އެމްޑީއޭ ސަރުކާރުގައި އެކަނިވެރި މައިންނަށް ޚަރަދު ނުދޭ މައްސަލަ ހައްލުކުރާނަން: ސިޔާމް

އެމްޑީއޭގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ސަރުކާރުގައި, ކައިވެނި ރޫޅި ދަރިންބިކަވާ އެކަނިވެރި މައިންނަށް ޚަރަދު ނުދޭ މައްސަލަ ކޯޓުގެ ތެރެއިން ބަލައި އެކަމަށް ދެކޮޅުޖެހޭ ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކުން މިހާރު ފެންނަނީ އެމްޑީއޭ ކުލައިގެ ޓީޝާޓްލާތަން ކަމަށެވެ.

"އެމްޑީއޭ ސަރުކާރެއްގައި ރާއްޖޭގައި މިހާރު ހުރި އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދަދޭނަން،" ސިޔާމްގެ ޓްވީޓުގައިވެއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާމް ވާދަކުރައްވަން ނިންމަވާފައިވާއިރު، އެހާތަނަށް އަންނަ އިރު އެމްޑީއޭ ވަރުގަދަކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަގެންދެއެވެ. އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުން މިހާތަނަށް ދިހަ ހާހަށްވުރެ ގިނަ މެމްބަރުން އެ ޕާޓީއަށް ވަނީ ސޮއިކޮށްފައެވެ.

ސިޔާމް ވިދާޅުވެފައިވަނީ 2023 ކާމިޔާބުކުރާނީ އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދައިކަމަށެވެ. އަދި އެމްޑީއޭގެ އަމާޒަކީ ފުރަތަމަ ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް