ސައިބާ ކްރައިމް ރާއްޖޭގައި އިތުރުވާތީ ގާނޫނަށް އިސްލާހު ގެންނަނީ

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ކުށްތައް ރާއްޖޭގައި އިތުރުވާތީ، ސައިބާކްރައިމްގެ އަމަލުތަކަކީ ކުށްކަމުގައި ކަނޑައެޅުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ރައީސް އޮފީހަށް ހުށަހަޅައިފިއެވެ.

މި ތިން އިސްލާހުގެ ސަބަބުން އިލެކްޓްރޯނިކް ހެކި އެކުލެވޭ ކުށްތައް ހުއްޓުވާ ފިޔަވަޅު އެޅުމުގެ ބާރު އިދާރާތަކަށް ލިބިދޭނެއެވެ. އަދި އެފަދަ ކުށްތައް ތަހުގީގުކޮށް ދައުވާ އުފުލުމުގައި އަމަލުކުރާނެ އުސޫލުތަކެއް އެކުލަވާލާނެއެވެ. އެގޮތުން އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތަށާއި، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށާއި ޖިނާއީ އިޖުރާތުގެ ގާނޫނަށެވެ.

މި ބިލުގައި ވާގޮތުން، ގާނޫނުލްއުގޫބާތަށް ހުށަހަޅާ މައިގަނޑު އިސްލާހުތަކަކީ:

  • ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން.
  • އިތުރު ކުށެއް ކުރުމަށް މަގުފަހި ކުރުވުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން.
  • ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަސެޕްޓް ކުރުން.
  • ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާއަށް އިންޓަފިއާ ކުރުން.
  • ނަހަމަ ގޮތުގައި ޑިވައިސް ބޭނުންކުރުން.
  • ސައިބާ ވަޔަލަންސްގެ އަމަލުތައް.
  • ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް.
  • ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް.

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ މައިގަނޑު ބަދަލުތައް:

  • އިލެކްޓްރޯނިކް ހެކި ހޯދުމާއި އެފަދަ އެހެންކަންކަމާ ގުޅޭގޮތުން ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ އުސޫލުތައް.
  • ސައިބާކްރައިމްގެ ކުށްތަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ދިވެހި ރާއްޖެއިން ބޭރު ގައުމުތަކަށް ވަގުތުން ފޯރުކޮށް ދިނުމަށްޓަކައިއާއި ބޭރު ގައުމުތަކުން ދިވެހި ރާއްޖެއަށް ހޯދުމަށްޓަކައި 24/7 ނެޓްވޯކެއް ގާއިމްކުރުމާ ގުޅޭ އުސޫލުތައް.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާ އިސްލާހުތައް:

  • ސާވިސް ޕްރޮވައިޑަރުން ސަބްސްކްރައިބާ އިންފޮމޭޝަން އަދި ކޮމިއުނިޓީ ޑޭޓާ ރިޓެއިން ކުރުމާ ގުޅޭ އިޖުރާއަތު.
  • ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވް ކުރުމަށާއި ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާ ގުޅޭ އިޖުރާއަތު.
  • ކޮމްޕިއުޓާ ޑޭޓާއާއި ސަބްސްކްރައިބާ އިންފޮމޭޝަން ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެ އަމުރު ތަންފީޒުކުރުމުގެ އިޖުރާއަތު.
  • ރައްކާކޮށްފައިވާ ކޮމްޕިއުޓާ ޑޭޓާ ބަލާ ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތު.
  • ޓްރެފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމަށް ކޯޓު އަމުރު ހޯދުމާއި އެ އަމުރު ތަންފީޒުކުރުމުގެ އިޖުރާއަތު.
comment ކޮމެންޓް