުމަނުގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ސްޕެއިންއިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ---

ފީފާ ވޯލްޑްކަޕްގައި ޖާމަނީއާ އެއްވަރުކޮށް ސްޕެއިންއިން ދެވަނަ ބުރާއި ފިޔަވަޅެއްހާ ގާތަށް ޖެހިލިއިރު، ޖަރުމަނަށް އަމިއްލަ ބާރު ގެއްލިއްޖެއެވެ.

ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މުޅި ގޭމު ކޮންޓްރޯލް ކުރީ ސްޕެއިން އިންނެވެ. އެޓީމުން ވަނީ މިހާފުގައި ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ސްޕެއިންގެ ޖޯޑީ އަލްބާ ވަނީ ބާރު ހަމާލާއެއް އޭރިއާ ބޭރުން އުފައްދާފައެވެ. އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ޖަރުމަނުންވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިއެވެ. އެ ޓީމުގެ ސާޖް ގެނާބްރީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ޖަރުމަނު ޓީމަށް ހިފެހެއްޓުނީ 31.6 އިންސައްތަ ބޯލް ޕޮޒެޝަން އެވެ. މިއީ 1966 ވަނަ އަހަރު މިފަދަ ތަފާސްހިސާބުތައް ބަލަހައްޓަން ފެށިފަހުން، ވޯލްޑް ކަޕުގެ މެޗެއްގެ ހާފެއްގައި އެޓީމުގެ ބޯލް ޕޮޒެޝަން އެންމެ ދަށްވި ފަހަރެވެ.

މީގެކުރިން އެ ޓީމުގެ އެންމެ ދަށް ބޯލް ޕޮޒެޝަން އެއްގެ ގޮތުގައި ރެކޯޑު ކުރެވިފައި ވަނީ 1986 ވަނަ އަހަރު މޮރޮކޯ އާއި ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އެއީ 39 އިންސައްތައެވެ.

ދެވަނަ ހާފު ފަށައިގެން ޖަރުމަނު ޓީމުން ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހޭތޯ ކުރި މަސައްކަތުން މެޗުގެ 56 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭނާ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ސްޕެއިންގެ ކީޕަރު އުނައި ސިމޮންއެވެ.

ސްޕެއިންއާއި ޖާމަނީ ބައްދަލުކުރި މެޗުގެ ތެރެއިން--- ގެޓީ/ އިމޭޖްސް

މެޗުގެ 62 ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ ގޯލެއްޖަހައި ލީޑުނަގައިފައެވެ. އެ ގޯލަކީ ޖޯޑީ އަލްބާ ނެގި ހުރަހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލްވާރޯ މޮރާޓާ ޖެހި ގޯލެެކެވެ. މިއީ މިފަހަރުގެ މުބާރާތުގައި މޮރާޓާ ޖެހި ދެވަނަ ލަނޑެވެ. ކޮސްޓަރިކާ އާއި ދެކޮޅަށް ކުޅެ ސްޕެއިން 0-7 ގެ ނަތީޖާއަކުން މޮޅުވި މެޗުގައިވެސް މޮރާޓާ ލަނޑު ޖެހިއިރު، އެ މެޗުގައިވެސް އޭނާ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ސްޕެއިންގެ ލަނޑަށްފަހު ޖަރުމަނު ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށް، އެޓޭކިންގް ގޭމެއް ކުޅެން ފެށިއެވެ. އެގޮތުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް، ސްޕެއިންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައި، ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ.

މި މަސައްކަތުގައި ޖަރުމަނަށް ކާމިޔާބުވީ މެޗުގެ 83 ވަނަ މިނެޓުގައެވެ. ޖަރުމަނު ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީ، މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައި ދިން ލަނޑަކީ، މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނިކޮލަސް ފުލްކުރުގް ޖެހި ގޯލެކެވެ.

މި ނަތީޖާއާއެކު ސްޕެއިން އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެ ގްރޫޕްގެ ހުރިހާ ޓީމެއް ދެ މެޗު ކުޅެފައިވާއިރު ސްޕެއިންއަށް އެއްވަނަ ލިބުނީ ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޖަޕާން އޮތީ ތިން ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި ކޮސްޓަރިކާ ތިން ޕޮއިންޓާއެކު އޮތްއިރު ތާވަލުގެ ފުލުގައި ޖަރުމަނު އޮތީ އެއް ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް