ކްރެޝް ލޭންޑިން އެކްޓަރުންނަށް ދަރިއަކު ލިބިއްޖެ!

މިހާތަނަށް ކޮރެއާ އިން ނެރުނު އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯ ކަމަށްވާ "ކްރެޝް ލޭންޑިން އޮން ޔޫ" އިން ދިމާވެ ކައިވެނި ކުރި އެކްޓަރު، ސޮން ޔެޖިން އާއި ހިޔުން ބިން އަށް ދަރިއަކު ލިބިއްޖެއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން، އެ ދެ ތަރިން ފުރަތަމަ ޔަގީންކޮށްދިނީ ދެ މީހުން އެކުގައި ކުޅުނު ނެޓްފްލިކްސް ކޮރެއާ ޑްރާމާ "ކްރެޝް ލޭންޑިން އޮން ޔޫ" ނިމުމަށް ފަހު، ޑިސެމްބަރު 2020ގައެވެ. އެ އަހަރު ނެޓްފްލިކްސް އިން މި ޑްރާމާ ގެނެސްދިނުމާ އެކު އެ ދެ ތަރިން ވެފައި ވަނީ އޮން-ސްކްރީންގައި ވެސް އެންމެ މަގުބޫލު އެއް ޖޯޑަށެވެ.

އެއަށްފަހު އެ ދެމީހުން ކައިވެނިކޮށްފައި ވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ދެ މީހުންގެ މެނޭޖްމެންޓް ގްރޫޕް ކަމަށްވާ ވާސްޓް އެންޓަޓެއިންމެންޓް އާއި އެމްއެސް އެންޓަޓެއިންމެންޓް އިން ވަނީ ދާދިފަހުން އެ ދެ މީހުންނަށް ދަރިއެއް ލިބިފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އަދި ދެމަފިރިންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެއް ކަމަށްވެސް މެނޭޖްމެންޓު ޓީމުން ބުނެއެވެ.

މި ދެ ތަރިން ދިމާވީ އެކުގައި މަސައްކަތް ކުރި ބައެއް ޕްރޮޖެކްޓުތަކުންނެވެ. އަދި ދެ ތަރިން އެކުގައި ކުޅުނު ޑްރާމާ އަށް ފަހު، އެމީހުންގެ މެދުގައި ލޯބީގެ ހާއްސަ ގުޅުމެއް އުފެދުނެވެ. މި ޝޯ ބެލި ގިނަ ބަޔަކު ވަނީ ހަމަ ރަނގަޅަށް ވެސް ރޮއްވާލާފައެވެ.

މި ޝޯއިން ފެނިގެންދާނީ ދެކުނު ކޮރެއާގެ ވިޔަފާރިވެރި އަންހެނަކު ޕެރަގްލައިޑިންއެއް އުދުއްސަނިކޮށް އެކްސިޑެންޓެއްވެ، އުތުރު ކޮރެއާގެ ފަސްގަނޑަށް ވެއްޓޭ ފަހުން ދިމާވާ ކަންތައްތަކެކެވެ. އެ ހިސާބުން އޭނާއާ ދިމާވާ އުތުރު ކޮރެއާގެ ސިފައިންގެ މީހަކު ރައްކާތެރިކަމާ އެކު އޭނާ އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތް ދައްކައެވެ. މި ކަންތައްގަނޑުގެ ތެރޭގައި ދެމީހުންގެ ދެމެދުގައި ލޯބި އުފެދެން ފަށައެވެ.

comment ކޮމެންޓް